މިއީ ކެންޔާގެ ރަށްފުށު ހިސާބަކަށް އުފަން، އުމުރުން 45 އަހަރުގެ ނިކޮލަސް މުޗާމީ އެ އަވަށްގަނޑު ސުޕާހީރޯއަށް ވީ ގޮތުގެ ވާހަކައެވެ. ސުޕާހީރޯއެއްގެ ތާޖު މުޗާމީ އުފުލާލީ އަމިއްލަ ދަލާ ލޭ އޮހުރުވައިގެންނެވެ. އޭނާ ދިރިއުޅެއްމުންދާ އަވަށްގަނޑަށް ވަދެ ނިކުމެވާނެ މަގެއް ހަދާލަ ދޭތޯ ސަރުކާރަށް ތަކުރާރުކޮށް ދަންނަވައިގެންވެސް ވީ ކަމެއް ނެތުމުން 1.5 ކިލޯމީޓަރު ދިގު މަގެއް އަމިއްލަ އަތުން ނޮޅާ ސާފުކޮށްލުމަށް މުޗާމީ ބޭނުންކުރީ އާދައިގެ އާލާތްތަކެކެވެ. މިކަން އޭނާކޮށް ނިންމާލީ އެންމެ 6 ދުވަހުގެ ތެރޭގައެވެ. ސުޕާހީރޯއެކޭ ނުބުނިއްޔާ ދެރަ ނޫންތޯއެވެ.
މުޗާމީ ނިސްބަތްވަނީ ވެރިރަށް ނައިރޯބީގެ އިތުރުން ގާތްގަނޑަކަށް 80 ކިލޯމީޓަރު ދުރުގައި އޮންނަ ކަގަންޑާ އަވަށަށެވެ. އެ އަވަށުގެ މީހުން ކައިރި ފިހާރަތަކަށް ދިއުމަށްވެސް ދުރު ރާސްތާއެއް ކަޑަތުކުރަން ޖެހޭތީ، ކުރު ގޮތަކަށް ދެވެން އޮންނަ މަގެއް ހަދާދިނުމަށް އަވަށުގެ މީހުން ދިޔައީ ތަކުރާރުކޮށް އެދެމުންނެވެ. ކަމާ ބެހޭ ފަރާތްތަކުން އެދެވޭ އިޖާބައެއް ނުދީ އުޅެނިކޮށް އަމިއްލަ ފަރާތަކުން އެ ބިންވެސް މިލްކުކޮށްލިއެވެ. ނަތީޖާއަކަށްވީ ކަގަންޑާ އަވަށުގެ މީހުން ކޮންމެ ދުވަހަކުވެސް 4 ވަރަކަށް ކިލޯމީޓަރަށް ހިނގަން މަޖުބޫރުވުމެވެ.
އެމަންޒަރު ބަލަން ހުރުމާ، އެ ތަކުލީފުތައް އުފުއްލަން ބޭނުން ނުވި މުޗާމީ ނިކުތީ ސީދާ ހަރަކާތަށެވެ. ފަހަރެއްގައިވެސް މުޒާހަރާއަކަށް ނޫނެވެ. އަވަށުގެ ރަށްވެހިންނަށް މަގެއް ކޮށާ ސާފުކޮށްދިނުމުގެ ހެޔޮ ނިޔަތުގައި މުޗާމީ ނިކުތީ ހިލޭ ސާބަހަށެވެ.
މުޗާމީއަކީ ދުވާލު ގަޑީގައި އެކި ކަހަލަ މަސައްކަތްކޮށްގެން އާމްދަނީ ހޯދަމުން އަންނަ ހީވާގި މީހެކެވެ. ރޭގަނޑު އޭނާއަކީ ސެކިއުރިޓީ ގާޑެކެވެ. ނަމަވެސް 2 ކިލޯމީޓަރުގެ ބިން ސާފުކޮށް، އުފަން އަވަށުގެ ރަށްވެހިންނަށް ލުއިފަސޭހަކޮށްދިނުމުގެ ބުރަ މައްސޫލިއްޔަތު ގިނިކަންޏާ ކުރުމަށް މުޗާމީ ކުރިމަތިލިއެވެ. ހެނދުނު 07:00 ޖަހާއިރު މަސައްކަތް ފަށާ ގޮތަށް ހަވީރު 05:00 ޖެހުމާ ހަމަޔަށް މުޗާމީ މަސައްކަތުގައި ދެމިހުރެވެ. ބިންގަނޑުގައި ހެދިފައިވާ ގަސްތައް ނޮޅާ ސާފުކޮށް، މަގު އެއްވަރުކުރަން އޭނާ ބޭނުންކުރީ ދަނޑުބިންތަކުގައި މީހުން ގެންގުޅޭ ޒާތުގެ އަތްމަތީ އާލްތަތެކެވެ. 6 ދުވަހުގެ މަސައްކަތުން މުޗާމީ ވަނީ ފަސެހަކަމާއެކު ކާރުތަކަށްވެސް ދަތުރުކުރެވޭހާ ފުޅާ މަގެއް ހަދާދީފައެވެ. މަގުގެ މަސައްކަތް މުޅިން ނިންމާލެވޭނީ އަދި ބައި ކިލޯމީޓަރުގެ ސަރަހައްދެއް ސާފުކޮށްގެންނެވެ. ނަމަވެސް ބައިނަލްއަގުވާމީ ފަލަ ސުރުހީތަކުން މުޗާމީ މިވަނީ ޖާގަހޯދާފައެވެ.
މުޗާމީ ބުނާ ގޮތުގައި އޭނާ ޚިދުމަތް ކޮށްދިނީ އޭނާ ނިސްބަތްވާ އަވަށުގެ އަންހެނުންނާ ކުޑަކުދިންގެ ހައްގުގައެވެ. މުޗާމީ ބުނި ގޮތުގައި މަގުގެ ބާކީބައިގެ މަސައްކަތް މަޑުޖައްސާލާފައިވަނީ އޭނާގެ ޚަރަދުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް އަމިއްލަ މަސައްކަތްތަކެއް ކުރަން ވަގުތު ހޯދުމުގެ ގޮތުންނެވެ.
އެންމެ ހައިރާންވާކަމަކީ މަގު ސާފު ކުރުމުގެ މަސައްކަތް މުޗާމީ ކުރަމުންދިޔައިރު އެ އަވަށުގެ އިތުރު އެހެން މީހަކު އޭނާއާއި ބައިވެރިވާ ބޭނުން ނުވި ކަމެވެ. ސަބަބަކަށްވީ ސީދާ އާމްދަނީއެއް ނޫނީ އުޖޫރައެއް އެކަމުން ނުލިބުމެވެ. މަސައްކަތުގައި އޮންނަ މީހުން ކައިރިކޮށްލާ ކަމަށާ އަދި އޭނާ މަސައްކަތްކޮށްދެމުންދަނީ ކިހާ ވަރެއްގެ އުޖޫރައަކަށްތޯ މީހުން އަހާ ހަދާކަމަށްވެސް މުޗާމީ ވަނީ ބުނެފައެވެ.
މުޗާމީގެ މަސައްކަތަށް މިއަދު އޭނާގެ އަވަށުގެ މީހުން ތައުރީފުކުރާއިރު، އެ މަގު އިތުރަށް ތަރައްގީ ކޮށްދިނުމަށް އެމީހުން ދަނީ ކެންޔާގެ ސަރުކާރަށް ގޮވާލަމުންނެވެ. އުފަން ފަސްގަނޑު ދެކެ ލޯބިވާ މިފަދަ ދަރިއަކު ފެނުމަކީ މިއަދު ގައުމަކަށް ލިބޭނެ އެންމެ އަގުބޮޑު ޖަވާހިރު ނޫންތޯއެވެ!