ބައިނަލްއަގްވާމީ ތެލަސީމިއާ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މިއަދު ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ) ގެ ފަރާތުން ހިލޭ ތެލަސީމިއާ ޓެސްޓުކުރުމުގެ ޕްރޮގްރާމެއް ބާއްވަން ވަނީ ނިންމާފައެވެ. މި ޕްރޮގްރާމްގެ ދަށުން މިއަދު ހަތަރެއްގެ ކުރިން ޝީ ބިލްޑިންއަށް ދިޔުމުން ހިލޭ ތެލަސީމިއާ ޓެސްޓު ހެއްދޭނެ ކަމަށް ޝީ އިން ބުނެއެވެ.

ރާއްޖޭގައި ތެލެސީމިއާ ހާލާތު ދެނެގަތުމަށް 1988 ވަނަ އަހަރުން ފެށިގެން ޝީ އިން ގެންދަނީ މިފަދަ އެތައް ޕްރޮގްރާމެއް ހިންގަމުންނެވެ. އަދި ތެލަސީމިއާގެ ހާލާތު ރާއްޖޭގައި ރަނގަޅު ކުރުމަށް ޝީ އިން ކުރަމުން ގެންދާ މަސައްކަތުގެ ދަށުން ޝީ އިން ޑީއެންއޭ ޓެސްޓް ކުރުމުގެ ހިދުމަތް ދޭން ފެށީ 2005 ވަނަ އަހަރެވެ.

ރާއްޖޭގައި އެންމެ ފުރަތަނަ ތެލަސީމިއާ ފާހަގަކުރެވުނީ މީގެ 40 އަހަރު ކުރިންނެވެ. މި ބަލި ފާހަގަވި ހިސާބުން ފެށިގެން މިކަމަށް ހައްލެއް ހޯދުމަށް ރާއްޖޭގެ ސަރުކާރާއި އަމިއްލަ ޖަމިއްޔާ ތަކުން ތަފާތު މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން ތެލަސީމިއާ ކުދިންނަށް ދާއިމީކޮށް ބޭނުންވާ ބޭސް ލިބޭނެ ގޮތް އަދި ލޭއެޅޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސާފައި ވާއި ތެލަސީމިއާ ކޮންޓްރޯލް ކުރުމަށްޓަކައި މިކަމާ ގުޅޭ ހާއްސަ ގާނޫނެއް ވެސް 2012 ވަނަ އަހަރު ފާސްކޮށްފައިވެއެވެ. މި ގާނޫނުގެ ދަށުން ޒަވާޖީ ހަޔާތެއް ފެށުމުގެ ކުރިން ކައިވެނިކުރަން ބޭނުންވާ ދެ މީހުން ތެލަސީމިއާ އަށް ޓެސްޓް ކުރަން ޖެހޭނެއެވެ.