ބައެއް މީހުންނަކީ ކޮފީއަކާ ނުލާ މަސައްކަތް ކުރެވޭ މީހުންނަކަށްނުވެއެވެ. އަބަދުވެސް ކައިރީގައި ކޮފީތައްޓެއް ހުންނަންޖެހެއެވެ. ފަންނުވެރި ކުރެހުންތަކާ ފަރުމާތައް ތައްޔާރުކުރާއިރު މިކަން ވަކިން ބޮޑޭވެސް ދެންނެވިދާނެއެވެ. މިހެން އުޅޭ އުޅުމުގެ ތެރޭގައި، ކުރަން އިންނަ މަސައްކަތުގެ މައްޗަށް ނުވަތަ އެ މަސައްކަތާ ގުޅޭ މުހިންމު ލިޔެކިއުންތަކެއްގެ މައްޗަށް ކޮފީ ތަށި ބަންޑުން ގޮސްގެން އުޅޭ އަޑު އިވެނީ މަދެއްކޮށެއް ނޫނެވެ. ނަމަވެސް މިކަންވީ ޖަރުމަނުވިލާތުގެ ކުރެހުންތެރިއެއްގެ އަތުގައި ހިފި ނަސީބަކަށެވެ.

ސްޓޭފާން ކުހްނިކްއަށްވެސް ފުރަތަމަ ދިމާވީ މިފަދަ ގޮތަކަށެވެ. ނަމަވެސް ކޮފީއިން ޖެހުނު ލައްގަނޑު އޭނާ ބަދަލުކޮށްލީ މޮޅު ފަރުމާއެއްގެ "ފުރޭތަ" އަކަށެވެ. ސްޓެފާން އެއަށް ދިން ނަމަކީ "ކޮފީ މޮންސްޓާ"އެވެ.

އޭގެ ފަހުން މި ގޮތަށް ޖެހޭ ކޮފީގެ ލައްގަނޑުތައް ކޮފީ ފުރޭތަކަށް ބަދަލުކުރަމުން ގޮސް އޭނާގެ ފަންނުވެރިކަމުގެ ޗޭނަށް އިތުރުވި ބޮޅަކަށް މި ކަންވީއެވެ. ނަމަވެސް ފަހުން ސްޓެފާން މިކަން ކުރަނީ އޮޅިގެން ބަންޑުންވާ ކޮފީއިން ޖެހޭ ލައްގަނޑުތަކުގައެއް ނޫނެވެ. ކަމާ ކަންފަށާ ގަނޑެއްގެ މައްޗަށް ސަމުސަލުން ކޮފީ އަޅައިގެން އޭނާގެ ހިޔާލުގައިވާ ފުރޭތަ ކުރަހަނީއެވެ.

ސްޓެފާން ފަރުމާކޮށްފައިވާ ކޮފީ މޮންސްޓާ ކުރެހުމެއް/ފޮޓޯ: އިންސްޓަގްރާމް

ސަމުސަލަކުން ކޮފީ ނަގާ ގަނޑެއްގެ މައްޗަށް އަޅާއިރު ބަލަން ހުންނަ މީހަކަށް އެއިން ފުރާތައެއް ކީއްކުރަން އެއްވެސް އެއްޗެއް ދޭހަ ނުވާ ފަހަރު ގިނައެވެ. ނަމަވެސް، ކުރެހުން ނިންމާލުމާއެކު އެއަށް ބަލާލި ކޮންމެ ކީހަކު އާޝޯހް ކުރުވައެވެ.

ސްޓެފާން ވަނީ މިހާރު މިފަދަ 600 އެއްހާ ފުރޭތަ ކުރަހާފައެވެ. ފުރޭތައެކޭ ބުނި ކަމުގައި ވީ ނަމަވެސް، މިއީ އުފާވެރިކަން ގެނެސްދޭ ފުރޭތަތަކެއް ކަމަށް ސްޓޭފާން ބުނެއެވެ. ބަލާލި މީހަކަށްވެސް މިކަން އޮތީ ފެންނާށެވެ. މިއިން ކޮންމެ ކުރެހުމަކާ ގުޅިފައިވާ ވާހަކައެއްވެސް އޮވެއެވެ. ސްޓެފާން ވަނީ މި ކުރެހުންތައް ހިމަނައިގެން ފޮތެއްވެސް ޝާއިއުކޮށްފައެވެ. މީގެ އިތުރުން އޭނާ ދަނީ މިފަދަ ކުރެހުންތައް ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ފޭނުންނާ ހިއްސާކުރަމުންނެވެ.