އަންހެނުން ސިޔާސީ ގޮތުންނާއި އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބާރުވެރި ބަޔަކަށް ނުވަނީ ގާނޫނުތަކެއް ނެތިގެންނޭ ނުބުނެވޭނެ ކަމަށް މިނިސްޓާ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް، ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.

ޓްރާންޕޭރެންސީ މޯލްޑިވްސްއާއި ޔޫއެންޑީޕީ ގުޅިގެން ހޮޓެލް ޖެންގައި ކުރިއަށް ގެންދާ "ސިމްޕޯސިއަމް އޮން ވިމެންސް ޕޮލިޓިކަލް ޕާޓިސިޕޭޝަން" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޝިދާތާ ވިދާޅުވީ ޖެންޑާ އިކުއަލިޓީގެ ގާނޫނުގައި ވަކި ފަރާތެއް އިސްތިސްނާ ކުރުމެއް ނެތި، ހުރިހާ ފަރާތެއްގެ ޒިންމާ ވަރަށް ސަރީހަ އިބާރާތުން ބަޔާންވެފައި އޮންނާނެ ކަމަށެވެ. ޖެންޑާ އިކުއަލިޓީގެ ގާނޫނު ތަސްދީގު ކުރެވުނުތާ ކުރިއަށް އޮތް އޮގަސްޓު މަހު 23ގައި ތިން އަހަރު ފުރޭ އިރު ގާނޫނުގައި ބަޔާންކުރާ ކަންކަން ތަންފީޒުވެގެން ދާ މަންޒަރު، އޭގެ އެންމެ ފުރިހަމަ ގޮތުގައި ފެނިގެން ނުދާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ޝިދާތާ ވިދާޅުވީ ރާއްޖޭގައި ސިޔާސީ ގޮތުން އަންހެނުންނަށް ލިބިފައިވާ ކުރިއެރުމަށް ނަޒަރު ހިންގައިލާ އިރު، މާ ހިތްހަމަ ޖެހޭ އުފާވެރި މަންޒަރެއް ފެނިގެން ނުދާކަމަށެވެ. އަދި ރާއްޖޭގެ އާބާދީގައި އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް ދާދި އެއް ހަމައެއްގައި އޮތް އިރު، މުހިންމު ނިންމުންތައް ނިންމާ ފެންވަރުގައި އެ ކަން ފެނިގެން ނުދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން، އިންތިހާބީ މަގާމުތަކުގައި އެ ފަރަގު ބޮޑުކަމަށާއި ނިމިގެން ދިޔަ 19ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ޖުމްލަ 87 ގޮނޑީގެ ތެރެއިން އަންހެނުން އިންތިހާބުވެފައި ވަނީ އެންމެ ހަތަރު ގޮނޑިއަށް ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި ރައްޔިތުންގެ މަޖިލިސްގެ އިންތިހާބުގެ އިތުރުން، ކައުންސިލްތަކުގެ އިންތިހާބުތަކުގައި ވެސް ފެނިގެން ދަނީ މި ފަދަ މަންޒަރެއް ކަމަށާއި މި ކަންކަމާ މެދު ވިސްނައި ފިކުރުކޮށް، މި ކަންކަން އިސްލާހުކުރަން ޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި މިކަމަށް އޮތް ހައްލަކީ އިންތިހާބީ މަގާމުތަކަށް ކޯޓާގެ އުސޫލުން އަންހެނުންނަށް ގޮނޑިތަކެއް ކަނޑައެޅުން ކަމަށާއި، އެއީ އެފާމޭޓިވް އެކްޝަން ނުވަތަ ޕޮސިޓިވް ޑިސްކްރިމިނޭޝަން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކަކީ ވަރަށް މުހިންމު ދުވަސްތަކެއް ކަމަށާއި، ކައުންސިލްތަކުގެ އިންތިހާބު ބޯމަތިވެފައިވާ އިރު، އެ އިންތިހާބުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށްޓަކައި މިހާރުން ފެށިގެން ގިނަ މަސައްކަތްތަކެއް ފަރުދީ، އިޖުތިމާއީ އަދި ގައުމީ ފެންވަރުގައި ގުޅިގެން ކުރަން ޖެހޭ ކަމަށެވެ.