ޒަހްރާން ހާޝިމުގެ ނަމަކީ މިއަދު އާ ނަމަކަށް ނުވާނެއެވެ. އެއީ މީގެ ހަފުތާއެއްހާ ކުރިން ސްރީލަންކާގެ އެކި ހިސާބުތަކަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާތަކުގެ ފަހަތުގައި ހުރި މޭސްތިރިކަމަށް ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ބުނާ މީހާއެވެ. ޒަހްރާންއަކީ ސްރީލަންކާގައި ހަރަކާތްތެރިވަމުންދިޔަ ދީނީ ހަރުކަށި ފިކުރުގެ ނޭޝަނަލް ތައުހީދު ޖަމާއަތުގެ ލީޑަރެވެ. ދެން އެނގޭހާވެސް އެއްޗަކީ، ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތަށް އޭނާ ބައިއަތު ހިފާފައިވާކަމެވެ.

ޒަހްރާން އާއި ގުޅޭ ގޮތުން މީޑިއާގައި ތަފާތު ގޮތް ގޮތަށް ދަނީ ވާހަކަ ދެކެވެމުންނެވެ. އޭނާ ދިވެހިރާއްޖޭގައިވެސް ދުވަސްތަކެއް ހޭދަކުރިކަމަށް އަޑު ފެތުރުނެވެ. ނަމަވެސް ރާއްޖޭގެ އިމިގްރޭޝަން އޮފިޝަލުންވަނީ މި ވާހަކަތައް ދޮގު ކުރައްވާފައެވެ.

ސްރީލަންކާއަށް ބޮމުގެ ހަމަލާތައް ދިންކަމަށް ބުނާ އައިސިސްގެ ގުރޫޕު/ފޮޓޯ: ދި އިންޑިޕެންޑެންޓް

ދެން އިވުނީ ތަފާތު އަޑެކެވެ. ޒަހްރާން ހާޝިމު ގިނަ ދުވަސްތަކެއް ވަންދެން ދެކުނު އިންޑިއާގެ ސަރަހައްދެއްގައި އުޅުނުކަމަށް ސްރީލަންކާ އަސްކަރިއްޔާގެ އިސް ބޭފުޅަކު ވިދާޅުވި އަޑެވެ.

ޒަހްރާންއަކީ މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާ ސިއްސުވާލި ޓެރަރިސްޓް ހަމަލާގެ މޭސްތިރިކަމަށް ސްރީލަންކާގެ ތަހުގީގު ޓީމުން ޔަގީނާ ގާތަށް ކަށަވަރުކޮށްފިއެވެ. 45 ކުޑަކުދިންނާ، ބިދޭސީ 40 މީހަކުވެސް ހިމެނޭ ގޮތަށް 250 މީހެއްގެ ފުރާނަ ގެއްލިދިޔަ ހަމަލާތައް ދިނުމުގެ ފަހަތުގައި ހުރީ ޒަހްރާން ކަމާ މެދު ސްރީލަންކާގެ އޮފިޝަލުން ދެވަނަ ފިކުރެއް ނުގެންގުޅުއްވައެވެ.

މީޑިއާގައި ނަން ހާމަ ނުކުރުމަށް އެދި ވާހަކަދެއްކެވި ސްރީލަންކާގެ އިސް އޮފިޝަލަކު ވިދާޅުވީ އައިސިސްގެ ނަޒަރުން މި ހާދިސާ ބަލަމުން އަންނަ ކަމަށެވެ. އެގޮތުން ހޯދިފައިވާ ބައެއް ހޯދުންތަކަށް ބަލާއިރު، ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ފިކުރަށް ޒުވާނުންތަކެއް ބޯލަންބުވާ، ހަނގުރާމައަށް އެ ޒުވާނުން ތަމްރީނު ކޮށްފައިވަނީ އިންޑިއާކަމަށް ތުހުމަތު ކުރެވޭ ކަމަށް ސްރީލަންކާގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ. ވަކިން ހާއްސަކޮށް ޓެމިލް ނާޑޫ ވަނީ ފާހަގަކުރައްވާފައެވެ.

ސްރީލަންކާއަށް ބޮމުގެ ހަމަލާތައް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި އައިސިސްގެ ހަނގުރާމަވެރިޔާ ޒަހްރާން ހާޝިމް/ފޮޓޯ: އެންވައިޕީ

ޒަހްރާން އިންޑިއާގައި ދުވަސްތަކެއް ހޭދަކުރި ކަމަށް ދެކެވޭ ވާހަކަތަކަށް އެއްޗެއް ވިދާޅުވުމަށް އިންޑިއާގެ އޮފިޝަލުން ވަނީ އިންކާރު ކުރައްވާފައެވެ. ނަމަވެސް، އިންޑިއާ ދަރިކޮޅު ޒުވާނުންނާ ޒަހްރާން ދެމެދު "ވާޗުއަލް" ދުނިޔެއެއްގައި އޮތް ގުޅުންތަކަކަށް އިންޑިއާގެ އޮފިޝަލުން ވަނީ އިނގިލި އަމާޒުކުރައްވާފައެވެ.

ކަމާ ބެހޭ ފަރާތްތަކުން މިހާރު ދަނީ ޒަހްރާން ހާޝިމުގެ ފޭސްބުކް ޕޭޖު ފޮލޯ ކުރަމުންދާ 100 އަށްވުރެ ގިނަ މީހުންނާ ދެކޮޅަށް ތަހުގީގު ހިންގަމުންނެވެ. އިންޑިއާއިންވެސް މިފަދަ ތަހުގީގުތަކެއް މީގެ ކުރިން ހިންގާފައިވެއެވެ. އެފަހަރު 7 މީހަކާ ސުވާލުކުރިއިރު އެއީ އައިސިސްއަށް ބައިއަތު ހިފާފައިވާ ބައެއްކަން އެނގުނެވެ. 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކޮއިންބަތޫރުން އެމީހުން ހައްޔަރުކުރިއެވެ. އެމީހުން އޭރު ދިޔައީ ސިޔާސީ އަދި ދީނީ ލީޑަރުން އަވަހާރަކޮށްލުމަށް ރާވަމުންކަމަށްވެސް އިންޑިއާގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.