ލަންކާގެ އެކި ސަރަހައްދުތަކަށް ދިން ޓެރަރިސްޓް ހަމަލާތަކާއި ގުޅިގެން، އެގައުމުގައި ދިރިއުޅެމުން އަންނަ މުސްލިމް އަންހެނުން މޫނު ބުރުގާ ނަގަން ޖެހުމުން، އެކަމުގެ ފާފަ އައިއެސްގެ އަވާގައި ޖެހިފައި ތިބި މީހުން ނަގަން ޖެހޭނެކަމަށް ދީނީ އިލްމުވެރިޔާ މުހައްމަދު އަނީލް ވިދާޅުވެއްޖެއެވެ.

ލަންކާގައި ހިނގައި ދިޔަ ބޮމުގެ ހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން މަރުވެ އެތައް ސަތޭކަ މީހުންނަށް އަނިޔާވެފައިވާ އިރު، އަދިވެސް ލަންކާގައި ހަމަޖެހުން މުޅިން ގާއިމްވެފައި ނުވެއެވެ. އަދި އެ ހަމަލާތަކުގެ ޒިންމާ އައިއެސް ޖަމާއަތުން އުފުލާފައިވާ އިރު، ލަންކާގައި ދިރިއުޅެމުން އަންނަ މުސްލިމުންނަށް އަންނަނީ އެކި ކަހަލަ ފިއްތުންތަކާއި ކުރިމަތިލަމުންނެވެ.

ބޮންގޮއްވުމުގެ ހާދިސާއަށްފަހު، ލަންކާގައި މިއަދުން ފެށިގެން މޫނު ބުރުގާ އެޅުން ވަނީ މަނާކޮށްފައެވެ. ލަންކާގެ ރައީސް އޮފީހުން ބުނާ ގޮތުގައި މިއަދުން ފެށިގެން މޫނު ނިވާ ވާނެ ކަހަލަ އެއްވެސް ހެދުމެއް ލައިގެން އުޅުމަކީ މަނާ ކަމެކެވެ. އެކަން މަނާ ކުރުމަށް ނިންމާފައިވަނީ އާންމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ކަމަށް އެ އޮފީހުން ބުނެއެވެ. މޫނުބުރުގާ އަޅައިގެން އުޅުން މަނާކުރުމަށް ބޭނުންވާ ގާނޫނުތައް ހަދަން ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހާ އެ ގައުމުގެ ޖަސްޓިސް މިނިސްޓަރަށް ވެސް ވަނީ ދަންނަވާފައެވެ. ބޮޑު ވަޒީރުގެ އޮފީހުން ބުނާ ގޮތުގައި އެ ނިންމުން ނިންމާފައިވަނީ ލަންކާގެ މުސްލިމުންގެ ދީނީ އިލްމުވެރިންގެ ޖަމިއްޔާ އޯލް ސިލޯން ޔަމިއްޔަތުލް އުލަމާ (އޭސީޖޭޔޫ) އާ މަޝްވަރާކުރުމަށް ފަހުގައެވެ.

މިކަމާއި ގުޅިގެން އަނީލް ކުރެއްވި ޓްވީޓުގައި ވިދާޅުވީ އައިއެސްގެ އަވާގައި ޖެހިފައިތިބި ކުދިން ވިސްނާލަން ވެއްޖެކަމަށެވެ. ލަންކާގައި އައިއެސް އިން ދިން ހަމަލާގެ ސަބަބުން މުސްލިމުންނަށް ލިބުނު ނިކަމެތިކަމާއި، އިސްލާމީ ޝިއާރެއް ފާޅުކުރުން ހުއްޓުވިގެން ދިޔުމުގެ ފާފަ ގިޔާމަތް ދުވަހަކުން، އެކަން ކުރި މީހުން ނަގަން ޖެހޭނެ ކަން ޔަގީން ކަމަށެވެ.

އާދީއްތަ ދުވަހު ލަންކާގެ އެކި ސަރަހައްދުތަކުގައި ބޮން ގޮއްވައިގެން ދިން ހަމަލާ ތަކާ ގުޅިގެން އެގައުމުގެ ސަލާމަތީ ކަންކަން އިތުރަށް ވަނީ ވަރުގަދަ ކޮށްފައެވެ.