ޕަބްޖީގެ އަވާގައި ނުޖެހޭ މީހަކު މަދޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ބަލިވެ ގުޑިނުލެވޭ ވަރުގެވެގެން ޑޮކްޓަރަށް ދައްކަން ގޮސް ތިން ހަތަރު ކިއުގައި މަޑުކުރަންޖެހުމުން ކުރިން ޝަކުވާ ކުރި ކިތަންމެ ބަޔަކު މިއަދު ޕަބްޖީގެ މަސްތުގައިޖެހި، 5 ގަޑިއިރުވެ، ނަންބަރު "ކަޓާ" ހިސާބަށް ދާއިރުވެސް އިންނަނީ "ވާނުވާ"ގައެވެ. ފަހަރުގައި އެއީ ވަގުތު ދުއްވާލަން ގޭމުގެ މަސްތުގައި ޖެހުމުން ވީ ގޮތެއް ކަމުގައި ވިއަސް، އަމިއްލަ ކައިވެނީގެ ހަފުލާގައި ޕަބްޖީގެ މަސްތުގައި މިއޮތީ މީހަކު ޖެހިފައެވެ.

ގިނަ ބައެއްގެ މެދުގައި އާންމުވެފައިވާ ވީޑިއޯ ޝެއާރިންގެ ސޯޝަލް އެޕްލިކޭޝަން ޓިކްޓޮކްގައި އާންމުކޮށްފައިވާ ވީޑިއޯއަކުން ފެނިގެންދަނީ އިންޑިއާ ފިރިހެނަކު އޭނާގެ ކައިވެނީގެ ހަފުލާގައިވެސް ޕަބްޖީގެ މަސްތުގައި ޖެހިފައި އިންނަ މަންޒަރެވެ. އަދި އޭނާގެ އަންހެނުން ހައިރާން ކަމާއެކު އެ ފިރިހެން މީހާއަށް ދިމާލަށް ބަލަހައްޓައިގެން އިންތަންވެސް މި ވީޑިއޯއިން ފެނެއެވެ. ކައިވެނީގެ ހަފުލާއަށް ދިޔަ ގިނަ މީހުންގެ ހާލަކީވެސް މިއީއެވެ. މޭޒުތައް ދޮށުގައި ކާން ތިބި މީހުންނަށްވުރެ ގިނައީ ޕަބްޖީގެ މަސްތުގައި ޖެހިފައި ތިބި މީހުންނެވެ. ކައިވެންޏަށް 1 ގަޑިއިރުވެސް ނުވަނީ ފިރިމީހާ ގެއްލުނީ ޕަބްޖީއަށް ކަމަށްވާއިރު، އައި މެހެމާނުންގެ ފަރާތުން އެ އަންހެން މީހާއަށް ލިބުނު އުފަލެއްވެސް ނެތެވެ.

ޕަބްޖީއަށް ދެވި ހިފުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާއިރު އިންޑިއާގެ ބައެއް ޕަބްޖީކުޅުންވެސް މިހާރު ވަނީ މަނާކޮށްފައެވެ. ނަމަވެސް ގާނޫނީ އިމުގެ ތެރެއިން މިކަމަށް ހައްލެއް ގެނައުމަށް ކުރި މަސައްކަތަށް އަދިވެސް މުޅިން އެދެވޭ ކާމިޔާބީއެއް އޮތީ ނުލިބިއެވެ.