އާދީއްތަ ދުވަހު ސްރީލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން، އެ ގައުމުގެ ސަލާމަތީ ބާރުތަކުން މިހާރު ހިންގަމުން ދާ ބަލައި ފާސް ކުރުމުގެ އޮޕަރޭޝަންގެ ތެރެއިން ހައްޔަރު ކުރި ހަ ދިވެހިންގެ ތެރެއިން ހަތަރު މީހުން އަންނަ ހޯމަ ދުވަހު ދޫކޮށްލާނެ ކަމަށް އެގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީ އިން ބުނެފިއެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި އެ ހަތަރު މީހުން ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ނިގަންބޯގެ ލަޔަން ސިޓީ އިންނެވެ. އަދި އެއީ ލަންކާގައި ފްލައިޓް އިންޖީނީއަރިން ކިޔަވަމުން ދިޔަ ހަތަރު ކުދިން ކަމަށް މައުލޫމާތު ލިބެއެވެ. އެ ކުދިން ހައްޔަރު ކޮށްފައި ވަނީ ލަންކާގެ ސަލާމަތީ ބާރުތަކުން ގެތައް ބަލާ ފާސް ކުރަމުން ދިޔަ ދިޔުމެއްގައި އެކުދިން ދިރިއުޅޭ ތަނުން ހަތިޔާރެއް ފެނިގެން ކަމަށް މައުލޫމާތު ލިބެއެވެ.
އެ ހަތަރު މީހުންނާ ހަވާލުވާން ހޯމަ ދުވަހު ކޯޓަށް ދިޔުމަށް އެމީހުންގެ އާއިލާތަކަށް ރާއްޖޭގެ އެމްބަސީއިން މިހާރު ވަނީ އަންގާފައެވެ.
އެ ހަތަރު މީހުންގެ އިތުރުން ލަންކާ ފުލުހުން ހައްޔަރު ކުރި ދެ ދިވެއްސެއްގެ ބަންދުގެ މުއްދަތަށް މައުންޓް ލެވީނިއާ ކޯޓުން މިއަދު ވަނީ 13 ދުވަސް ޖަހާފައެވެ. އެ ދެ ދިވެހިން ހައްޔަރު ކޮށްފައިވަނީ އިއްޔެ ގެއެއްގެ ތެރެ ބަލާ ފާސް ކުރި އިރު އެގޭ ތެރޭގައި ދިރިއުޅޭ ޕޮލިޓިކަލް ސައިންސް ކިޔަވާ ކުއްޖެއް ގެންގުޅުނު އިސްލާމިކް ސްޓޭޓްސް (އައިއެސް) ގެ މައުލޫމާތު ހުރި ފޮތެއް ފެނިގެންނެވެ.