އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހަޅާ ފަރާތްތަކަށް އޮންލައިންކޮށް ފައިސާ ދެއްކޭނެ ހިދުމަތް މޯލްޑިވްސް އިމިގްރޭޝަނުން ތައާރަފު ކޮށްފިއެވެ.

އިމިގްރޭޝަނުން ބުނީ ދާދި ފަހުން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭނެ ގޮތް ފަހިކޮށްދިނީ އެ މުއައްސަސާއިން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން ކަމަށެވެ. އަދި ފައިސާ ދެއްކުމަށް އިމިގްރޭޝަނަށް ހާޒިރުވުމުގެ ބަދަލުގައި އޮންލައިންކޮށް ފައިސާ ދެއްކުމުގެ ހިދުމަތް ތައާރަފު ކުރުމުން އިތުރަށް ލުއި ފަސޭހަވެގެން ދާނެ ކަމަށެވެ.

އިމިގްރޭޝަނުން ތައާރަފު ކުރި މި ހިދުމަތް މިއަދުން ފެށިގެން ލިބޭ އިރު، ފާސްޕޯޓަށާއި 'ރެވެނިއު ސްޓޭމްޕް' އަށް އޮންލައިންކޮށް ފައިސާ ދެއްކޭނީ އީމެއިލް މެދުވެރިކޮށް ފެނުވާ 'ލިންކް' އަކުންނެވެ. އީމެއިލް މެދުވެރިކޮށް ޕާސްޕޯޓަށް އެދުމާއި ފައިސާ ދެއްކުމުގެ ހިދުމަތް ފެށިފައިވީ ނަމަވެސް، އޭގެ ފަހުން ޕާސްޕޯޓާ ހަވާލުވުމަށް އިމިގްރޭޝަނަށް ދާން ޖެހޭނެއެވެ.

މީގެ އިތުރުން އިމިގްރޭޝަނުން ވަނީ އެ މުއައްސަސާ އިން ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް އިތުރަށް ހަލުވި ކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގައި އެ މުއައްސަސާގެ ހީވާގި އޮފިސަރުން ދެމިތިބޭނެކަމުގެ ޔަގީންކަން އަރުވާފައެވެ.