ސީލައިފް ގްލޯބަލް އިން ފްލެޓް ވިއްކުމަށް ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު އެ ފައިސާ އަނބުރާ ދީފައިނުވާ މައްސަލައާ ގުޅިގެން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު ހޯދުމަށް އިންޓަޕޯލް އިން ރެޑް ނޯޓިސް ނެރެފިއެވެ.

އޭނާ ހޯދުމަށް ރެޑް ނޯޓިސް އެއް ނެރެދޭން އެދިފައިވާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން 3000 އެޕާޓްމަންޓް އެޅުމަށް ސީލައިފް ގްލޯބަލް އަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހަވާލު ކޮށްފައިވަނީ 2014 ވަނަ އަހަރުގެ މާޗުމަހުގެ ތެރޭގައެވެ. މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ އެޕާޓްމެންޓްތައް ގަތުމަށް ބުކިންގް ޕީ އެއްގެ ގޮތުގައި 280 މީހެއްގެ އަތުން 50،000 ރުފިޔާ ސީލައިފް އިން ނަގާފައި ވެއެވެ.

އެ ކުންފުންޏަށް ފައިސާ ދެއްކި 200 އަށް ވުރެ ގިނަ މީހުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހަޅާފައިވެއެވެ. އަދި އެކުންފުނީގެ އެމްޑީ ހައްޔަރުކުރަން ކްރިމިނަލް ކޯޓުން ވެސް ވަނީ އަމުރެއް ނެރެފައެވެ.

ހުޅުމާލޭގައި އަޅަން ނިންމި ސީ ލައިފް ފްލެޓަށް ޑައުންޕޭމަންޓް ދެއްކި މީހުން އެއްވެގެން ހިނގާލުމެއް ބޭއްވުމަށް ވެސް މިހާރު ވަނީ ނިންމާފައެވެ. މި ހިނގާލުން ފެއްޓުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގެ ހަވީރު 16:30 ގައި އެޗްޑީސީ ކުރިމަތިންނެވެ.