މަތިންދާ ބޯޓު ވެއްޓި މަރުވި ޒުވާން ފުޓުބޯޅަ ކުޅުންތެރިޔާ އެމިލިއާނޯ ސަލާގެ ހަށިގަނޑު ފެންނަ ފޮޓޯއެއް އޮންލައިން މީޑިއާގައި އާންމު ކުރި ފަރާތެއް ހޯދުމަށް އިނގިރޭސިވިލާތުގެ ފުލުހުން މަސައްކަތް ފަށައިފިއެވެ.
މި ފޮޓޯއިން ފެނިގެންދަނީ މޯގެއް ފަދަ ތަނެއްގެ އޮޓޮޕްސީ ހަދާ މޭޒެއްގެ މަތީގައި ސަލާގެ ހަށިގަނޑު ވަރަށް ބޮޑަށް ފަޅާލާފައި އޮއްވައެވެ.
މި މީހަކު ސަލާގެ ފޮޓޯ އާންމުކޮށްފައި ވާއިރު ސަލާގެ ބައްޕަ ވަނީ ހާޓް އެޓޭކެއް ޖެހިގެން މިދިޔަ ހުކުރު ދުވަހު މަރުވެފައެވެ.
ސަލާ މަރުވިތާ އެންމެ 3 މަސްފަހުން އޭނާގެ ބައްޕަ މަރުވެފައިވާ މި ހިތްދަތި ދަނޑިވަޅުގައި ސަލާގެ ފޮޓޯ އެފަދަ ގޮތަކަށް އާންމު ކުރި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
ގިނަ ބަޔަކު ދަނީ މިފަދަ ދަނޑިވަޅެއްގައި ސަލާގެ އެފަދަ ފޮޓޯއެއް އާންމު ކުރި ފަރާތާ ދެކޮޅަށް އަޑު އުފުލަމުންނެވެ.