އެކި ބޭނުންތަކަށްޓަކައި ސްރީލަންކާއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ފަރާތްތަކުން އެގައުމުން ފައިބާ، އަމިއްލަ ވަޒަނަށް އެނބުރި އައުމަށް ދުނިޔޭގެ އެކި ގައުމުތަކުން ގޮވާލަން ފަށައިފިއެވެ.

އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އަދިވެސް އެ ގައުމަށް ހަމަޖެހުމެއް ލިބިފައި ނުވާއިރު، ބައެއް ގައުމުތަކުން ވަނީ ސްރީލަންކާގައި ހަރަކާތްތެރިވާ އެގައުމުތަކުގެ ޑިޕްލޮމެޓުންވެސް އަނބުރާ ގައުމަށް ގެންދިއުމުގެ މަސައްކަތް ފަށާފައެވެ.

ސްރީލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީއިންވަނީ ސްރީލަންކާގައި ދިރިއުޅޭ އެމެރިކާ ރައްޔިތުންގެ ތެރެއިން، ކިންޑަގާޑަން އިން ފެށިގެން ގުރޭޑް 12 އާއި ހަމައަށް ކިއަވާ ކުދިން ތިބި އާއިލާތަކުން ސްރީލަންކާއިން ފޭބުމަށް އަމުރުކޮށްފައެވެ. މީގެ އިތުރުން އެކި ބޭނުންތަކުގައި ސްރީލަންކާގައި މަސައްކަތްކުރަމުންދާ އެމެރިކާގެ ސަރުކާރު މުވައްޒަފުންވެސް އަމިއްލަ އިހުތިޔާރުގައި ސްރީލަންކާއިން ފޭބުމަށް އެމެރިކާ ހާރިޖިއްޔާއިންވަނީ ގޮވާލާފައެވެ.

ކަންމިހެން އޮތްއިރު ވިލާތުގެ ގައުމުތަކުން ވަނީ ސްރީލަންކާއަށް ދަތުރު ކުރުމާ ދެކޮޅަށް ޓްރެވެލް އެޑްވައިޒަރީ އާންމުކޮށްފައެވެ. އަދި ސްރީލަންކާގައި މިހާރު ތިބި އެގައުމުތަކުގެ ރައްޔިތުން، ކޮންމެހެން ނިކުންނަން ޖެހިގެން މެނުވީ އަމިއްލަ ގެއިން ބޭރަށް ނުނިކުތުމަށާ، އާންމުން އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށްވެސް މި ގައުމުތަކުން ވަނީ ގޮވާލާފައެވެ.

ސްރީލަންކާއަށް ދަތުރު ނުކުރުމަށް ރަޝިޔާގެ ރައްޔިތުންނަށް އަންގާފައިވާއިރު، އޮސްޓްރޭލިއާއިންވަނީ ސްރީލަންކާގައި އަދިވެސް ޓެރަރިސްޓް ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރުވެސް ދީފައެވެ.

ސްރީލަންކާގައި ދިރިއުޅެމުންދާ އެ ގައުމުތަކުގެ ރައްޔިތުން ސްރީލަންކާއިން ފޭބުމެއް ދިވެހިރާއްޖެއާއި އިންޑިއާއިން އަދި އަންގާފައި ނުވި ނަމަވެސް، ސްރީލަންކާގައި ދިރިއުޅޭ އެ ގައުމުތަކުގެ ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް އެމްބަސީ ތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީއިން ވަނީ، ސްރީލަންކާގެ އަސްކަރިއްޔާއާއި ފުލުހުން ކުރިއަށް ގެންދާ ރެއިޑަށް އެއްބާރުލުން ދިނުމަށާ، ވީ ވަރަކުން ގޭ ތެރޭގައި ތިބުމަށް ސްރީލަންކާގައި ތިބި ދިވެހި ރައްޔިތުންނަށް ގޮވާލާފައެވެ. އަދި އާންމު އެއްވެ އުޅޭ ތަންތަނަށް ނުދިއުމަށާ، ކާފިއު ތަންފީޒު ކުރާ ވަގުތުތަކުގައި އެ ގަވައިދަށް އިހުތިރާމް ކުރުމަށްވެސް ދިވެހި އެމްބަސީއިން ވަނީ ގޮވާލާފައެވެ.

ހުކުރު ދުވަހުގެ މެންދުރު ފަހުން ފެށިގެން ސްރީލަންކާގައި އިތުރު ގޮވުންތަކެއް ގޮއްވާ، ރޭގެ ވަގުތެއްގައި ބަޑީގެ ހަމަލަތާކެއް ބަދަލުކޮށްފައިވާއިރު މި ހަމަނުޖެހުންތަކުގައި ކުޑަކުދިންވެސް ހިމެނޭ ގޮތަށް 15 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.

ސްރީލަންކާއަށް ކުރިމަތިވެފައިވާ ނުރައްކާ އަދިވެސް ކުޑަ ނުވާ ކަމަށާ، ނަމަވެސް ހަމަލާ ދޭން މަސައްކަތްކުރަމުންދާ މީހުން ބޭނުންކުރަމުންދިޔަ ގިނަ ހަތިޔާރުތަކެއް މިހާރު ހުރީ ކަމާ ބެހޭ ފަރާތްތަކުގެ ބާރުގެ ދަށަށް ގެނެވިފައިކަން ސްރީލަންކާގެ ބޮޑުވަޒީރު ރަނީލް ވިކްރަމަސިންހަ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.