ސިންދިތާ ފިހާރައިން ދެ ފުޅި ސެންޓް ވަގަށް ނެގި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.

ފުލުހުން ބުނީ ރޭ، މާލެ ތެރެ ޕެޓްރޯލު ކުރަމުން ދަނިކޮށް، 10:40 ހާއިރު ޝަބްނަމް މަގުން ދިޔަ 20 އަހަރުގެ ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން ހުއްޓުވާ ބަލާ ފާސްކުރި އިރު އޭނާގެ އަތުން ސިންދިތާ ފިހާރައިގެ ނަމުގައި އަގު ޖަހާފައިި އޮތް ދެ ފުޅި ސެންޓް ފެނިފައިވާ ކަމަށެވެ.

އަދި އެ މައްސަލައިގައި ކަން ހިނގިގޮތް ސާފް ކުރުމަށް ސިންދިތާއަށް ގޮސް ސުވާލު ކުުރުމުން، އޭނާ އަތުން ފެނުނު ދެ ސެންޓް ފުޅިއަކީ އެ ފިހާރައިން ވަގަށް ނަގާފައިވާ ތަކެތިކަން އެނގުނުކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައިގައި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ފުލުހުން ބުނެއެވެ.

ފަހަކަށް އައިސް މާލޭގައި ވައްކަން ކުރުން އިތުރުވެފައިވާކަން ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އެގޮތުން ރޭ އެކަނި ވެސް ވައްކަމުގެ ތިން މައްސަލައެއް ވަނީ ރިކޯޑް ކުރެވިފައެވެ. އެގޮތުން ރޭ 9:13 ހާއިރު މަޖީދީ މަގު ވެލިގާ ހާޑްވެއާ ފިހާރައިން ވައްކަން ކުރި މީހަކު ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައިގައި ފުލުހުން އެ ފިހާރައަށް ގޮސް 32 އަހަރުގެ ފިރިހެނެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމަށް ފުލުހުން ބުނެއެވެ.

ވެލިގާ ހާޑްވެއާއިން ވަގަށް ނެގި ސާމާނު (ކ) އަދި ހިލާލީގެ ކައިރިން ބަލާ ފާސްކުރި މީހާގެ އަތުން ފެނުނު ސާމާނު (ވ) / ފޮޓޯ: ޕޮލިސް

މީގެ އިތުރުން ރޭ 9:40 ހާއިރު ހިލާލީގެ ކައިރިން ހިނގާފައި ދިޔަ މީހެއްގެ އަމަލުތައް ހުރިގޮތުން، ފުލުހުން އޭނާ ހުއްޓުވާ ބަލާ ފާސްކުރި އިރު، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ސާމާނުތަކެއް ފެނިފައިވާކަމަށް ފުލުހުން ބުނެއެވެ. އަދި މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި، މި މައްސަލަ ތަހުގީގުކުރަމުން ދާކަމަށް ފުލުހުން ބުނެއެވެ.