މަންމަގެ ބަނޑަށް ދަރިފުޅު "ވަނީ" ކިހިނެއްތޯ ކުޑަ ދަރިފުޅު ސުވާލުކޮށްލުމުން އެކަމަށް ދެނީ ކޮން ޖަވާބެއް ހެއްޔެވެ؟ ޖިންސީ ގުވަންތަކަށް އާއިލާ ތެރޭގައި ކިޔާ އުޅޭ "ވަނަން"ތަކެއް ހުރޭ ހެއްޔެވެ؟ މި ސުވާލުތަކަށް ދޭނެ ޖަވާބު ހުއްޓެއް ކަމަކު، އުމުރުން އެންމެ 11 ވަރަކަށް އަހަރުގެ ދަރިފުޅު ތިބާ ގާތަށް އައިސް، މަންމާ "ސެކްސް" ނުވަތަ ޖިންސީ ގުޅުން ހިންގުމަކީ ކޮބައިތޯ ސުވާލުކޮށްލައިފި ނަމަ ދޭނީ ކޮން ޖަވާބެއް ހެއްޔެވެ؟ ކިތަންމެ ސިއްރު ކޮށްގެން އުޅުނު ކަމުގައި ވީ ނަމަވެސް، އެއީ އަދުގެ ވެށީގައި ބޮޑުވަމުން އަންނަ ކުއްޖަކަށް އަޑުއިވިފައި އޮތުން ގާތް ބަހަކަށް ވެދާނެއެވެ. އަދި ދަރިއަކު ހޯދުމާ އެކަމާ ގުޅުމެއް އޮތްތޯ އެ ދަރިފުޅު ސުވާލުކޮށްފިނަމަ ދެން ހަދާނީ ކިހިނެއް ހެއްޔެވެ؟

މިފަދަ ސީދާ ސުވާލުތަކަކުން ސަލާމަތްވުމަށްޓަކައި ގިނަ ބެލެނިވެރިން ތިބެނީ ދުރާލާ ނެޓެއް ޖަހައިގެންނެވެ. ނަމަވެސް ހަގީގީ މައުޟޫ އޮންނަނީ ގިނަ ފަހަރަށް އެއް ފަރާތް ކޮށްލެވިފައެވެ. ދަރިފުޅު ކުރާ މިފަދަ ސުވާލުތަކަށް ޖަވާބު ދިނުމަކީ މައިންބަފައިންނަށް މާ ފަސޭހަ ކަމަކަށްވެސް އޮންނަނީ ނުވެފައެވެ. ނަމަވެސް ދަރިފުޅާ އާއިލާއަށް ލިބިދާނެ އިތުރު ގެއްލުމަކާ ލަދަކުން ސަލާމަތް ވުމަށްޓަކައި މިފަދަ ސުވާލުތަކަކީ މައިންބަފައިންގެ ފަރާތުން ދަރިންނަށް ޖަވާބު ލިބިދޭން ޖެހޭ ސުވާލުތަކެކެވެ.

މަންމައަކު އޭނާގެ ދަރިފުޅާ ވާހަކަ ދައްކަނީ/ފޮޓޯ: ޓޮރޯންޓޯ ސްޓާ

ޖިންސީ ގުޅުމާ ބެހޭ ސުވާލުތަކަށް ޖަވާބު ދޭނީ ކިހިނެއް؟

ދިވެހި އާދަކާދަ ހުރި ގޮތުން ޖިންސީ ގުޅުމާ ބެހޭ ވާހަކަތައް ދަރިންނަށް ކިޔާދީ ހެދުމަކީ ގިނަ މައިންބަފައިން ފަސްޖެހޭ ކަމެކެވެ. ފުރާވަރަށް ދަރިފުޅު އަޅައިގެން އަންނައިރު އެ ދަރިފުޅުގެ ހަށިގަނޑަށް އަންނަ ބަދަލުތައް ކިޔާދިނުމަށް ފޮތެއް ދީގެ ފަރުޖައްސާ ލެވޭކަށް މިހާރަކު ނެތެވެ. އުމުރުން އެންމެ 9 އަހަރުގެ ކުއްޖާގެ ހިތުގައިވެސް ސުވާލު އުފެދެނީ މަދެއްކޮށެއް ނޫންކަން ގަބޫލުކުރަންޖެހެއެވެ.

ކުޑަ ދަރިފުޅު މިފަދަ ސުވާލެއް ކޮށްފިނަމަ ފުރަތަމަ ކަމަކީ، އެދަރިފުޅަށް އަޑުލައި، އަދަބު ދީ ނުހެދުމެވެ. ނުވަތަ އެ ދަރިފުޅު ކުރި ސުވާލުގެ ސަބަބުން ލިބުނު ކުއްލި ސިހުމުގައި ހިނިގަނޑެއް ޖަހާ، ޖޯކަކަށް އެކަން ނުހެދުމެވެ. އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ތެދުވެރިކަމާއެކު ދަރިފުޅަށް ޖަވާބުދާރީ ވުމަށެވެ. ނަމަވެސް އުމުރާ އެކަށޭނަ ގޮތަކަށެވެ. އެފަދަ ސުވާލެއް އިންޓަނެޓްގައި ޖަހައިގެން ގޫގްލް ކުރެން އެހުމުގެ ބަދަލުގައި މަންމަ ނުވަތަ ބައްޕަ ގާތު އެހީތީ ދަރިފުޅަށް ތައުރީފުވެސް ކުރަންޖެހޭނެއެވެ. އަދި ދަރިފުޅާ އެކަށޭނަ ލިޔެކިއުން ތަކަކުން އެ ދަރިފުޅަށް މައުލޫމާތު ފޯރުކޮށް ދިނުމަށް ފަހު، އިތުރު ސުވާލެއް އުފެދޭނަމަ ސީދާ މަންމަ ނުވަތަ ބައްޕައާ ސުވާލު ކުރުމަށް ދަރިފުޅު ގާތު ބުނެވިދާނެއެވެ. އަދި ދަރިފުޅާ ކުރާ ސުވާލަކީ އެއްވެސް ހާލެއްގައި "ގަމާރު" ސުވާލެއް ނުވަތަ "ވަހުޝީ" ސުވާލެއް ކަމުގެ އިހުސާސް ދަރިފުޅަށް ކޮށްދީގެން ނުވާނެއެވެ.

ދަރިފުޅުގެ ޖިންސީ ގުނަވަންތަކާ މެދު ސުވާލުކޮށް އަމިއްލައަށް އަތްލާ ހަދަންޏާ؟

ދަރިފުޅު ބޮޑު ކުރުމުގައި ހެދޭ އެންމެ ބޮޑު އެއް ގޯހަކީ ޖިންސީ ގުނަވަން ތަކަށް ދެވިފައިވާ އަސްލު ނަންތައް ފޮރުވާ، އާއިލީ ވަނަންތަކެއް ދެވޭ ގޮތްވުމެވެ. އިލްމީ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި ޖިންސީ ގުނަވަން ތަކަށް ވަނަން ދިނުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. ޖިންސީ ގުނަވަނުގައި އާދަޔާ ހިލާފު ގިނައިން ދަރިފުޅު އަތްލާ ނަމަ އެކަމަކީ ހުއްޓުވެން ޖެހޭނެ ކަމެކެވެ. އަދި ސިއްހީ އެހީތެރިއެއްގެ އިރުޝާދާ އެހީތެރިކަން ހޯދުން ބުއްދިވެރިއެވެ. ކަނޑައެޅިގެން ނޫނެކޭ ބުނެ އެކަން ހުއްޓުވަން މަސައްކަތް ކުރުމަކީ، ބައެއް ކުދިންނަށް އެފަދަ ކަންކަން ކުރުމަށް ދެވޭ ހިތްވަރަކަށްވެސް ވާ ގޮތްވެއެވެ.

ފެންވަރަން ބާތު ޓަބުގައި އިން އަންހެން ކުއްޖެއް/ފޮޓޯ: ޕްރޮޕެލް ސްވިމް އެކަޑެމީ

ޖިންސީ ގުޅުމުގެ ވާހަކަ ދައްކަންވީ ކޮން އުމުރަކު؟

މި ސުވާލަށް ދޭނެ ވަކި ޖަވާބެއް ނެތެވެ. ދަރިފުޅު ސުވާލު ކޮށްފިނަމަ އުމުރާ އެންމެ އެކަށޭނަ ގޮތަށް އެ ޖަވާބު ދޭންވީއެވެ. ނަމަވެސް އެކަށީގެން ނުވާ ތަފްސީލު ދިނުމާ، އެފަދަ ކަމެއް ކުރުމަށް ދަރިފުޅަށް ހިތްވަރު ދޭ ފަދަ މޭރުމަކުން ވާހަކަ ނުދެއްކުން މުހިންމެވެ. ހަމަ މިފަދައިން، ދަރިފުޅުގެ ހިތުގައި ސުވާލުތަކެއް އުފެދި، އަމިއްލައަށް ތަޖުރިބާ ކުރަން އުޅުން ފަދަ ކަމަކުން ދަރިފުޅު ދުރުގައި ބަހައްޓަން ސަމާލުވާން ވާނެއެވެ. އެކަށީގެންވާ ގޮތެއްގައި ޖަވާބު ނުދެވިއްޖެނަމަ، މިހާރު އިންތިހާއަށް ތިޔާގި ވެފައިވާ އިންޓަނެޓްގެ ޒަރިއްޔާއިން އެކަށީގެން ނުވާ މިންވަރަކަށް މައުލޫމާތު ހޯދާ، ނޭދެވޭ އާދަތަކެއްގެ ތެރެއަށް ދަރިފުޅު ގެނބިގެން ދިއުމުގެ ނުރައްކާ އޮތްކަން ދަންނަންޖެހެއެވެ.

ގޭގައި އުޅޭ އެހެން ކުދިންގެ އައުރަ ފޮރުވުން

ވިސްނާނުލާ ނަމަވެސް ހެދޭ އެންމެ ބޮޑު ގޯހަކީ ކުޑަކުދިންގެ އައުރު ނިވާ ކުރުމަށް ސަމާލުކަން ނުދެވުމެވެ. ނަމަވެސް ވިސްނާލަންވީ ކަމަކީ، އުމުރުން އެންމެ 4 އަހަރުގެ އަންހެން ކުއްޖަކުވެސް އޭނާގެ ފިރިހެން ކޮއްކޮގެ ޖިންސީ ގުނަވަން ތަފާތު ގޮތަކަށް ހުންނާތީ ސުވާލުކޮށްފާނެ ކަމެވެ. އެ ސުވާލަށް ޖަވާބެއް ދިނުމަކީ މާ ފަސޭހަ ކަމަކަށް ނުވާއިރު، ހުރިހާ ކުދިންނަށްވެސް ސިއްރު ގުނަވަންތަކެއް ހުންނާނެކަން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ބުނެދެމުން ދިއުމަކީ އެންމެ އެދެވިގެންވާ ގޮތެވެ.

މިހުރިހާ ކަމަކަށް ވިސްނާއިރު، ކޮންމެ ކަމަކާ މެދުވެސް މަންމަ ނުވަތަ ބައްޕަ ނުވަތަ އެ ދަރިފުޅުގެ ހުރިހާ ޒިންމާއަކާ ހަވާލުވެގެން ހުރި ޒިންމާދާރު ބެލެނިވެރިޔާއާ މިނިވަން ކަމާއެކު ސުވާލު ކުރުމުގެ ފުރުސަތު އޮތްކަން ދަރިފުޅަށް ކަށަވަރު ކޮށްދޭން ޖެހޭކަން ހަނދާނުގައި ބަހައްޓަން ވާނެއެވެ.