އަމިއްލައަށް ކައްކާލުމަކީ ދެރަ ކަމެއް ނޫންކަމަށާ، ދިރިއުޅުމުގެ ހަގީގީ ރަހަ ތަޖުރިބާކުރެއްވުނީ އަމިއްލަފުޅަށް ކެއްކެވި ދުވަސްވަރު ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ވިދާޅުވެއްޖެއެވެ.

އަމިއްލަފުޅަށް ކެއްކެވި ދުވަސްވަރަކީ ދިރިއުޅުމުގެ އަނދިރި ދުވަސްތަކެއް ނޫންކަމަށާ، ދިރިއުޅުމުގެ ފުން މާނަ ފަހުމްވެވަޑައިގަތީވެސް އެ ދުވަސްވަރުގައި ކަމަށް މޯދީ ވަނީ ވިދާޅުވެފައެވެ.

މޯދީ ވިދާޅުވާ ގޮތުގައި އެމަނިކުފާނަށް އެންމެ މީރީ އަމިއްލަފުޅަށް ތައްޔާރުކުރައްވާ ކިޗްޅީއެވެ. މިއީ ސިއްހަތަށް ގިނަގުނަ ފައިދާތަކެއް އޭގައި އެކުލިވެގެންވާ، ހަމަ އެހާމެ ފަސޭހައިން ތައްޔާރުކޮށްލެވޭ ފަރީއްކޮޅެއްކަން މޯދީ ފާހަގަކުރައްވައެވެ. އިންޑިއާގެ ބޮޑުވަޒީރު ކަމާ ހަވާލުވެވަޑައިގެންނެވިތާ ކުރީކޮޅު، ރޭގަނޑު ދަންވަރުގެ ވަގުތުތަގައިވެސް އަމިއްލަފުޅަށް ކިޗްޅީ ތައްޔާރުކުރައްވާ އުޅުއްވިކަން މޯދީ ވަނީ ހާމަކުރައްވާފައެވެ.

އިންޑިއާގެ މީޑިއާއަކަށް ދެއްވި ބަސްދީގަތުމެއްގައި މޯދީ ވަނީ، އެމަނިކުފާނަކީ ވަރަށް ސާދާ ދިރިއުޅުއްވުމަކަށް ލޯބިކުރައްވާ، އަމިއްލަފުޅަށް ނާސްތާ ތައްޔާރުކުރައްވަން ބޭނުންފުޅުވާ ފަރާތެއްކަމަށް ވިދާޅުވެފައެވެ.