އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ރަޖީވް ގާންދީ އަވަހަރަވެވަޑައިގަތީވެސް އެންމެ ބޮޑަށް ކޮރަޕްޓް ވެފައިވާ "1 ނަންބަރު ކޮރަޕްޓް"ގެ ގޮތުގައި ކަމަށް ވިދާޅުވެ، އިންޑިއާގެ މިހާރުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ، އިދިކޮޅު ކޮންގްރެސްގެ ލީޑަރު ރާހުލް ގާންދީއަށް ވަރުގަދަ ހަމަލާއެއް ދެއްވައިފިއެވެ.

ރަފޭލް ޖެޓް ޑީލުގެ މައްސަލާގައި ރާހުލްގެ ބޮޑެތި ފާޑުވިދާޅުވުންތަކެއް މޯދީއަށް އަމާޒުވެފައިވަނިކޮށް ރަޖީވް ގާންދީއަށް ފާޑުވިދާޅުވެ ރާހުލް ގާންދީއަށް މޯދީ ހަމަލާ ދެއްވާފައިވާއިރު، ރާހުލް ގާންދީ ކުރައްވަމުންގެންދަވާ ތުހުމަތުތަކަކީ މޯދީގެ ނަންފުޅު ކިލަނބު ކުރައްވަން ރާހުލް ކުރައްވާ ކަމެއް ކަމުގައިވެސް މޯދީ ވަނީ ތުހުމަތު ކުރައްވާފައެވެ.

އުއްތަރަ ޕްރަދޭޝްގައި ކުރިއަށްދިޔަ ރެލީއެއްގައި ވާހަކަފުޅު ދައްކަވަމުން މޯދީ ވިދާޅުވީ ރަޖީވް ގާންދީއަކީ އެންމެ "ސާފު" ޝަހްސުގެ ގޮތުގައި ޕްރޮމޯޓްކޮށްފައިވަނީ އެމަނިކުފާނުގެ ޕާޓީ މެމްބަރުންކަމަށާ، ހަގީގަތުގައި ރަޖީވް ގާންދީއަކީ ހިޔާނާތްތެރިއެއް ކަމަށެވެ.

މުރާސިލުން ލަފާކުރާ ގޮތުގައި މޯދީގެ މި ފާޑުވިދާޅުވުމަކީ، 1980ގެ އަހަރުތަކުގައި ކޮންގްރެސްގެ ސަރުކާރަށް ބޮޑެތި ލޮޅުންތަކެއް ކުރިމަތިކުރުވާ، ވެރިކަމުން އެތައް އަހަރަކަށް އެކަހެރިކޮށްލި ބޯފޯޒް މައްސަލައަށް ކުރެއްވި އިޝާރާތެކެވެ. މިއީ ސުވިޓްޒަލޭންޑްގެ ހަތިޔާރު އުފައްދާ ކުންފުނި "ބޯފޯޒް"އާއި ރަޖީވް ގާންދީއާއި ދެމެދު ހިނގާދިޔަކަމަށް ބުނާ މަޝްވަރާތަކަކާ ގުޅޭ ކޮރަޕްޝަންގެ މައްސަލައެކެވެ. މިމައްސަލާގައި ރަޖީވް ގާންދީ ރިޝްވަތުގައި ހިއްޕެވި ކަމުގެ އެއްވެސް ހެއްކެއް ނެތްކަމަށް އިންޑިއާގެ ހައިކޯޓުން ވަނީ ކަނޑައަޅާފައެވެ.

ފަރަންސޭސިވިލާތުގެ ކުންފުންޏަކުން ރަފޭލް ޖެޓް ބައްލަވައިގަތް މައްސަލާގައި މޯދީއާއި ދެކޮޅަށް ހިޔާނާތާ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ފެންމަތިވެފައިވާއިރު، ކޮންގްރެސްގެ ވެރިކަމެއްގައި އެ މައްސަލަ ތަހުގީގު ކުރެވިގެންދާނެ ކަމަށް ރާހުލް ގާންދީ ވަނީ ވިދާޅުވެފައެވެ.

ރާހުލް ގާންދީ އަވަހާރަކޮށްލެވުނީ 1991 ވަނަ އަހަރުއެވެ.