ސްރީލަންކާއިން ހައްޔަރު ކުރި އެއްވެސް ދިވެއްސެއްގެ އަތުން މަސްތުވާ ތަކެތި ފެނިފައި ނުވާ ކަމަށް ރާއްޖެ އިން އެ ގައުމަށް ކަނޑައަޅާފައިވާ ސަފީރު އުމަރު ރައްޒާގު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހު ލަންކާގައި ދިން ބޮމުގެ ހަމަލާތަކާއި ގުޅިގެން، ދިވެހިން ދިރިއުޅޭ ގެތައް ބަލާ ފާސްކުރުމުގައި، ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ހަތަރު ދިވެއްސެއް ދިރިއުޅޭ ގެއިން މަސްތުވާތަކެތި ފެނުނު ވާހަކަ އެއް މީޑިއާ ތަކުގައި ފެންމަތިވުމާ ގުޅިގެންނެވެ.

ލަންކާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ދިވެހިން ތެރެއިން އެކަކު ދިރިއުޅޭ ގެއަކުން އެއާ ރައިފަލް އެއް ފެނުނު ކަމަށް އެ ގައުމުގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުއްޖެއް މީގެ ކުރިން 'ދަ ޕްރެސް' އަށް ބުނެފައި ވެއެވެ. ނަމަވެސް މަސްތުވާތަކެތި އަތުލިކަމުގެ ހަބަރެއް ދިވެހިންގެ ތެރޭގައި ނެތް ކަމަށް އޭނާވެސް ބުނެފައި ވެއެވެ.

ލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި ހަ ދިވެއްސަކު ތިބިކަން ރާއްޖޭގެ ފޮރިން މިނިސްޓްރީން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.