އެމެރިކާގެ މަޝްހޫރު ކުޅިވަރު މަޖައްލާ ސްޕޯޓްސް އިލަސްޓްރޭޑަޓްގެ ސުވިމް ސޫޓު އަދަދުގެ މޮޑެލްއަކަށް ހިޖާބު އެޅި މުސްލިމަކު ފުރަތަމަ ފަހަރަށް ހަމަޖައްސައިފިއެވެ.

ސްޕޯޓްސް އިލަސްޓްރޭޑަޓްގެ ސުވިމް ސޫޓު އަދަދުގެ މޮޑެލްއަކަށް ހަމަޖައްސާފައިވަނީ އުމުރުން އެންމެ 21 އަހަރުގެ ހަލީމާ އެޑެންއެވެ. ސޮމާލީ ދަރިކޮޅުގެ ހަލީމާ އާންމުންގެ ސަމާލުކަން އެންމެ ފުރަތަމަ ދަމައިގަތީ މިސް މިނެސޯޓާ ޔޫއެސް ބިއުޓީ ޕެޖަންޓުންނެވެ. އެއީ ހިޖާބު އެޅި މޮޑެލްއެއް އެ މުބާރާތުގައި ވާދަކުރި ފުރަތަމަ ފަހަރެވެ. ހަލީމާ ވަނީ އެފަހަރު ސެމީ ފައިނަލުގައިވެސް ވާދަކޮށްފައެވެ.

އެނުއަލް ސުވިމް ސޫޓު އަދަދުގައި ހަލީމާ ފެނިގެންދާނީ ހިޖާބު އަދި ބުރުކީނީގައި ކަމަށް މައުލޫމާތު ލިބެއެވެ. ބުރުކީނީއަކީ ހިޖާބު އަޅާ ފެތުންތެރިންނަށް ހާއްސަކޮށްފައިވާ "ބިކިނީ"އެކެވެ.

ސްޕޯޓްސް އިލަސްޓްރޭޑަށް މޮޑެލްކޮށްދޭން ލިބުމާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ހަލީމާ ބުނީ މިއީ އޭނާގެ ހުވަފެން ހަގީގަތަކަށް ވުން ކަމަށެވެ. ހަލީމާ ބުނީ މިއީ ކުޅިވަރު މައިދާނަށް މުސްލިމު އަންހެން ކުދިން އަހުލުވެރިކޮށް އާންމު މުޖުތަމައުން މުސްލިމު އަންހެން ކުދިންނަށް ހައްގު ފުރުސަތުތައް ހޯދުމަށް މުސްލިމު އަންހެން ކުދިންނަށް ލިއްބައިދޭނެ ހިތްވަރަކަށް ވާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

ސްޕޯޓްސް އިލަސްޓްރޭޑަޓްގެ ސުވިމް ސޫޓު އަދަދަށް ހަލީމާ މޮޑެލް ކުރި މަންޒަރުތައް މުޅިންވެސް ނަގާފައިވަނީ އޭނާ އުފަންވި ބިން ކަމަށްވާ ކެންޔާގެ ވަޓަމޫ ބީޗްގައެވެ. ރެފިއުޖީ ކޭމްޕަކަށް އުފަންވި ހަލީމާ އެމެރިކާއަށް ބަދަލުވީ އޭނާގެ އުމުރުން 7 އަހަރުގައެވެ.

ރެފިއުޖީއެއްގެ ގޮތުގައި އެމެރިކާއަށް ދަތުރުކުރި ހަލީމާ ބުނީ ބޮޑުވަމުން އައި ދުވަސްވަރު މަޖައްލާއެއް ބަލާލި ކަމުގައި ވީ ނަމަވެސް މުލިސްމު މޮޑެލްއެއް ހިޖާބުގައި ހުއްޓާ ނުފެންނަ ކަމަށެވެ.

ސްޕޯޓްސް އިލަސްޓްރޭޑަޓްގެ ސުވިމް ސޫޓު އަދަދަށް ހަލީމާ މޮޑެލް ކުރުމުން އެކަމަށް ގިނަ ބަޔަކު ތައުރީފުކުރަމުންދާއިރު ބައެއް މުސްލިމުން ވަނީ އެކަމާ ދެކޮޅަށް އަޑުއުފުލާފައެވެ. އެގޮތުން ހިޖާބެއް އެޅިއެއްކަމަކު "ވަހުޝީ" ގޮތްގޮތަށް މޮޑެލް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ހަލީމާއަށް ފާޑުކިއުންތައް އަމާޒުކުރަމުންނެވެ.

ސްޕޯޓްސް އިލަސްޓްރޭޑަޓްގެ އެނުއަލް ސުވިމް ސޫޓު އެޑިޝަންގެ މިއަހަރުގެ އަދަދު އާންމު ކުރާނީ މެއި 8 ވަނަ ދުވަހުއެވެ.