މިއަހަރުގެ ފުރަތަމަ 3 މަސްދުވަހުގެ ތެރޭގައި އެޕަލް އައިފޯނުގެ ވިޔަފާރި އިންތިހާއަށް ދަށަށް ގޮސްފައިވާތަކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
މިއަހަރުގެ ޖަނަވަރީ މަހާ މާޗު މަހާ ދެމެދު އެޕަލް ސޭލްސްގެ ވިޔަފާރި އިންތިހާއަށް ދަށަށް ގޮސްފައިވީ ނަމަވެސް ކޮންމެވެސް ވަރަކަށް ހަމައަކަށް އެޅެމުން އަންނަ ކަމަށް މައުލޫމާތު ލިބެއެވެ.
އެޕަލް ކުންފުނިން ބުނީ އައިފޯނުގެ ވިޔަފާރި %17 ދަށަށް ގޮސްފައިވާކަމަށާ، އެޕަލް ފޯނުގެ ވިޔަފާރިން ލިބިފައިވަނީ ގާތްގަނޑަކަށް 31 ބިލިއަން ޑޮލަރު ކަމަށެވެ.
އެޕަލްގެ ޗީފް އެގްޒެކެޓިވް ޓިމް ކުކް ވިދާޅުވީ، މާޗް މަހުގެ ފަހުކޮޅަށް އައިއިރު އައިފޯނުގެ ވިޔަފާރި ހެޔޮ ފާލަކަށް އެޅެން ފަށާފައިވާކަމަށެވެ. ނަމަވެސް އައިފޯނަށް އޮންނަ ޑިމާންޑް އިތުރުކުރުވުމުގެ ގޮތުން އެޕަލް ކުންފުނިން ވަނީ އައިފޯނުތަކުގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފައެވެ.
ކަންމިހެން އޮތް ނަމަވެސް އެޕަލް ކުންފުނިން ބުނީ ޖޫން މަހުގެ ނިޔަލަށް ނިމޭ މިއަހަރުގެ 2 ވަނަ 3 މަސްދުވަހުގެ ތެރޭގައި އެ ކުންފުނީގެ ވިޔަފާރި ރަނގަޅުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. މިއާއެކު، އެޕަލް ކުންފުނީގެ ހިއްސާގެ މުއާމަލާތްތައް ވަނީ %5 މައްޗަށް ޖެހިލާފައެވެ.
ދުނިޔޭގެ 1 ނަންބަރު ސްމާޓްފޯނުގެ މަގާމު އައިފޯނަށް ގެއްލުނީ ސަމްސަންގްއާއި ވާވޭގެ ސަބަބުންނެވެ.