ސްރީލަންކާ އިން އިއްޔެ ހައްޔަރު ކުރި ތިން ދިވެހިން މިއަދު ކޯޓަށް ގެންދަން ހަމަޖައްސައިފިއެވެ.
މިމަހު 21 ވަނަ ދުވަހު ލަންކާއަށް ދިން ބޮމުގު ހަމަލާތަކާއި ގުޅިގެން އެގައުމުގައި ވަނީ ކުއްލި ހާލަތު އިއުލާން ކޮށްފައެވެ. ކުއްލި ހާލަތު އިއުލާން ކޮށްފައި ވަނިކޮށް ކޮލޮމްބޯއާ 100 ވަރަކަށް ކިލޯ މީޓަރު ދުރުން ފުލުހުން ވަނީ ތިން ދިވެހިން ހައްޔަރުކޮށްފައެވެ. މި ތިން މީހުން ހައްޔަރުކުރީ ސައިކަލެއް ގަތުމަށް ގޮސް އުޅެނިކޮށް ކަމަށް މައުލޫމާތު ލިބެއެވެ. އަދި މި ތިން މީހުންނަކީ ލަންކާގައި ދިރިއުޅޭ އައްޑޫ ބައެއް ކަމަށާއި މި މީހުން ހައްޔަރުކޮށްގެން ގެންދިޔައީ މީތިޔަގޮޑާ ޕޮލިސް ސްޓޭޝަނަށެވެ.
މީތިޔަގޮޑާ ޕޮލިސް ސްޓޭޝަނުން ތިން ދިވެއްސަކު ހައްޔަރު ކުރި ކަމަށް ބުނެފައި ވީ ނަމަވެސް ލަންކާގައި ހުންނަ އެމްބަސީން އެ މައުލޫމަތު އާންމުކޮށްފައެއް ނުވެއެވެ.
ލަންކާގެ ހަމަލާތަކާއި ގުޅިގެން މީގެ ކުރިން ވަނީ ހަ ދިވެއްސަކު ހައްޔަރުކޮށްފައެވެ. މީގެ ތެރެއިން ހަތަރު މީހުން އިއްޔެ ދޫކޮށްލައިފާ ވާއިރު ދެން ތިބި ދެމީހުން އަދިވެސް ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ. އިއްޔެ ދޫކޮށްލި ހަތަރު މީހުންނަކީ ނިގަންބޯގެ ލަޔަން ސިޓީގައި ދިރިއުޅޭ ފްލައިޓް އިންޖީނީއަރިން ކިޔަވަމުން ދިޔަ ހަތަރު ކުދިންނެވެ. އެ ކުދިން ހައްޔަރު ކޮށްފައި ވަނީ ލަންކާގެ ސަލާމަތީ ބާރުތަކުން ގެތައް ބަލާ ފާސް ކުރަމުން ދިޔަ ދިޔުމެއްގައި އެކުދިން ދިރިއުޅޭ ތަނުން ހަތިޔާރެއް (އެއާ ރައިފަލް) ފެނިގެންނެވެ.
މީގެ އިތުރުން ހައްޔަރު ކުރި ދެ ދިވެއްސެއްގެ ބަންދުގެ މުއްދަތަށް މައުންޓް ލެވީނިއާ ކޯޓުން ވަނީ 13 ދުވަސް ޖަހާފައެވެ.