ސްރީލަންކާ ފުލުހުންގެ ބެލުމުގެ ދަށުގައި 6 ދިވެހިން އެބަތިބިކަމަށް ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީއިން ބުނެފިއެވެ.

'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ލަންކާގައި ހުންނަވާ ޑެޕިއުޓީ އެމްބެސެޑަރު އަސްލަމް ޝާކިރު ވިދާޅުވީ އޭގެތެރެއިން ހަތަރު މީހުން ހައްޔަރު ކޮށްފައިވަނީ ނިގަންބޯ ސަރަހައްދުން ކަމަށެވެ. އަދި އަނެއް ދެ މީހުން ހައްޔަރު ކޮށްފައިވަނީ މިރިހަނަ ސަރަހައްދުން ކަމަށެވެ.

މި ހަމީހުން ހައްޔަރު ކޮށްފައިވަނީ ފުލުހުން އޮޅުން ފިލުވަން ބޭނުންވާ ބައެއް ކަންކަން އޮޅުން ފިލުވުމަށް ކަމަށް އެމްބަސީއިން ބުނެއެވެ. އަދި އެމްބަސީން ބުނީ އެމީހުންގެ ކަންކަން ވަރަށް ގަތުން ބަލަމުން ގެންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެތަނުން އެކަކު ހައްޔަރުކޮށްފައި ވަނީ މިއަދު ގެއެއްގެ ތެރެ ބަލާ ފާސް ކުރި އިރު އެގޭ ތެރޭގައި ދިރިއުޅޭ ޕޮލިޓިކަލް ސައިންސް ކިޔަވާ ކުއްޖެއް ގެންގުޅުނު އިސްލާމިކް ސްޓޭޓްސް (އައިއެސް) ގެ މައުލޫމާތު ހުރި ފޮތެއް ފެނިގެންނެވެ.

އަދި އިއްޔެގެ ވަގުތެއްގައި ހައްޔަރު ކުރި ހަތަރު މީހުން ހައްޔަރު ކޮށްފައިވަނީ ނިގަންބޯގެ ލަޔަން ސިޓީ އިން ކަމަށް މައުލޫމާތު ލިބެއެވެ. އެއީ ފްލައިޓް އިންޖީނީއަރިން ކިޔަވަމުން ދިޔަ ހަތަރު ކުދިން ކަމަށް މައުލޫމާތު ލިބެއެވެ. އެ ކުދިން ހައްޔަރު ކޮށްފައި ވަނީ ލަންކާގެ ސަލާމަތީ ބާރުތަކުން ގެތައް ބަލާ ފާސް ކުރަމުން ދިޔަ ދިޔުމެއްގައި އެކުދިން ދިރިއުޅޭ ތަނުން ހަތިޔާރެއް ފެނިގެން ކަމަށް މައުލޫމާތު ލިބެއެވެ.

އަދި މައުލޫމާތު ލިބޭ ގޮތުގައި ލަންކާ ފުލުހުން ހައްޔަރު ކުރި ހަމީހުންގެ ތެރެއިން ހަތަރު މީހަކާ ފުލުހުން ވަނީ ސުވާލު ކޮށްފައެވެ. އަދި އޭގެ ތެރެއިން އެކަކު މާދަމާ ކޯޓަށް ގެންދާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިކަމާ ގުޅިގެން ދިވެހި ފުލުހުން ބުނީ މިކަމުގެ މައުލޫމާތު ރަސްމީކޮށް އެ އިދާރާއަށް އަންގާފައި ނުވާ ކަމަށެވެ. އަދި އެކަމާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން މިހާރު ދާކަމަށް ފުލުހުން ބުނެއެވެ.

ލަންކާ އެމްބަސީން ބުނި ގޮތުގައި އެ އިދާރާއަށް ނޭނގި ވެސް ބައެއް ދިވެހިންނާ ސުވާލު ކޮށްފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. އެފަދަ ކަމެއް ދިމާ ވެއްޖެނަމަ އެމްބަސީގެ ހޮޓްލައިން އަށް ގުޅައިގެން އެ މައުލޫމާތު ހިއްސާ ކުރުމަށް އެފަރާތުން އެދެއެވެ. ލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ތަކަކީ: 0768816666 / 0727277072 / 0766086660 / 0764189900 އެވެ.