ލ. ގަމު ގެއްއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އެ ގޭގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދު 12:55 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެކަމަކު އަލިފާނުގެ ހާދިސާގައި އެގޭގެ ބޮޑު ބައެއް އަނދާ ގެއްލުންތަކެއް ލިބިފައި ވާކަމަށް މައުލޫމާތު ލިބެއެވެ. އެގޭގައި އަލިފާން ރޯވުމަށް މެދުވެރިވި ސަބަބު އަދި މިހާތަނަށް އެނގިފައެއް ނުވެއެވެ.

ފުލުހުން ބުނީ ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުރި މަސައްކަތުން މިއަދު 13:15 ހާއިރު މި އަލިފާންގަނޑު ނިއްވާލާފައި ވާކަމަށެވެ. އެކަމަކު އަދިވެސް އެގެއިން ދުން އަރަމުން ދާކަމަށް ފުލުހުންބުނެއެވެ.

ފުލުހުންނާއި އެމްއެންޑީއެފުން އަދިވެސް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.