ގިނަ އަދަދަކަށް ދިވެހިން ދިރިއުޅެމުންދާ އަވަށްޓެރި ސްރީލަންކާގައި ދިރިއުޅެމުންދާ އާންމު ފަރާތްތަކުގެ އަތުގައި ކަނޑިއާއި ބޮޑެތި ވަޅިއާއި އެފަދަ ތިލަ ލީޒާތުގެ ތޫނު ހަތިޔާރުތައް ކަމާ ބެހޭ ފަރާތްތަކާ ހަވާލު ކުރުމަށް ސްރީލަންކާގެ ފުލުހުން ގޮވާލައިފިއެވެ.

ސްރީލަންކާގެ އެކި ހިސާބުތަކަށް އަމާޒުކޮށް މިދިޔަ މަހު ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ސްރީލަންކާގައި ސަލާމަތީ ފިޔަވަޅުތައް އިންތިހާއަށް ވަރުގަދަކޮށްފައިވާއިރު، ހޯމަ ދުވަހު ފަށާ ބަރާކަތްތެރި ރަމަޟާން މަހާ ދިމާކޮށް ޓެރަރިސްޓުންގެ އިތުރު ހަމަލާތަކެއް އަމާޒުވެދާނެ ކަމުގެ އިންޒާރު ވަނީ އެކި ފަރާތްތަކުން ދީފައެވެ.

މިއަދުގެ ނިޔަލަށް ތޫނު ހަތިޔާރުތައް ހަވާލުކޮށް ނިންމަންޖެހޭއިރު، މީގެ ތެރޭގައި ގެވެހި ބޭނުންތަކަށް ގެންގުޅޭ ވަޅި ނުހިމެނޭކަމަށް ސްރީލަންކާ ފުލުހުން ވަނީ ބުނެފައެވެ.

އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތަކާ ގުޅިގެން ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ކުރިއަށް ގެންދާ ބަލާފާސްކުރުމުގެ ހަރަކާތުގެ ތެރެއިން މިހާތަނަށްވެސް އެތައް ސަތޭކަ ހަތިޔާރެއް ވަނީ އަތުލައިގެންފައެވެ.

ތިލަ ލީ ތޫނު ހަތިޔާރުގެ އިތުރުން، ސްރީލަންކާގެ އަސްކަރިއްޔާއާއި ފުލުހުން ބޭނުންކުރާ ކެމޯފްލާޖު ޔުނީފޯމުތަކާ އެއްގޮތަށް ފަރުމާކޮށްގެން ހަދާފައިވާ "ޔުނީފޯމް"ތައްވެސް ކަމާ ބެހޭ ފަރާތްތަކާ ހަވާލުކުރަންޖެހޭ ކަމަށް ސްރީލަންކާ ފުލުހުންގެ ތަރުޖަމާނު ގުނަސޭކަރު ވަނީ ހާމަކުރައްވާފައެވެ.

ތޫނު ހަތިޔާރާ ޔުނީފޯމު ހަވާލުކުރާ ފަރާތްތަކަށް އެއްވެސް ކަހަލަ ބަދަލެއް ދިނުމަށް ހަމަޖެހިފައިވާކަމެއް ނުވަތަ ނޫންކަމެއް އަދި ކަށަވަރެއް ނުވެއެވެ.

ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގިނަ ބަޔަކު ގެންގޮސްފައިވާއިރު، އަދިވެސް ހައްޔަރު ނުކުރެވޭ 30 އަކަށް މީހުން އެބައުޅޭކަން ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ވަނީ ފާހަގަކުރައްވާފައެވެ.