ސްރީލަންކާއަށް އަމާޒުވި ޓެރަރިސްޓް ހަމަލާތަކާ ގުޅުން ހުރި މީހުން ހޯދުމަށް ކަމާ ބެހޭ ފަރާތްތަކުން ރެއިޑްކުރަމުންދިޔަ ކަލްމުނާއީ ސަރަހައްދުގެ ގެއެއްގެ ތެރެއިން، މަރުވެފައިވާ 15 މީހެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

މިމީހުން ފެނިފައިވަނީ ހުކުރު ދުވަހު ވަރުގަދަ ގޮވުންތަކެއް ގޮވި ސަރަހައްދުންކަން ސްރީލަންކާ ފުލުހުންގެ ތަރުޖަމާނު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މަރުވެފައިވާ މީހުންގެ ތެރޭގައި 3 އަންހެނުންނާ 6 ކުޑަކުއްޖަކު ހިމެނޭ ކަމަށް މައުލޫމާތު ލިބެއެވެ. މިމީހުންނަކީ ކަލްމުނާއީ ސަރަހައްދުގައި ގޮވި ގޮވުމާ، އަސްކަރިއްޔާއާއި ދެމެދު ބަދަލުކުރި ބަޑީގެ ހަމަލަތާކުގައި މަރުވި މީހުން ކަމަށް ބެލެވޭ ކަމަށް ސްރީލަންކާގެ އޮފިޝަލުންނާ ހަވަލާދީ މީޑިއާ ރިޕޯޓްތައް ބުނެއެވެ.

ސްރީލަންކާގެ ފުލުހުން މިކަން ހާމަކޮށްފައިވާއިރު، ކަންޑަނާ ޕޮލީސް ސްޓޭޝަން ސްރަހައްދުން ގޮވާއެއްޗެއް ކަމަށް ބެލެވުނު ޕެކޭޖު މިހާރު ރައްކާތެރި ގޮތުގައި ނައްތާލާފައިވާކަމުގެ ޚަބަރުތައް ދަނީ ލިބެމުންނެވެ. އަދި މި ޕެކޭޖުގައި އެއްވެސް ކަހަލަ ގޮވާއެއްޗެއް ނެތްކަން ސްރީލަންކާގެ ބޮން ނައްތާލާ ޓީމުންވަނީ ކަށަވަރުކޮށްދީފައެވެ.

ސްރީލަންކާގެ އެކި ހިސާބުތަކުން އަދިވެސް ގިނަ އަދަދެއްގެ ގޮވާތަކެއްޗާއި އެ ތަކެތި ގޮއްވަން ބޭނުންކުރާ އާލާތްތައް ފެންނަމުންދާއިރު، ފާއިތުވީ 24 ގަޑިއިރު ތެރޭގައި އެކަނިވެސް 20 މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މިއާއެކު ތުހުމަތުގައި ހައްޔަރުކުރި މީހުންގެ އަދަދު ވަނީ 90 އަށްވުރެ މައްޗަށް އަރާފައެވެ.

ސްރީލަންކާގެ އާންމު މަސްރަހު އަދިވެސް ހަމަޖެހުމަކަށް ނައިސް އިތުރަށް ނުތަނަވަސްވަމުންދާއިރު، ބައެއް ސަރަހައްދުތަކުގައި މިހާރުވެސް ވަނީ ކާފިއު އިއުލާންކޮށްފައެވެ.