ނިމިދިޔަ 3 މަރުހަލާގެ ރެކޯޑް މުގުރާލާ ވަރުގެ އަދަދަކަށް 4 ވަނަ މަރުހަލާގައި ވޯޓުލުމަށް ވީހާވެސް ގިނައިން ރައްޔިތުން ނިކުތުމަށް އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ގޮވާލައްވައިފިއެވެ.

7 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށް ގެންދާ އިންޑިއާގެ އާންމު އިންތިހާބުގެ 4 ވަނަ މަރުހަލާގެ ވޯޓުލުން މިއަދު ކުރިއަށްދާއިރު، ޓުވީޓު ކުރައްވަމުން މޯދީ ވަނީ ވޯޓުގައި ވީހާވެސް ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވުމަށް ގޮވާލައްވާފައެވެ.

ދާހިލީ ވަޒީރު ރާޖުނާތު ސިންހްވެސް ވަނީ ވީހާވެސް ގިނަ އަދަދެއްގެ ރައްޔިތުން ވޯޓުގައި ބައިވެރިވުމަށް ގޮވާލައްވާފައެވެ. ވޯޓުގައި ބައިވެރިވުމަކީ ހަމައެކަނި ޑިމޮކްރަސީގެ ތަނބުތައް ވަރުގަދަކޮށްދޭނެ ކަމެއް ނޫންކަމަށާ، އެއީ އިންޑިއާގެ އިންޑިއާގެ ކުރިމަގު ބައްޓަން ކުރުމަށް ފޯރުކޮށްދެވޭ އެހީތެރިކަމެއް ކަމުގައިވެސް ދަހީލީ ވަޒީރު ވަނީ ސިފަކުރައްވާފައެވެ.

ރާޖަސްތާންއާއި މަދްޔަ ޕްރަދޭޝްއިން މިއަދުގެ ވޯޓުގައި ބައިވެރިވާއިރު، މިއީ މި ސަރަހައްދުތަކުގައި އިންތިހާބީ ވޯޓުލުން ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

އެންމެ ފަހު މަރުހަލާގެ ވޯޓުލުން މެއި 19 ވަނަ ދުވަހު ކުރިއަށް ގެންދާއިރު، ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މެއި 23 ވަނަ ދުވަހުއެވެ.