ނިމިދިޔަ ރައްޔިތުން މަޖިލިސް އިންތިހާބުގައި ބައިވެރިވި ކެންޑިޑޭޓުންގެ ތެރެއިން މިހާތަނަށް މާލީ ބަޔާން ހުށަހަޅާފައިވަނީ 115 ކެންޑީޑޭޓުން ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ތަރުޖަމާނު އަހުމަދު އަކްރަމް ވިދާޅުވެއްޖެއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އަކްރަމް ވިދާޅުވީ، ނިމިދިޔަ ރައްޔިތުން މަޖިލިސް އިންތިހާބުގައި 386 ކެންޑިޑޭޓަކު ކުރިމަތިލާފައިވާ އިރު އޭގެތެރެއިން މާލީ ބަޔާން މިހާތަނަށް ހުށަހަޅާފައި ވަނީ ޖުމްލަ 115 ކެންޑިޑޭޓުން ކަމަށެވެ. އޭގެއިތުރުން މުއްދަތު އިތުރު ކުރުމުގެ ބާރު އިލެކްޝަން ކޮމިޝަނަށް ނެތް ކަމަށާއި މިރޭ 12:00 ގެ ކުރިން މާލީ ބަޔާން ހުށަ ނާޅާ ކެންޑިޑޭޓުންނަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކަށް ފޮނުވާނެ ކަމަށްވެސް އަކްރަމް ވިދާޅުވިއެވެ.

މާލީ ބަޔާން ހުށަހެޅުމުގެ ވަގުތު މިހާ ކުޑަތަން ވެފައި ވާއިރު މާލީ ބަޔާން ހުށަނާޅާ 271 ކެންޑިޑޭޓުން މިހާތަނަށް އެބަތިއްބެވެ. މާލީ ބަޔާން ހުށަހެޅުމުގެ ސުން ގަޑި ހަމަވަނީ މިރޭ 12:00 އަށެވެ.

މާލީ ބަޔާނަކީ ކޮންމެ ކެންޑިޑޭޓެއްގެ ވެސް ކެމްޕޭން ހަރަކާތްތަކަށް ޖުމްލަ ހަރަދުވި ފައިސާގެ އަދަދާއި ފައިސާ ލިބުނު ގޮތުގެ މައްޗަށް ހަދާ ބަޔާނެކެވެ. އިންތިހާބާ ގުޅޭ އާންމު ގާނޫނުގައިވާ ގޮތުންނަމަ މި ބަޔާން ހުށަނާޅައިފިނަމަ 6000 ރުފިޔާ އާއި 24000 ރުފިޔާއާ ދެމެދުގެ އަގަކުން ޖޫރިމަނާކުރުން ނުވަތަ ހަ މަސް ދުވަހާ ދެ އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލުހުކުމެއް އިއްވާނެއެވެ.