ހަދަމުން އަންނަ މިސްކިތެއް ކަމަށްވާ މުހައްމަދު ޖަމީލުު މިސްކިތުގެ ދެވަނަ ފަންގި ފިލާއިން ވެއްޓުނު އެސްޓީއޯގެ އިންފޮމޭޝަން އެންޑް ޓެކްނޮލޮޖީ (އައިޓީ) ހެޑް މުސްތަފާ އަޒްމީ ނިޔާވެއްޖެއެވެ.

ރޭގެ ވަގުތެއްގައި އަޒްމީ ނިޔާވީ ރާއްޖޭގައި ސީރިއަސް ހާލަތެއްގައި ހޮސްޕިޓަލުން ފަރުވާ ހޯދުމަށް ފަހު އިންޑިއާގެ ބެންގަލޫރަށް މިދިޔަ ބުދަ ދުވަހު ގެންގޮސް، އެތަނުން ދޭނެ އިތުރު ފަރުވާއެއް ނެތިގެން އަނބުރާ ރާއްޖެ ގެނައިތަނާއެވެ. އަޒްމީގެ ކަށުނަމާދު އޮންނާނީ މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުލަޒުގައެވެ.

މިސްކިތުން ވެއްޓި އަޒްމީގެ މޭގެ ތިން ކަށިގަނޑެއް ބިންދައިގެން ގޮސް ފުއްޕާމެއަށް ހެރުމުގެ ސަބަބުން އޭނާގެ ލޭގެ ޕްރެޝަރު ހިފެހެއްޓުމުގައި ދަތިތަކެއް ދިމާވެފައިވެއެވެ. އަދި އޭނާގެ ބޮލަށް ލިބުނު ސީރިއަސް އަނިޔާ ތަކުގެ ސަބަބުން އޭނާގެ ސިކުނޑީގެ ހިނގުން ވެސް ވަނީ ހުއްޓިފައެވެ.

އަމިއްލަ ފަރާތަކުން އިމާރާތްކުރަމުން އަންނަ ހަތަރު ބުރީގެ މުހައްމަދު ޖަމީލު މިސްކިތަށް ދެވިފައިވާ އާންމު ނަމަކީ ފައިފޮހޭ މިސްކިތެވެ. މިސްކިތުގެ ދެވަނަ ފަންގިފިލާއިން އަޒްމީ ވެއްޓުނީ މިސްކިތުގެ މިންބަރުގެ ލަކުޑީގެ މަސައްކަތްތަކެއް ކުރަން އުޅުމުގެ ތެރޭގައެވެ. އުމުރުން 41 އަޒްމީއަކީ އެސްޓީއޯގެ މުވައްޒަފެއްގެ ގޮތުގައި 25 އަހަރުވަންދެން މަސައްކޮށް ކޮށްފައިވާ މީހެކެވެ. އައިޓީގެ މަސައްކަތް ކުރުމުގެ އިތުރުން އަޒްމީ އަކީ ލަކުޑިން ތަފާތު އެއްޗެހި އުފައްދަމުން އަންނަ ހުނަރުވެރި އަތްތެރި މަސައްކަަތްތެރިއެވެ.