ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރެކެވެ. ދިރިއުޅުމުގެ އާންމު އާދަތަކަށްވެސް ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެކެވެ. މިއާއެކު އެންމެ ބޮޑު ބަދަލަކާ ކުރިމަތިލާންޖެހޭ ބަޔަކީ ގޭތެރޭގެ ހުރިހާ ކަމެއް ބެލެހެއްޓުމުން ޒިންމާއާއި ހަވާލުވެގެން ތިބި އަންހެނުން ކަމާ މެދު ދެބަސްވާނީ މަދު މީހެކެވެ. ވަކިން ހާއްސަކޮށް މީހުންގެ އަނބިންނާ، ދަރިންގެ މައިންނަށް މި ދުވަސްވަރުގެ ބުރަތައް އުފުލަން ޖެހެނީ މަދު ފަހަރަކު ނޫނެވެ.
ކިތަންމެ ބުރަވެގެން ދިޔަ ކަމުގައި ވީ ނަމަވެސް، ރަމަޟާން މަހާއެކު މުސްލިމުންގެ ހިތަށް ލިބިގެންދާ ހަމަޖެހުމާ އުފާވެރިކަމުގެ ވާހަކައަކީވެސް ނުދައްކާ ދޫކޮށްލެވޭނެ ވާހަކަތަކެއް ނޫނެވެ.
"އަހަރުގެ އެހެން ދުވަސްތަކާ އަޅާ ބަލާއިރު ރޯދަ މަހު ބުރަވޭ. ވަރުބަލިވެސްވޭ. އެކަމަކު އާއިލާގެ މެމްބަރުންނާއެކު ސުފުރާ މަތީގައި އެ ހޭދަކޮށްލަން ލިބޭ ވަގުތުކޮޅާއެކު އުފާވެރިކަން ވެރިވޭ. އެއީ އަގުނުކުރެވޭ ވަރުގެ ވަގުތުކޮޅެއް" ހެލިފެކްސްގައި ފުލްޓައިމް ވަޒީފާއެއް އަދާކުރަމުންދާ މަންމައެއްކަމަށްވާ ހީނާ ތޯރިގު ކިއާދިނެވެ.
ހާރުކާ ގަޑިޖެހެންދާއިރު އެންމެ ފުރަތަމަ ހޭލާ މީހަކީ ހީނާއެވެ. ހީނާ އާއި އޭނާގެ ފިރިމީހާގެ އިތުރުން 8 އަހަރުގެ ފިރިހެން ދަރިފުޅަށް ހާރު ތައްޔާރުކޮށް ފަތިހު 04:00 ޖަހާއިރު ހާރު ކައިގެން ތަށިތައް ނަގާ ސާފުކުރުމަށްފަހު އޭނާ މިސްރާބު ޖަހަނީ އޮފީހަށެވެ. އޮފީހުގެ މަސައްކަތްތައް ވީ އެންމެ އަވަހަކަށް ނިންމާލުމަށްފަހު ގެއަށް އައިސް އިފްތާރަށް އެއްޗިހި ތައްޔާރުކުރުމުގައި ހަރަކާތްތެރިވެއެވެ. ނަމަވެސް އެކަމުގައި މާ ގިނަ ވަގުތެއް ހޭދައެއް ނުކުރެއެވެ. އެއީ ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރަކަށް ވާތީއެވެ.
އަޅުކަން ކުރުމަށް ވަގުތު ހޯދުމަށްޓަކައި ހީނާ ވަނީ ދުރާލާ ތައްޔާރީތަކެއްވެސް ވެފައެވެ. އިފްތާރާ ސުހޫރަށް ބޭނުންކުރެވިދާނެ ބައެއް ކަހަލަ ކާބޯތަކެތި ދުރާލާ ތައްޔާރުކުރުމަކީ ރޯދަ މަހުގެ ވަގުތުތައް އަޅުކަމަށް ހާއްސަކުރުމަށް ލިބިދޭ އެހީއެއް ކަމަށް ހީނާ ބުނެއެވެ. މިގޮތަށް ކަން ކުރުމުން ރޯދަ މަހު ކެއްކުމުގައި ހޭދަކުރަންޖެހެނީ ނިސްބަތުން މަދު ވަގުތުކޮޅެކެވެ.
ރަޙުމާ މުޙައްމަދަކީ އެޑްމަންޓަންގައި 3 ދަރިން ގޮވައިގެން ދިރިއުޅެމުންދާ މައެކެވެ. އޭނާގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ދަރިންގެ ކަންތައްތައް ކުރަމުން، ގެއެއް ބަލަހައްޓަމުން ރަމަޟާން މަހުގެ ރޭ އަޅުކަމުގައި އޭނާ ހިތްފުރެންދެން ބައިވެރިނުވެވުމެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ރަޙުމާ ވަނީ އިންޓަނެޓްގައި ފޮތެއް އާންމުކޮށްފައެވެ. މި ފޮތަކީ، އޭނާ ފަދަ އެހެން އަންހެނުން ރަމަޟާން މަހުގެ ކަންކަން ބަހާލައިގެން ކުރާ ގޮތް ހިއްސާކޮށް، އެކަކު އަނެކަކަށް ހިތްވަރުދީ، ކަންކަން ހައްލުކުރާނެ ފަސޭހަ ގޮތްތައް ބުނެދޭ ފޮތެކެވެ. ރަޙުމާ ބުނާ ގޮތުގައި މިއީ މުސްލިމު އުޚުތުންގެ ކުޑަ ކޮމިއުނިޓީއެކެވެ.
ދެން އޮތީ ގޭގައި އުޅޭ ފިރިހެނުންގެ ވާހަކައެވެ. ރަމަޟާން މަހަކީ ފިރިހެންވެރިންނަށް ނިދަން ލިބޭ އީދެއް ކަމުގައި ބައެއްފަހަރުވެދެއެވެ. މިހެން ދިމާވަނީ އެކަށީގެންވާ މިންވަރަށް ދީނީ މައުލޫމާތު ލިބިފައި ނެތުމާ ޣާފިލުވުމުގެ ސަބަބުންނެވެ. މިކަމަށް ހައްލު ހޯދުމުގެ ގޮތުން ދީނީ ދަރުސްތަކައް ދިއުން ފަދަ ކަންކަން ކުރެވިދާނެއެވެ. އަދި ގޭގައި އުޅޭ ފިރިހެނުންނަކީވެސް ގޭތެރޭގެ ޒިންމާތައް ނަގާ ބަޔަކު ކަމުގައި ހެދުމަށް ދުރާލާ މަސައްކަތްތަކެއް ކުރެވިދާނެއެވެ.