ޖައްވު ހޫނު ކުރާ ވިހަ ގޭހެއް ކަމަށްވާ ކާބަން ޑައިއޮކްސައިޑް (ސީއޯޓޫ) ދުނިޔެ ތެރޭގައި ހުރި މިންވަރު ވަޒަންކޮށް ޗާޓުކުރުމަށް ބޭނުންވާ އާލާތެއް، އެމެރިކާގެ ޖައްވީ އިދާރާ (ނާސާއިން)، ބައިނަލްއަގުވާމީ ޖައްވީ ސްޓޭޝަން (އައިއެސްއެސް)އަށް ފޮނުވައިފިއެވެ.

"އޯސީއޯ3"ގެ ނަން ދީފައިވާ މި އިންސްޓްރޫމަންޓް އައިއެސްއެސްއަށް ފޮނުވާފައިވަނީ ފެލްކަން ރޮކެޓެއްގެ އެހީގައެވެ. މި ރޮކެޓް އުދުއްސާލާފައިވަނީ ފްލޮރިޑާއިންނެވެ. މި އާލާތް އުފައްދާފައިވަނީ 2014 ވަނަ އަހަރު ދުނިޔޭގެ އޯބިޓަށް ފޮނުވާލި "އޯސީއޯ2" ސެޓެލައިޓް އުފައްދަން ބޭނުންކުރި ސާމާނުން ބާކީވިތަކެތި ބޭނުންކޮށްގެންނެވެ. "އޯސީއޯ2"އަކީވެސް ދުނިޔޭގައި ސީއޯޓޫ ހުރި މިންވަރު ވަޒަންކުރުމަށް ޖައްވަށް ފޮނުވާލި ސެޓެލައިޓެކެވެ.

އިންސާނުންގެ އާދަކާދަ ހުންނަ ގޮތުން، މިހާރުވެސް އަހަރަކު ގާތްގަނޑަކަށް 40 ބިލިއަން ޓަނުގެ ސީއޯޓޫ ޖައްވުގެ ތެރެއަށް އަރައިގެންދެއެވެ. މީގެ ދެބައިކުޅަ އެއްބަޔަކީ ދުނިޔޭގެ ވައިގެ ފަށަލަ ނުވަތަ އެޓްމޮސްފިއާގައި ހަރުލާ ބަޔަކަށް ވާއިރު، ދުނިޔެ ހޫނު ކުރުމަށްވެސް އެންމެ ބޮޑަށް މެދުވެރިވަނީ މި ސަބަބާ ހެދިއެވެ.