ފޭސްބުކްގެ ކުޑައިގެ ދަށުން އޮޕަރޭޓްކުރަމުންދާ ސޯޝަލް މީޑިއާ އެޕްލިކޭޝަންތަކަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ހަމަޖެހިފައިވާކަމަށް ފޭސްބުކްގެ ވެރިޔާ މާކު ޒަކަބާގު ބުނެފިއެވެ.

ބަދަލު ގެންނަ އެޕްލިކޭޝަންތަކުގެ ތެރޭގައި ވަޓްސްއެޕާ އިންސްޓަގްރާމްވެސް ހިމެނެއެވެ.

އާ ފަރުމާތަކަކާ އިތުރު ފީޗާތަކަކާއެކު މި އެޕްލިކޭޝަންތަކަށް ގެންނަ ބަދަލަކީ ފޭސްބުކްގެ ސަބަބުން މީހުންގެ ސިއްރިއްޔާތަށް އުނިކަން އަންނަ ކަމުގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވެފާއިރު އެކަމަށް ބަދަލު ދިނުމުގެ ގޮތުން ގެންނަ ބަދަލުތަކެއް ކަމަށް ބުނެވެއެވެ.

ޒަކަބާގު ބުނީ ކުންފުނީގެ ޕްލޭންތަކުގައި އެންމެ ފުރަތަމަވެސް އެންމެ އިސް ސަމާލުކަމެއް ދޭނީ ކަސްޓަމަރުންގެ ސިއްރިއްޔާތު ހިފެހެއްޓުމަށް ކަމަށެވެ. ނަމަވެސް ގެއްލިފައިވާ އިތުބާރު އަލުން ހޯދުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށް ގަބޫލުކުރާކަން ޒަކަބާގު ވަނީ ހާމަކޮށްފައެވެ.

ފޭސްބުކްއާއި ގުޅިފައިވާ އެޕްލިކޭޝަންތަކަށް ގެންނަ ބޮޑެތި ބަދަލުތަކުގެ ތެރޭގައި މެސެންޖާއިން ފޮނުވާ މެސެޖުތައް އެންކްރިޕްޓްކޮށްގެން ފޮނުވާ ގޮތަށް ހަމަޖެއްސުން ފާހަގަކުރެވެއެވެ. މީގެ މާނައަކީ، ފޮނުވާ މެސެޖުތަކުގައި ލިޔެފައިވާ އެއްޗެއް ފޭސްބުކް ކުންފުންޏަށްވެސް ނުފެންނާނެ ކަމެވެ. އަދި ވަޓްސްއެޕްއާއި މުޅި ޕްލެޓްފޯމު ގުޅާލެވޭނެކަންވެސް ފޭސްބުކް ކުންފުނިން ވަނީ ހާމަކޮށްފައެވެ.

އިންސްޓަގްރާމަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ޕޯސްޓުތަކަށް "ލައިކް" ލިބެމުންދާ އަދަދު ހަމައެކަނި އެކައުންޓުގެ އޯނަރަށް ފެންނަ ގޮތަށް ބަދަލުކުރުން ފާހަގަކުރެވެއެވެ. ނަމަވެސް މިކަން އަދި އޮތީ ތަހުލީލީ މަރުހަލާއެއްގައެވެ.

ވަކިން ހާއްސަކޮށް ސޯޝަލް މީޑިއާ ޕްލެޓްފޯމުގައި ހިއްސާ ކުރާ މައުލުމާތު، ވަކި މުއްދަތެއް ހަމަވުމުން ސިސްޓަމުން މުޅިން ފޮހެވޭ ގޮތް ހެދުމަށްވެސް ފޭސްބުކް ކުންފުނިންވެސް ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ.