އަންހެނަކު އޭނާގެ ލޯބިވެރިޔާއަށް ބޭސް ކަމަށް ބުނެ ޑްރެއިން ކުލީނަރެއް ކަމަށްވާ 'ޑްރާނޯ' ބޯންދީގެން "އަބަދުގެ އަބަދަށް ނިންދަވާލަން" މަސައްކަތްކޮށްފިއެވެ.

އުމުރުން 50 އަހަރުގެ ފިރިހެން މީހާ ވަނީ އަންހެން މީހާ ދިން 'ޑްރަނޯ'އަކީ ބޭސް ކަމަށް ހިތާ ބޯލާފައެވެ. އެކަމުގެ ސަބަބުން އޭނާ މަރުނުވެ، ފުރާނަ ސަލާމަތްވެފައިވަނީ ކިރިޔާއެވެ.

ވިހައެއްގެ ދަރަޖާގައި ގިންތިކޮށްފައިވާ 'ޑްރާނޯ' ބޭނުންކޮށްގެން ލޯބިވެރިޔާ މަރާލަން އުޅުމަށްފަހު ފިރިހެން މީހާ ހޮސްޕިޓަލަށް ގެންގޮސްދިނީވެސް އަންހެން މިހާއެވެ. އަދި އޭނާއަށް 'ޑްރާނޯ' ދީފައިވާ ކަމަށް ސިއްހީ ހިދުމަތްތެރިޔާ ގާތު އަންހެން މީހާ ބުނި ހިސާބުން ފުލުހުންނަށް އެ މައްސަލަ ހުށަހެޅީ ހޮސްޕިޓަލުން ކަމަށްވެއެވެ.

ފިރިހެން މީހާއަށް އަދިވެސް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އޭނާއަށް ދާއިމީ ގެއްލުންތަކެއް ލިބިފައި ހުރުން އެކަށީގެންވާކަމަށް ޚަބަރު ލިބެއެވެ.

އަންހެން މީހާ މިވަގުތު ހުރީ ޖަލު ބަންދުގައެވެ. އޭނާއާއި ދެކޮޅަށް ދައުވާ ކުރަމުންދަނީ ގަސްތުގައި މީހަކު މަރާލަން އުޅުނު ކަމުގެ ކުށުގަޔާ، ޝައްކު ކުރެވޭ އެއްޗެއް މީހަކަށް ބޯންދިން ކަމުގެ ކުށުގައެވެ.