ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ތޫފާން "ފޯނި" މާދަމާ އިންޑިއާގެ އޮޑިއްޝާގެ އައްސޭރިފަށަށް އަރާނެކަމަށް ލަފާކުރެވޭތީ، އަށް ލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުށްފިއެވެ.

އިންޑިއާގެ މޫސުމާބެހޭ އިދާރާއިން އެންމެ ފަހުން ނުރުނު މޫސުމާ ބެހޭ މައުލޫމާތަަށް ބަލާ އިރު، ތޫފާން ފޯނި ވަރުގަދަވެ އޭގެ ނުރައްކާ ބޮޑުވެފައިވާކަން ވަނީ ހާމަކޮށްފައެވެ. އަދި މާދަމާ ފޯނި ދަތުރު ކުރަމުންދާނީ ވިސާކާޕަތްނަމްގެ 230 ކިލޯ މީޓަރު އިރުން އަދި ޕުރީގެ ދެކުނު ހުޅަނގުން 420 ކިލޯމީޓަރު ދުރުން ކަމަށެވެ. އަދި ފޯނި މާދަމާގެ މެންދުރުގެ ވަގުތެއްގައި ޕުރީ ފަސްދީ ދާނެ ކަމަށާއި، ތޫފާނުގެ ސަބަބުން ގަޑިއަކު 170 އާއި 180 ކިލޯމީޓަރުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި، ވައިގަދަވާއިރު 200 ކިލޯމީޓަރު ބާރު މިނުގައި ވައިގަދަވާނެ ކަމަށެވެ.

ތޫފާނާއި ގުޅިގެން އިންޑިއާގެ ދިފާއީ ބާރު އޮތީ އެލާޓަށް ގެނެސްފައެވެ. އަދި ކިޔައިވައިދޭ މަރުކަޒުތައް ބަންދު ކޮށް އައްސޭރިފަށުގައި ދިރިއުޅެމުންދާ އަށް ލަައްކައަށްވުރެ ގިނަ މީހުން ރައްކާތެރި ސަރަހައްދުތަކަށް ވަނީ ބަދަލުކޮށްފައެވެ. އަދި ތޫފާން އަރާ ވަގުތަށް ފަޔާ އެންޑް ރެސްކިއުގެ 50 ޓީމެއް ތައްޔާރީ ހާލަތުގައި އޮތްކަން ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

ތޫފާނާއި ގުޅިގެން 103 ރޭލު ދަތުރު ކެންސަލް ކޮށްފި

ރޭލް އޮޕްރޭޓަރުން މިހާތަނަށް 103 ރޭލު ދަތުރު ކެންސަލް ކޮށްފައިވާ އިރު، ދެ ރޭލެއް އެހެން ސަރަހައްދަކަށް ޑައިވާޓްކޮށްފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެެވެ. ކެންސަލް ކުރި ބައެއް ރޭލުތަކުގެ ތެރޭގައި ހޮއުރާ ޗެންނާއި ސެންޓްރަލް ކްރޮމަންޑަލް އެކްސްޕްރެސް، ޕަޓްނާ-އިރަނަކުލަމް އެކްސްޕްރެސް، ނިއުދިއްލީ-ބުބަނެސްވަރު ރާޖްދާނީ އެކްސްޕްރެސް، ހޮއުރާ-ހައިދްރައާބާދު އީސްޓް ކޯސްޓް އެކްސްޕްރެސް، ބުބަނޭސްވަރު-ރާމޭސްވަރު އެކްސްޕްރެސް ހިމެނެއެވެ.

ބައެއް ރޭލް ދަތުރުތައް ކެންސަލްކޮށް ބައެއް ރޭލުތައް ވަނީ ޑައިވާޓްކޮށްފައި

ރެއިލްވޭތަކުން ބުނަނީ، ކެންސަލްކުރި އަދި ޑައިވާޓް ކުރަން ޖެހުނު ރޭލްތަކުން ދަތުރުކުރަން ޓިކެޓް ނެގި ފަސިންޖަރުންނަށް ފުލް ރިފަންޑް ދޭނެކަމަށެވެ. އަދި ރިފަންޑް ދޭނީ ފުރާ ދުވަހުގެ ތިން ދުވަސް ކުރިން ޓިކެޓް ނަގާ ކެންސަލް ކުރަން ޖެހުނު ޓިކެޓްތަކަށް ކަމަށް ރެއިލްވޭތަކުން ބުނެއެވެ.

ހާއްސަ ރޭލު ދަތުރުތައް ބާއްވަނީ

ބައެއް ރޭލްތަކުގެ ދަތުރުތައް ކެންސަލްކޮށް ޑައިވާޓްކޮށްފައި ވީނަމަވެސް، އިރުމަތީ އައްސޭރިފަށުގެ ރެއިލްވޭއިން ހާއްސަ ރޭލު ދަތުރުތަކެއް ޕުރީއިން ކޮލަކަތާގެ ޝާލިމާރަށް ދަތުރުކުރާނެ ކަމަށެވެ. އަދި މިއީ ފޯނީގެ ސަބަބުން މުދާ ކައިރި ސަރަހައްދުގައި އުޅޭ ޓުއަރިސްޓުންނަށް ހާއްސަކޮށް ބާއްވާ ދަތުރުތަކެއް ކަމަށާއި، ދަތުރުތައް މެންދުރު 12 ޖަހާއިރު ފަށާނެ ކަމަށެވެ. އަދި މި ރޭލުތައް ކުރްދާ މަގު، ބުބަނޭސްވަރު، ކަޓަކް، ޖަޖްޕޫރު ކެންދޫޖާ މަގު، ބަދްރަކް، ބަލަސޯރު އަދި ކަރަގްޕުރޫގައި މަޑުކުރާނެ ކަމަށް ބުނެއެވެ.

8 ލައްކަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފި

ތޫފާން ފޯނީގެ ސަބަބުން އޮޑިއްސާގެ އައްސޭރިފަށުގައި ދިރިއުޅެމުން ދިޔަ އަށް ލައްކައަށްވުރެ ގިނަ މީހުން ވަނީ ރައްކާތެރި ހިސާބުތަކަށް ބަދަލުކޮށްފައެވެ. އަދި 879 ސައިކްލޯން ސެންޓަރު އޮޑިއްސާގައި ގާއިމްކޮށް ބަދަލުކުރި މީހުންނަށް އެހީތެރިވުމުގައި ހަރަކާތްތެެރި ވާނެކަމަށް ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ. މީހުން ބަދަލުކުރަމުން ދަނީ ޕޫރީ، ޖަގަތްސިންގްޕޫރު، ކެންދްރަޕާރާ، ބަދްރަކް، ބަލަސޯރު، މަޔުރްބާންޖި، ގަޖާޕަތި، ގަންޖަމް، ކޯރްދާ، ކަޓަކް އަދި ޖަޖްޕޫރުންނެވެ.

މީގެ އިތުުރުން ތޫފާނާއި ގުޅިގެން، ޗުއްޓީގައި ތިބި ހަކަތައާއި ބެހޭ ޑިޕާޓްމަންޓްގެ ހުރިހާ މުވައްޒަފުންގެ ޗުއްޓީ ކެންސަލްކޮށް ކުއްލި ހާލަތަށް ވަނީ ގެނެސްފައެވެ. އަދި ތޫފާނުގައި ކަރަންޓް ކެނޑިދާނެތީ އެކަމަށް ސަމާލުވެ ޓީމްތައް ވަނީ ތައްޔާރު ކޮށްފައެވެ.

މީގެ އިތުރުން ޑޮކްޓަރުންނާއި ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ޗުއްޓީތައް ވެސް ވަނީ މިމަހުގެ 15 އާ ހަމައަށް ކެންސަލޮށްފައެވެ. އަދި ޗުއްޓީގައި ތިބި ހުރިހާ ފަރާތްތަކުން އަނބުރާ މަސައްކަތަށް ނުކުތުމަށް މިއަދު ހެލްތް ޑިޕާޓްމަންޓުން ވަނީ އަންގާފައެވެ.

އަދި އިންޑިއާގެ ޕޫރީގެ އައްސޭރިފަށުގައި ތިބި ޓުއަރިސްޓުން މިއަދު ހަވިރުގެ ކުރިން އައްސޭރިފަށާ ދުރު ހިސާބަކަށް ދިއުމަށް ވަނީ ކަމާބެހޭ ފަރާތްތަކުން އަންގާފައެވެ. އަދި ހުކުރު-ހޮނިހިރު މި ދެދުވަހު ތޫފާނުގެ ސަބަބުން ގެއްލުން ލިބިފަިއވާ ސަރަހައްދުތަކަށް ދަތުރުތައް ނުކުރުމަށް ވެސް ކަމާބެހެ ފަރާތްތަކުން ވަނީ ގޮވާލާފައެވެ.