އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް ވަރުގަދަ ކުރުމަށް ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ހޫނު ބަހުސެއް ކުރަމުންދާ އެއް މައުޟޫއަކީ، ސަލަމާތީ ސަބަބުތަކަށްޓަކާ ކަމަށް ބުނެ ސްރީލަންކާގައި މޫނުބުރުގާ އެޅުން މަނާ ކުރުމެވެ. މިކަން ކުރުމަށް މައިތްރިޕާލަ ސިރިސޭނާ ގޮވާލެއްވި ގޮވާލެއްވުމާއެކު، ގާނޫނެއް ފާސްކޮށް ތަންފީޒުވެސް ކުރަން ފަށާފައި ވާއިރު، މަނައީ ބުރުގާކަމެއް، ނިގާބުކަމެއް ނުވަތަ ހިޖާބުކަމެއް ކަނޑައެޅިގެން ބަޔާންކޮށްފައެއް ނުވެއެވެ.

ބުރުގާއަކީ މުޅި މީހާ އެއްކޮށް ނިވާ ވާ ގޮތަށް ހަށިގަނޑު ފަރޮވާ ހެދުމެކެވެ. ނިގާބަކީވެސް މުޅި ހަށިގަނޑު ފޮރުވާ ހެދުމެކެވެ. ނަމަވެސް ނިގާބުގައި ދެލޯ ފެންނަން ހުންނާނެއެވެ. ދެން ހުންނަނީ ދިވެހިންގެ މެދުގައިވެސް އާންމު ހިޖާބެވެ. މިއީ އެއްވެސް ވަރަކަށް މޫނު ނިވާ ނުކުރާ ހެދުމެކެވެ.

ނިގާބުގައި ހުރި އަންހެނެއް/ފޮޓޯ: ވާޖޫ

ސަލާމަތީ ފިޔަވަޅުތަކަކަށްޓަކައި މޫނު އެއްކޮށް ނިވާ ނުކުރުމަށް ސްރީލަންކާގެ އުޚުތުންގެ ކިބައިން އެދޭ ކަމަށް އޯލް ސިލޯން ޖަމީއަތުލް އުލަމާ (އޭސީޖޭޔޫ) އިން ބުނެފައިވީ ނަމަވެސް، ބުރުގާ މަނާކުރުމަށް ގާނޫނެއް އެކުލަވާލައި ތަންފީޒުކުރުމާ އެޖަމާއަތުން ދެކޮޅެވެ. އަދި މިފަދަ ކަމެއް ތަންފީޒު ކުރުމަށް އިތުރު ވަގުތުކޮޅެއް ދިނުމަށްވެސް އެ ޖަމާއަތުން ވަނީ އެދިފައެވެ.

22 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ސްރީލަންކާގެ އާބާދީގައި މުސްލިމުން ހިއްސާކުރާނީ 10 ޕަސެންޓެވެ. މިއީ ނިސްބަތުން ކިތަންމެ މަދު އަދަދެއް ކަމުގައި ވީ ނަމަވެސް މިވީހާ ތަނާ ޖެހެންދެން ސްރީލަންކާގައި މުސްލިމުންނާ ދެކޮޅަށް ދީނީ އެއްވެސް ހުރަހެއް ކުރިމަތި ކޮށްފައެއް ނުވެއެވެ.

ސްރީލަންކާގެ ކައްޓަންކުޑީގެ ފިހާރާއެއްގެ ސޭލްސްމަނަކު ބުރުގާއެއް ދައްކާލަނީ/ފޮޓޯ: ވޮޝިންގްޓަން ޕޯސްޓް

ކުށްލި ގޮތަކަށް މިހާ ބޮޑު ކަމެއް ނިންމުން ވެފައިވަނީ ސްރީލަންކާގައި ދިރިއުޅެމުންދާ މުސްލިމުންނަށް މާ ފަސޭހަ ކަމަކަށް ނޫނެވެ.

މާލީ ގޮތުން މާބޮޑު ތަނަވަސްކަމެއް ނެތް މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭ ތަނެއްގައި މަސައްކަތްކުރަމުން އަންނަ އުމުރުން 33 އަހަރުގެ ގާނިތާ ރަޒީކް ނިގާބު ޚިޔާރުކުރީ މީގެ 16 އަހަރު ކުރިންނެވެ. މިވީހާތަކަށް ދީނީ ގޮތުން އެއްވެސް ފުރައްސާރައެއް ކުރިމަތިވެފައި ނުވާއިރު، ގާނޫނަށް ގެނައި ބަދަލާއެކު ގާނިތާ ހުރީ ހަދާނެ ގޮތެއް ނޭނގިފައެވެ. ބޭރަށް ނުނިކުމެ ގޭގައި އިނުމަކީ އޭނާ ބޭނުންވާ ގޮތަކަށް ނުވާއިރު، ގާނިތާ ބުނީ، މިކަމާ ހަދާނެ ގޮތެއް އޭނާ އަދިވެސް ވިސްނަމުން ދާކަމަށެވެ.

ޒައިނަބު ހުސައިން (އަސްލު ނަމެއް ނޫން)އަކީ ކޮލަމްބޯގައި ނަން މަޝްހޫރު އެކްޓިވިސްޓެކެވެ. ޒައިނަބަކީ ހިޖާބުގައި ހުންނަ ޒުވާނެކެވެ. ޒައިނަބު ގަބޫލުކުރާ ގޮތުގައި ގާނޫނާ ދެކޮޅަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. ނަމަވެސް، މިފަދަ ގޮތަކަށް ގާނޫނެއް އެކުލަވާލުމުގެ ސަބަބުން ދެން ނިކުމެދާނެ ނަތީޖާއަކާ މެދު އެނާ އިންތިހާއަށް ކަންބޮޑުވާކަމަށް ޒައިނަބު ބުނެއެވެ.

މުސްލުމުންނާ މެދު މިހާރުވެސް ނޭދެވޭ ނަޒަރަކުން ބައެއް މީހުން ދެކެމުންދަނިކޮށް އިސްލާމުން ހެދުން އަޅާ ގޮތާ ދެކޮޅަށް ގާނޫނެއް ފާސްކުރުމުން މިކަން އިތުރަށް ގޯސްވެގެންދާނެ ކަމަށް ޒައިނަބު ގަބޫލުކުރެއެވެ. އަދި ބުރުގާ އެޅުން މަނާކުރުމުން ހަމަޖެހުން އައިސް، އާންމުންގެ ހިތުން ބިރު ފިލާ ދާނެ ތޯވެސް ޒައިނަބު ވަނީ ސުވާލު އުފައްދާފައެވެ.

ޔުނިވާސިޓީ އޮފް ޕެރަދެނިޔާގެ ޑިޕާޓްމަންޓް އޮފް ލޯގެ ސީނިއާ ލެކްޗަރަރެއް ކަމަށްވާ ކަލާނާ ސެނަރަތުނަ ވިދާޅުވީ، ބުރުގާ އެޅުމާ ދެކޮޅަށް ސްރީލަންކާގައި ގާނޫނެއް ފާސްކުރުމަކީ ވަކި ދީނަކަށް ނަފުރަތު ކުރުމުގެ ގޮތުން ފާސްކުރި ގާނޫނަކަށް ވެއްޖެ ނަމަ އެކަމުގެ ސަބަބުން ނޭދެވޭ ނަތީޖާތަކެއް ނިކުތުން ގާތް ކަމަށެވެ. ސެނެރަތުނަވެސް ވިދާޅުވީ ބުރުގާ ނުވަތަ ނިގާބު އެޅުން މަނާކޮށްގެން ސަލާމަތްތެރިކަން ޔަގީންވީތޯ ސުވާލު އުފައްދަވާފައެވެ.

އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ އެކްޓިވިސްޓް ތިހާނީ އަރިޔަރަތުނަ ބުނީ ގާނޫނުގެ ސަބަބުން ސީދާ ގޮތުން އަސަރު ކުރާ މީހުންގެ ހިޔާލު ހޯދުމެއް ނެތި ސަރުކާރުން މިފަދަ ނިންމުމެއް ނިންމުމަކީ ކަމެއް ހިނގިމުން އެކަމާ ދެކޮޅަށް ފިޔަވަޅު އެޅުންފަދަ އަމަލެއް ކަމަށެވެ. މި ގާނޫނު ތަންފީޒުކުރަން ފެށިއިރު މުސްލިމު އަންހެނުންނާ، މުސްލިމު އަންހެނުންގެ ހައްގުތަކަށް މަސައްކަތްކުރާ ފަރާތްތަކު ލަފާ ހޯދާފައި ނުވާކަންވެސް ތިހާނީ ވަނީ ފާހަގަކުރައްވާފައެވެ. މިއީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާ، މިއީ ބައެއްގެ ދީނީ މިނިވަން ކަމަށް އެޅި ހުރަހެއް ކަމުގައި ތިހާނީ ވަނީ ސިފަކޮށްފައެވެ. މުސްލިމު އަންހެނުން އެއްފަރާތް ކުރެވިފައި ވާކަމަށާ، މި ނިންމުމަކީ މުސްލިމު އަންހެނުންގެ ދިރިއުޅުމަށް އެކަމުގެ ނޭދެވޭ އަސަރު ކުރުވާ ކަމެއްގެ ގޮތުގައި ތިހާނީ ވަނީ ފާހަގަކޮށްފައެވެ.

ކަންމިހެން އޮތް ނަމަވެސް ސްރީލަންކާގެ ވެރިކަން ކުރާ ޔުނައިޓަޑް ނޭޝަނަލް ޕާޓީއަށް ނިސްބަތްވާ މެމްބަރުން ވިދާޅުވާ ގޮތުގައި މި ނިންމުމަކީ ސްރީލަންކާގެ މުސްލިމުން ބަލައިގަންނަ ނިންމުމެކެވެ. މުޅި މީހާގެ ހަށިގަނޑު އެކީ އެކައްޗަކަށް ފޮރުވޭ ގޮތަށް މޫނު ބުރުގާ އެޅުމަކީ އެއްވެސް އިރެއްގައި ސްރީލަންކާގައި އޮތް ސަގާފަތެއް ނޫންކަމަށް ޔޫއެންޕީއިންވަނީ ބުނެފައެވެ. ނަމަވެސް ސްރީލަންކާގައި ދިރިއުޅޭ މުސްލިމުން ސިފަކުރާ ގޮތުގައި މި ގާނޫނަކީ މުސްލިމުންގެ އައިޑެންޓިޓީ ނަގާލާ ގާނޫނެކެވެ.