ގދ. އަތޮޅުގެ ފަޅުރަށެއްގައި ވަޅުލާފައި ހުރި 150 ކިލޯގެ މަސްތުވާތަކެތި ފުލުހުން އަތުލައިގެންފިއެވެ.
މިތަކެތި އަތުލައިގަނެފައިވަނީ ފުލުހުންގެ ކްރިމިނަލް އިންވެސްޓިގޭޝަން އާއި ޑިވިޝަނަލް ޕޮލިސިން ކޮމާންޑްގެ އިތުރުން ޑްރަގް އިންޓޭލިޖެންސް ޔުނިޓް ގުޅިގެން ހިންގި އޮޕްރޭޝަނަކުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން މިތަކެތި އަތުލައިގަތުމަށް ހިންގި އޮޕްރޭޝަން 3 ދުވަސްވަންދެން މެދުނުކެނޑި ކުރިއަށް ގެންގޮސްފައި ވާކަމަށް ފުލުހުން ބުނެއެވެ. އަދި މި ތިން ދުވަހު ގދ. އަތޮޅުގެ ކަނޑުގެ ސަރަހައްދާއި ފަޅުރަށްތައް މެދު ކެނޑުމެއްނެތި ބަލަމުން ގެންދިޔަ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައިގާ ރާއްޖެއަށް އެތެރެކޮށްފައިވާ މަސްތުވާތަކެތި އެތެރެ ކޮށްފައިވަނީ ކަނޑުމަގުން ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުންނަށް މިތަކެތި އައތުލައިގަނެވިފައި ވާކަން އިއުލާނު ކޮށްފައިވަނީ ފުލުހުންގެ 86 ވަނަ އަހަރީ ދުވަހާއި ގުޅިގެން ގދ. ތިނަދޫގައި ބޭއްވި ޑިނާ ނައިޓެއްގެ ތެރެއިންނެވެ. އެ ހަފްލާގެ ތެރެއިން މި ހަބަރު ދެއްވީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.
ޕޮލިސް ކޮމިޝަނާ ހަމީދުވަނީ މި މަސައްކަތުގައި ހަރަކާތްތެރިވި ފުލުހުންގެ މަސައްކަތް ފާހަގަ ކުރައްވާ އެ މަސައްކަތަށް ތައުރީފު ކުރައްވާފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް 5 މީހަކު ހައްޔަރުކޮށްފައި ވާކަމަށް ފުލުހުން ބުނެއެވެ. ފުލުހުން މިހާރު ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މި ތަކެތި އެ ރަށުގައި ވަޅުލާފައިވަނީ އެތަކެތި ރާއްޖެއަށް ޓްރެފިކް ކޮށް ލޯންޗެއްގައި އެ ރަށަށް ގެނެސްގެން ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން އަތުލައިގެން މަސްތުވާތަކެތީގެ އަގު 260 މިލިއަން ރުފީޔާއަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.