ތަފާތު އެކި ބަލިތަކަށް ދީފައިވާ އެންޓިބައޮޓިކް ބޭސްތައް ބޭނުންކުރުމުގައި ސަމާލުވުމަށް ދިވެހިރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމް.އެފް.ޑީ.އޭ)އިން އިލްތިމާސްކޮށްފިއެވެ.

އެންޓިބައޮޓިކަށް ނުގުޑާ ވައިރަސް އިތުރުވުން ކޮންޓްރޯލް ކުރުމަށް ފަށާފައިވާ ކެމްޕޭންގެ ދަށުން އެމް.އެފް.ޑީ.އޭއިން ކުރި ޓްވީޓެއްގައި ވަނީ، ސިއްހީ ތަޖުރިބާކާރަކު ލިޔެދީފައިވާ އެންޓިބައޮޓިކް ބޭސް އެ އިރުޝާދުން ބޭރުން ބޭނުން ނުކުރުމަށް ގޮވަލާފައެވެ.

އެންޓިބައޮޓިކްސް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: މެޑިކަލް ނިއުސް ޓުޑޭ

ބޭނުންކުރާ ޖެހޭ އުސޫލުން ބޭރުން އެންޓިބައޮޓިކްސް ބޭނުން ކުރުމުގެ ސަބަބުން، ތަފާތު އެކި ބަލި ޖައްސާ ވައިރަސްތައް އެންޓިބައޮޓިކްސްއަށް ހޭނި، އެންޓިބައޮޓިކްސް ބޭހަށް ނުގުޑާ ގޮތްވެ، ވައިރަހުގެ ނުރައްކާ ގަދަކޮށްލައެވެ. މިއާއެކު ސިއްހީ ރޮނގުން ހޯދާފައިވާ އެންމެ ޒަމާނީ ކުރިއެރުންތަކުގެ އެހީގައިވެސް ބައެއް ބަލިތަކަށް ފަރުވާ ކުރުމުގައި ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަން އެމް.އެފް.ޑީއޭގެ ޓްވީޓުގައި ވަނީ ފާހަގަކޮށްފައެވެ.

އެންޓިބައޮޓިކްސް ބޭނުންކުރުމުގައި ސަމާލުވާންވީ ކަންކަން:

* ސިއްހީ ތަޖުރިބާކާރަކު ބޭސް ސިޓީއެއްގައި ލިޔެއްދެއްވުމުން މެނުވީ އެންޓިބައޮޓިކްސް ބޭނުން ނުކުރުން

* ބަލި ރަނގަޅުވި ކަމުގެ އިހުސާސް ކުރެވުނު ކަމުގައި ވީ ނަމަވެސް، ކަނޑައެޅިފައިވާ ޑޯޒް ހަމަވެ، ބޭސް ހުސްވަންދެން ބޭނުންކުރުން

* ކުރީ ފަހަރަކު ބޭނުންކޮށް، ބާކީވެފައި ހުރި އެންޓިބައޮޓިކް ބޭސް އަމިއްލައަށް ބޭނުން ނުކުރުން

* އެހެން މީހުންނާ އެންޓިބައޮޓިކްސް ބޭސް ހިއްސާ ނުކުރުން

* ބަލިޖެހިފައިވާ މީހުންނާ ވީހާވެސް ދުރުހެލިވެ، ގަވައިދުން އަތްދޮވެ، ސާފުތާހިރު ކަމަށް ސަމާލުކަންދީ، އަލަށް ތައާރަފުކުރެވޭ ވެކްސިންތަކަކާއެކު ހަށިގަނޑަށް ބޭނުންވާ މުހިންމު ވެކްސިންތައް ގަވައިދުން ޖަހާ، ހަމަކުރުން.

ބޭނުން ކުރަންވީ ކިހާ އެންޓިބައޮޓިކްސްއެއް؟

މާ ގިނައިން އެންޓިބައޮޓިކްސް ބޭނުން ކުރުމަކީ ހަށިގަނޑުގައި އަށަގަންނަ ބެކްޓީރިއާތައް އެ އެންޓިބައޮޓިކްސްއަށް ހޭނި، ނުރައްކާތެރި ބަލިޖައްސާ ސުޕާބަގްތަކަށް ހަށިގަނޑު ހުޅުވާލަދޭ ކަމެކެވެ. ނަމަވެސް އެންޓިބައޮޓިކްސް ބޭނުންކުރަން އެންމެ ރަނގަޅު މިންގަނޑަކީ ކޮބައިންކަން ހުދާކަޅުން ކަޅުހާ ތަފާތުކަން ބޮޑުގޮތެއްގައި ބަޔާންކޮށްދެވޭ ތަފްސީލީ، އިލްމީ ދިރާސާތަކެއް އަދި އާންމުކުރެވިފައެއް ނެތެވެ.

އެންޓިބައޮޓިކްސް ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: މެޑިކަލް ނިއުސް ޓުޑޭ

ކަންމިހެން އޮތް ނަމަވެސް، ސިއްހީ ލިޔެކިއުންތަކާ ދިރާސާތައް ޝާއިއުކުރަމުން އަންނަ ނޭޗާ މައިކްރޯބައޮލޮޖީ ޖާނަލްގައި އާންމުކޮށްފައިވާ ދިރާސާއެއްގައި، އެކި ބަލިތަކަށް އެންޓިބައޮޓިކްސް ބޭނުން ކުރަންވީ އިރުޝާދުތަކާ މިންގަނޑުތަކެއް ވަނީ ހިމަނާފައެވެ. ޕްރޮފެސާ އިއާން ގޯލްޑް ވިދާޅުވާ ގޮތުގައި އެންމެ ރައްކާތެރި ގޮތަކީ ވީހާވެސް މަދުން އެންޓިބައޮޓިކްސް ބޭނުން ކުރުމެވެ. ސިއްހީ ހިދުމަތްތެރިންވެސް އެންޓިބައޮޓިކްސް ލިޔެދިނުމުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުވާން ޖެހެއެވެ. ކޮންމެ ބައްޔެއްގެ އެންމެ ފުރަތަމަ ބޭހަކީ އެންޓިބައޮޓިކްސް ކަމުގައި ހެދުމުން ދުރުވާންޖެހެއެވެ.

އެންޓިބައޮޓިކްސްއާއެކު ސުޕާބަގްގެ ނުރައްކާ

މާބޮޑު ހޭލުންތެރިކަމެއް ނެތި ފާއިތުވީ އަހަރުތަކުގައި އެޔެއް މިއެއް ބެލުމެއް ނެތި އެންޓިބައޮޓިކްސް ބޭނުންކުރަމުން ދިއުމުގެ ނަތީޖާ މިއަދު މުޅި ދުނިޔެއިންވެސް މިދަނީ ފެންނަމުންނެވެ. ބައެއް ކަހަލަ ވައިރަސް ތަކަކީ، އެ ވައިރަސްތައް ނައްތާލަން އުފައްދާފައިވާ އެންޓިބައޮޓިކްސް އަށް ވެސް ނުގުޑާހާ ވަރުގަދަ "ސުޕާބަގް"ތަކަށް ވަނީ ބަދަލުވެފައެވެ.

އިނގިރޭސިވިލާތުގެ ސަރުކަރުން ފަންޑުކޮށްގެން ކުރިއަށް ގެންދިޔަ ދިރާސާއެއް ބުނާ ގޮތުގައި، 2050 ވަނަ އަހަރު އަންނައިރު، އެންޓިބައޮޓިކަށް ނުގުޑާ ބެކްޓީރިއާގެ ސަބަބުން ދުނިޔޭގެ އެކި ހިސާބުތަކުން އަހަރެއްގެ މައްޗަށް 10 މިލިއަން މަރުވާނެ ކަމަށް ލަފާކުރެވެއެވެ. މިއީ މިހާރު ކެންސަރު ބަލީގައި މަރުވާ މީހުންނަށްވުރެވެސް އިތުރު އަދަދެކެވެ.

އެންޓިބައޮޓިކްސްއަކީ ހަމައެކަނި ކާ ބޭސް ގުޅައެއް ނޫނެވެ. ބޯ ބޭހުގެ އިތުރުން ގައިގައި އުނގުޅާ އޮއިންޓްމަންޓްވެސް އެންޓިބައޮޓިކްސްގެ ގިންތިއަށް ފެތެއެވެ. އެހެންމުން ޑޮކްޓަރު ލިޔެއްދެއްވާ ބޭސް ސިޓީގައި އެންޓިބައޮޓިކްސް ހުރިތޯ އަމިއްލަފުޅަށް ކަށަވަރުކޮށްލައްވާށެވެ. ސުވާލު އުފެދޭނަމަ ޑޮކްޓަރާ ސުވާލުކުރައްވާ، އެންމެ އެކަށީގެންވާ ސިއްހީ ފަރުވާއެއް ހޯދުމުގެ ހައްގު ހަމަ އިންސާނަކަށްވެސް ލިބިގެންވެއެވެ.