މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާން ގެއްލުވާލި މައްސަލައިގައި ފުލުހުން ކުރިއަށް ގެންދާ ތަހުގީގާ ގުޅޭގޮތުން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ފުލުހުންނާ ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފިއެވެ.

އެޗްއާރުސީއެމުން ބުނީ ރިޟްވާން ގެއްލިފައިވާ މައްސަލައިގައި ފުލުހުން ކުރިއަށްގެންދާ ތަހުގީގު މޮނިޓާކޮށް، ތަހުގީގު އަވަސް ކުރުމަށް ބާރު އަޅަމުންދާ ކަމަށެވެ. އެގޮތުން މައްސަލައިގެ ތަހުގީގު ކުރިއަށް ގޮސްފައިވާ ހިސާބުގެ އަޕްޑޭޓް ގަވާއިދުން ހޯދުމާއި، ފުލުހުންނާއެކު ބައްދަލުވުންތައް ބާއްވަމުން ދާކަމަށް އެޗްއާރުސީއެމުން ބުނެއެވެ.

ރިޟްވާންގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދިޔަ ޝަރީއަތުގެ މަޖިލީހަށް ވެސް އެ ކޮމިޝަނުން ހާޒިރުވެފައިވެއެވެ. އަދި މި މައްސަލައިގައި ކޯޓުން ކުރި ހުކުމާއި، ފުލުހުންގެ ތަހުގީގާ ގުޅޭގޮތުން އެ ކޮމިޝަނަށް ފާހަގަކުރެވޭ ކަންކަމާ ގުޅޭގޮތުން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހާ ވެސް ބައްދަލުވުން ބާއްވާފައި ވާކަމަށް އެކޮމިޝަނުން ބުނެއެވެ.

ރިޟްވާންގެ މައްސަލަ މަރުތައް ބަލާ ކޮމިޝަނުން ވެސް އަންނަނީ ބަަލަމުންނެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް އެކަމުގެ އަޑީގައި ތިބި މީހުން ދެނެގަނެވިފައިވާ ކަމަށް މަރުކޮމިޝަނުން ވަނީ ބުނެފައެވެ.

ރިޟްވާން ގެއްލުވާލި މައްސަލާގައި ދެ މީހަކަށް ދައުވާކޮށް، އެ މައްސަލާގައި ޝަރީއަތް ނިމުނު އިރު މައްސަލަ ސާބިތެއް ނުވިއެވެ. ރިޟްވާން ގެއްލުވާލާފައި ވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގައެވެ.