މާލޭގައި ޓެކްސީ ކުރާ ހަމައެކަނި އަންހެން ޓެކްސީ ޑްރައިވަރު އައިމިނަތު ވަހީދާ (އައިންތު) ގެ ކާރަށް ގެއްލުންދީފިއެވެ.

ފުލުހުން ބުނީ ރޭގެ ވަގުތެއްގައި އައިންތުގެ ކާރަށް ގެއްލުން ދީފައިވާ ކަމަށާ ގެއްލުން ދިނީ އޭނާގެ ކުރީގެ ފިރިމީހާ ކަމަށް ރިޕޯޓް ކޮށްފައި ވާކަމަށެވެ. އަދި މި މައްސަލަ ޑޮމެސްޓިކް ވައިލަންސް މައްސަލައެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެއެވެ.

"އެއްތިރީސް ބައްތިރީސް" ޓެކްސީ ސެންޓަރުގައި ޓެކްސީ ކުރާ އައިންތު ކާރު ހުއްޓުވާފައިވަނީ ރޭ 10:10 ހާއިރު ދުވާ ޓްރެކްކައިރިން ކަމަށް މަންޒަރުދުން މީހުން ބުނެއެވެ. އަދި ކާރު ހުއްޓުވުމަށްފަހު އައިންތުއަށް ހަމަލާދޭން މަސައްކަތް ކޮށް އޭނާގެ ކާރުގެ ބޮނެޓް ގަދަކަމުން ހުޅުވާ އިންޖީނަށް ގެއްލުންދީފައިވާ ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

އައިންތު އޭނާގެ ކާރުގައި ޓެކްސީ ކުރަނީ / ފޮޓޯ: ސޯޝަލް މީޑިއާ

މާލޭގައި ފުރަތަމަ ފަހަރަށް ޓެކްސީ ކުރާ އަންހެނެއްގެ ޝަރަފް ހޯދި އައިންތު ޓެކްސީ ކުރަން ފެށީ 2017 ވަނަ އަހަރުގެ ކުރީ ކޮޅުގައެވެ. މި މަސައްކަތް އޭނާ ފެށީ ކުރިން ކޭޝިއަރެއްގެ މަސައްކަތުގައި އުޅުމަށްފަހު ޝައުގުވެރިކަން ހުންނަ މަސައްކަތަކަށް ވުމުންނެވެ.