ހުޅުމާލޭ ހޮސްޕިޓަލުން އެމްއާރައައި ގެ ހިދުމަތް ދޭން މިއަދު ފަށައިފިއެވެ.

އެ ހޮސްޕިޓަލުގައި ގާއިމު ކޮށްފައިވާ ރޭޑިއޮލޮޖީ ޑިޕާޓްމަންޓު މިއަދު ހުޅުއްވައި ދެއްވީ ހެލްތް މިނިސްޓަރު އަބްދުﷲ އަމީން އެވެ.

ހުޅުމާލޭ ހޮސްޕިޓަލުގައި ގާއިމު ކޮށްފައިވާ ރޭޑިއޮލޮޖީ ޑިޕާޓްމަންޓުން އެމްއާރްއައިގެ ހިދުމަތާއި އަލްޓްރާ ސައުންޑް ސްކޭނުގެ ހިދުމަތުގެ އިތުރުން އެކްސްރޭގެ ހިދުމަތްވެސް ލިބެން ހުރެއެވެ. އެކަމަކު މިއަދު އެ ހޮސްޕިޓަލުން ދޭން ފަށާފައިވަނީ ހަމައެކަނި އެމްއާރްއައިގެ ހިދުމަތެވެ.

އެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުން ސިއްހީ ހިދުމަތް ހޯދުމަށް މާލެއަށް ދާން ނުޖެހޭ ވަރަށް އެ ހިދުމަތް ތަރައްގީ ކުރުން ކަމަށެވެ. އަދި ހުޅުމާލޭގައި އާބާދީ އިތުރުވަމުން އަންނަ އިރު އެ އާބާދީއަށް ހިދުމަތް ފޯރުކޮށްދެވޭ މިންވަރަށް ހުޅުމާލޭގައި ސިއްހީ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އައިޖީއެމްއެޗް ގެ ހިދުމަތް ފުޅާކުރެއްވުމަށް އަލި އަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ އެ ހޮސްޕިޓަލުގެ ހިދުމަތް ހުޅުމާލެއަށް ދިނުމުގެ ވިސްނުން ގެންގުޅުއްވާ ކަމުގައެވެ. އެކަމަކު އެކަމަށް ބޭނުންވާ މީހުންނާއި ވަސީލަތްތައް ހޯދުމުގެ އިތުރުން އާ ހިދުމަތްތައް ތައާރަފު ކުރުމަށް ގޮންޖެހުންތަކެއް ހުރިކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ހުޅުމާލެ ހޮސްޕިޓަލުން މިހާރު ދަނީ އުރަމަތީގެ ކެންސަރު ހުންނަ މީހުން ސްކްރީން ކުރުމަށް ހަދާ މެމޮގްރަފީގެ ހިދުމަތް ތައާރަފްކުރުމަށް ތައްޔާރުވަމުންނެވެ.