އެމެރިކާގެ ހޮސްޕިޓަލެއްގައި ކިޑްނީ ޓްރާންސްޕްލާންޓް އޮޕަރޭޝަނެއްކޮށް މީހެއްގެ ފުރާނަ ސަލާމަތްކުރުމަށް ބޭނުންވި ކިޑްނީ ގުނަވަން، ޑްރޯންގެ އެހީގައި ޑެލިވާކޮށް ރެކޯޑް ހަދައިފިއެވެ.

މިއީ މިފަދަ ގޮތަކަށް ސިއްހީ ދާއިރާގައި ކުރި ފުރަތަމަ، ކާމިޔާބު ތަޖުރިބާއެވެ. މިއާއެކު ސިއްހީ ހިދުމަތްތައް ފުޅާ ކުރުމުގައި މިފަދަ ޑްރޯންތައް ބޭނުންކޮށް ކުރިއެރުންތަކެއް ހޯދިދާނެ ކަމުގެ އުއްމީދުވަނީ އާލާވެފައެވެ. ވަކީން ހާއްސަކޮށް، އެކަހެރި އެފްރިކާގެ ސަރަހައްދުތަކަށް ސިއްހީ ހިދުމަތް އެކަށީގެންވާ ރަނގަޅު ފެންވަރެއްގައި ފޯރުކޮށްދެވިދާނެ ކަމުގެ ފުރުސަތު ބޮޑު ކަމަށް މިހާރު ވަނީ ގަބޫލުކުރެވެން ފަށާފައެވެ.

ކިޑްނީ ހިފައިގެން ދަތުރުކުރި ޑްރޯން ފަރުމާކޮށްފައިވަނީ އެ ގުނަވަނުގެ ކަންކަން ފުރިހަމައަށް މޮނިޓާ ކުރެވޭނެ ޓެކްނޮލޮޖީއާއިވެސް އެކުގައެވެ. މި ކިޑްނީ ޓްރާންސްޕްލާންޓްކޮށްފައިވަނީ 8 އަހަރު ދުވަސްވަންދެން ކިޑްނީއަކަށް އިންތިޒާރު ކުރަމުންދިޔަ، އުމުރުން 44 އަހަރުގެ މީހެއްގެ ހަށިގަނޑުގައެވެ.

އެންމެ ފަހުން ލިބިފައިވާ 2018 ވަނަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެމެރިކާއިން އެކަނިވެސް ކިޑްނީ ބޭނުންވެގެން 114000 މީހުން ވެއިޓްލިސްޓުކޮށްފައިވާއިރު، އެކި ފަރާތްތަކުން ހަދިޔާ ކުރާ ބައެއް ކިޑްނީ، ބަލި މީހާއަށް ލިބޭއިރު އޮންނަނީ ވަގުތު ފާއިތުވެފައެވެ. ބައެއް ފަހަރު 2 ގަޑި އިރު ނުވަތަ އެއްވުރެވެސް ލަސްވާ ފަހަރު އާދެއެވެ.

ޑްރޯން މެދުވެރިކޮށް ފޯރުކޮށްދިން ކިޑްނީ ޓްރާންސްޕްލާންޓްކުރި މީހާ މިހާރުވަނީ ހޮސްޕިޓަލުންވެސް ދޫކޮށްލާފައެވެ.