މޫސުން ގޯސްވެ އުތުރުގެ ފަސް އަތޮޅަކަށް ވައިޓް އެލާޓް ނެރެފިއެވެ.

މޫސުމާ ބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖީ (މެޓް އޮފީސް) ބުނީ، މިއަދު ހެނދުނު 8:45 ން ފެށިގެން 14:00 އާ ހަމައަށް ހއ އަތޮޅުން ފެށިގެން ބ އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވޭހެނެކަމަށެވެ.

މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މި ސަރަހައްދު ތަކަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަ ވާނެއެވެ.

މެޓް އޮފީހުން މިއަދު ހއ އަތޮޅުން ފެށިގެން ބ އަތޮޅާ ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރުނު އިރު، އެ އިދާރާއިން ރޭ ވަނީ ހއ އަތޮޅުން ފެށިގެން ރ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ވެސް ވައިޓް އެލާޓް ނެރެފައެވެ.

އެގޮތުން، މެޓް އޮފީހުން ބުނީ ރޭ ފަތިހު 3:45 އިން ހެނދުނު 8:45 އަށް ހއ އަތޮޅުން ފެށިގެން ރ އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވޭހެނެކަމަށެވެ. އަދި މި ހިސާބުތަކަށް ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަ ވާނެ ކަމަށް ވެސް އެ އިދާރާއިން ބުނެފައިވެއެވެ.