ފަތުރުވެރިކަމުގެ ސިނާއަތާއި އިމާރާތްކުރުމުގެ ދާއިރާގެ ވިޔާފާރިއަށް މިއަހަރުގެ ފުރަތަމަ ކުއާޓާގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ވިޔަފާރީގެ ސާވޭއިން ދައްކައިފިއެވެ.

ވިޔަފާރީގެ މި ސާވޭއަކީ މިއަހަރުގެ މާޗުމަހުގެ 28ން ފެށިގެން އޭޕްރީލް މަހުގެ 8 ވަނަ ދުވަހާ ހަމައަށް އެމްއެމްއޭއިން ކުރިއަށް ގެންގޮސްފައިވާ ސާވޭއެކެވެ. މި ސާވޭގައި އިމާރާތްކުރުމާއި، އުފެއްދުންތެރިކަމާއި، ފަތުރުވެރިކަމާއި ހޯލްސޭލް އަދި ރީޓެއިލް ދާއިރާ ހިމެނޭ ގޮތުން 175 ބޮޑެތި ވިޔަފާރީއެއް ބައިވެރިކޮށްފައި ވާނެ ކަމަށް އެމްއެމްއޭއިން ބުނެއެވެ. އަދި މި ސާވޭ އެކުލަވާލާފައިވަނީ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ދީފައިވާ މައުލޫމާތުތަކުގެ މައްޗަށް ކަމަށް ވެސް އެމްއެމްއޭ އިން ބުނެއެވެ.

2018 ވަނަ އަހަރުގެ ފަހު ކުއާޓާއާއި އަޅާ ބަލާއިރު އިމާރާތްކުރުމުގެ ދާއިރާއިން 30 ޕަސެންޓާއި 32 ޕަސެންޓާ ދެމެދުގެ ކުރިއެރުމެއް ހޯދާފައިވެއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު 2018 ވަނަ އަހަރުގެ ފަހު ކުއާޓާއާއި އަޅާބަލާއިރު 70 ޕަސެންޓާއި 76 ޕަސެންޓާއި ދެމެދުގެ ކުރިއެރުން ތަކެއް ހޯދާފައި ވެއެވެ.

ފަތުރުވެރިކަމުގެ ސިނާއާތާއި އިމާރާތްކުރުމުގެ ދާއިރާއިން ކުރިއެރުންތަކެއް ހޯދާފައިވާކަމަށް އެ ސާވޭ އިން ދެއްކި ނަމަވެސް، ހޯލްސޭލް އަދި ރީޓެއިލް ދާއިރާ އިން ލިބިފައިވަނީ އެކި ނަތީޖާތަކެވެ. މި ދާއިރާގެ ގިނަ ވިޔަފާރިތަކަށް ކުރިއެރުން ހޯދިފައިވާއިރު ބައެއް ވިޔާފާރިތައް ވަނީ މިދިޔަ އަހަރުގެ ފަހު ކުއާޓާއާ އަޅާބަލާއިރު ދަށަށް ގޮސްފައެވެ.

އުފެއްދުންތެރި ކަމުގެ ސިނާއަތަށް ބަލާއިރު މިދިޔަ އަހަރުގެ ފަހު ކުއާޓާއަށްވުރެ ދަށަށް ގޮސްފައިވާކަމަށް އެމްއެމްއޭގެ ސާވޭއިން ދައްކައެވެ. އެގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓާއާއަށް ބަލާއިރު މި އަހަރުގެ ފުރަތަމަ ކުއާޓާގައި، 69 ޕަސެންޓާއި 86 ޕަސެންޓާ ދެމެދަށް އެ ދާއިރާގެ ވިޔަފާރިތައް ވަނީ ދަށަށް ގޮސްފައެވެ. އެކަމަކު މިއަހަރުގެ ދެވަނަ ކުއާޓާގައި މި ދާއިރާއިން ކުރިއެރުންތަކެއް ލިބޭނެކަމަށް ލަފާކޮށްފައި ވެއެވެ. އެގޮތުން މިދާއިރާއިން 40 ޕަސެންޓާއި 41 ޕަސެންޓާއި ދެމެދުގެ ކުރިއެރުމެއް ލިބޭނެ ކަމަށް ސާވޭގެ ނަތީޖާއިން ދައްކައެވެ.