25 އަހަރުވީ ދާހިލީ ހަނގުރާމައިގެ ނިމުމަށްފަހު, ތަރައްގީއާއި، ހަމަޖެހުމާ ސުލްހަ މަސަލަސްކަމުގެ ފޮނިމީރުކަން ދެކެމުން އައި ސްރީލަންކާ ނޯށުން ރޮއްވާލި އެންމެ ނާމާން ދުވަހަކީ ނިމިދިޔަ ހަފުތާގެ އާދީއްތަ ދުވަހޭ ދެންނެވުމަކުން ދޮގަކަށް ނުވާނެއެވެ. ގޮއްވާލި ފުރަތަމަ ބޮމާއެކު "ހުޅަނގުން ތަހުޒީބުކުރި ޑިމޮކްރަސީ"ގެ ލެންސުން ބަލާލި ކޮންމެ މީހަކަށްވެސް، ތުހުމަތުގެ އިނގިލި އަމާޒުކުރެވުނީ ކޮންމެވެސް މުސްލިމަކާ ދިމާލަށެވެ. ގަލަކަށްފަހު ގަލެއް ފުރޮޅަމުންގޮސް، ސްރީލަންކާގައި ހަރަކާތްތެރިވާ ދީނީ ގޮތުން ހައްދުފަހަނައަޅާފައިވާ ޖަމާއަތެއްވެސް މިކަމުގައި ބެދިއްޖެއެވެ. ހައްދުފަނައަޅާފައިވާ އައިސިސް ޖަމާއަތުންވެސް މި ހަމަލާގެ ޒިންމާ އުފުލައިފިއެވެ. އަމަލީ ގޮތުން އެކަން ކުރީ އިސްވެ ދެންނެވުނު ހަނގުރާމަވެރިންކަން ދޭހަވާ ވީޑިއޯތައްވެސް އަޅުގަނޑުމެން ދެކެފީމުއެވެ. ނަމަވެސް، މި ހަމަލާތަކަކީ އެއަށްވުރެ އަޑިނުބައި ހަމަލާތަކެއް ކަމަށް ބުނި އެކަކީ ބަވަނަވަމުންދާ ދުނިޔެއާ ބެހޭ ދިރާސާތައް ޝާއިއުކުރަމުން އަންނަ ސެންޓާ ފޯ ރިސާޗް އޮން ގްލޯބަލައިޒޭޝަންގެ ލިޔުންތެރިއް ކަމަށްވާ އެޑަމް ގޭރީއެވެ. އެޑަމް ގޭރީ ލިޔެފައިވާ ލިޔުން ޝައިއުކޮށްފައިވަނީ ޔުރޭޝިއާ ފިއުޗާ ނަމަކަށް ކިއާ ވެބްސައިޓެއްގައެވެ.
އެޑަމް ގޭރީ ތުހުމަތު ކުރާ ގޮތުގައި، ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާއަކީ ދީނެއްގެ ދިފާއުގައި ދިން ހަމަލާއެއް ނޫނެވެ. ސްރީލަންކާގެ މުޅި އާބާދީއަށް ބަލާއިރު މުސްލިމުން ހިއްސާކުރަނީ އެންމެ 8 ޕަސެންޓް ކަމަށް ވާއިރު، މިފަދަ ހަމަލާތަކެއް ދީގެން ހާސިލުވާނެ މާ ބޮޑު ފައިދާއެއް ނެތްކަމަށް ގޭރީ ބުނެފައިވެއެވެ. އެހެންކަމުން ސްރީލަންކާގެ (އެން.ޓީ.ޖޭ) ހަނގުރާމަވެރިން މި ހަމަލާތައް ދިނުމުގައި ކޮންމެވެސް އެހެން ނުބައެއް އުޅޭނެ ކަމަށާ، އެކަމުގެ ފަހަތުގައި އޮތީ އިންޑިއާ ކަމަށް އެޑަމް ގޭރީ ވަނީ ތުހުމަތު ކޮށްފައެވެ. ހަމަލާތައް ރޭވިގެން އައިސްފައިވާ ގޮތަށް ބަލާއިރު، އިންޑިއާ ނޫން ދެވަނަ ގައުމަކަށް ތުހުމަތުގެ އިނގިލި އަމާޒުކުރެވެން ނެތްކަމަށް އޭނާ ވަކާލާތު ކުރެއެވެ.
އެޑަމް ގޭރީ ތުހުމަތުކުރާ ގޮތުގައި ސްރީލަންކާއަކީ އިންޑިއާގެ ހިމާޔަތުގެ ދަށުގައިވާ ގައުމަކަށް ހެދުމަށް އިންޑިއާއިން ވަނީ އިސްތިރާޖުތަކެއް ރާވާފައެވެ. ނަމަވެސް އިންޑިއާގެ އިސްތިއުމާރީ ބާރުގެ ދަށުގައި އޮތުމަކަށް ސްރީލަންކާގެ އެއްވެސް ލީޑަރަކު ބޭނުމެއް ނުވިއެވެ. އޭގެ ބަދަލުގައި ސްރީލަންކާގެ ލީޑަރުން ހިޔާރުކުރައްވާފައި ވަނީ މިނިވަން ހާރިޖީ ސިޔާސަތެކެވެ. ހުރިހާ ކޮޅަކުންވެސް މޮޅު ލިބޭނެ ސިޔާސަތެކެވެ. ނަތީޖާއަކަށްވީ އިންޑިއާގެ އިތުރުން، ޕާކިސްތާނާ ޗައިނާއާއިވެސް ލަންކާއިން ގުޅުންތައް ދަމަހައްޓާ، ބަދަހިކުރަން ފެށުމެވެ. އެޑަމް ގޭރީ ބުނެފައިވާ ގޮތުގައި، މިއީ އިންޑިއާއަށް ހަޖަމްކުރަން މާ ފަސޭހަ ކަމެއް ނޫނެވެ.
ސްރީލަންކާގެ ދާހިލީ ހަނގުރާމައިގެ ދުވަސްވަރު، 1983 ވަނަ އަހަރުން ފެށިގެން ލިބަރޭޝަން އޮފް ޓެމިލް ޓައިގާޒް އީލާމް (އެލް.ޓީ.ޓީ.އީ)އަށް ފާޅުގައި އެންމެ ފުރަތަމަ އެއްބާރުލުން ދިން ގައުމުތަކުގެ ތެރޭގައިވެސް އިންޑިއާ ހިމެނެއެވެ. ނަމަވެސް 1987 ވަނަ އަހަރާ ހިސާބަށް އާދެވުނު އިރު އިންޑިއާއިން އެލް.ޓީ.ޓީ.އީ ދޫކޮށްލިއެވެ. އަދި އިންޑިއާގެ ސުލްހަ ބަލަހައްޓާ ފައުޖެއް ސްރީލަންކާގައި ގާއިމުކުރިއެވެ. އެޑަމް ގޭރީ ތުހުމަތުކުރާ ގޮތުގައި އިންޑިއާއިން އެކަންވެސް ކުރީ ލަންކާގެ ފަސްގަނޑުގައި އިތުރު ހަމަނުޖެހުންތައް އުފެއްދުމަށެވެ. މާ ގިނަ ދުވަސްތަކެއް ނުވެ، ތަމަޅަ ޓައިގަރުންގެ ހަމަލާއެއްގައި އިންޑިއާގެ ބޮޑުވަޒީރު ރަޖީވް ގާންދީ އަވަހާރަ ކޮށްލިއެވެ. އަދި އިންޑިއާގެ ޖާސޫސީ އޮފިޝަލުން އަނެއްކާވެސް ތަމަޅަ ޓައިގަރުންނަށް ސިއްރުގައި ތާއީދުކުރަން ފެށިކަމަށް އެޑަމް ގޭރީ ތުހުމަތުކުރެއެވެ.
ތަމަޅައިންނާ ދެކޮޅަށް ސްރީލަންކާގައި ކުރި 25 އަހަރުވީ ދާހިލީ ހަނގުރާމަ 2009 ވަނަ އަހަރު ނިމުނުއިރު ހާރިޖީ ބާރެއްގެ ގޮތުގައި ސްރީލަންކާގެ ކޮންޓްރޯލް ނެގުމަށް ފޫގަޅާފައި އޮތީވެސް އިންޑިއާ ކަމަށް އެޑަމް ގޭރީ ބުނެއެވެ. ނަމަވެސް އޭރު ސްރީލަންކާއިންވަނީ ޗައިނާއާއެކު ގުޅުންތައް ބަދަހިކުރަން ފަށާފައެވެ. ބައިނަލްއަގުވާމީ ރާޒުވާގެ ކުޅިބަޔަކަށް ބަލާއިރު އިންޑިއާއާއި ޗައިނާ ދުވަހަކުވެސް އެއްގަލަކަށް ނާރައެވެ. ދުނިޔޭގެ 1 ނަންބަރު ރެކޯޑާ ބާރު އަތުލުމަށް ދެގައުމުން ދުވަނީ އެއް ރޭހެއްގައެވެ. ތަފާތު ދެ ޓްރެކެއްގައެވެ.
އިންޑިއާގެ ކެތްތެރިކަން ކޮޅުންލީ، ބެލްޓް އެންޑް ރޯޑް އިނީޝިއޭޓިވްގެ ނަމުގައި މުޅި ދުނިޔެ ތަރައްގީ ކުރުމުގެ މަޝްރޫއެއް ޗައިނާއިން ފެށި ހިސާބުން ކަމަށް އެޑަމް ގޭރީ ތުހުމަތު ކުރެއެވެ. ސަރަހައްދީ އެންމެ ވަރުގަދަ ބާރުގެ ގޮތުގައި ދެމި އޮތުމަށް އިންޑިއާއަށް އިންތިހާއަށް މުހިންމުވާ ސްރީލަންކާގެ އިތުރުން ދިވެހިރާއްޖެވެސް ޗައިނާގެ ތަރައްގީގެ ތަސައްވުރުގެ ޗާޓުތަކުގައި ހިމެނެމުން ދިޔުންވީ އިންޑިއާއަށް ގަބޫލުކުރަން ދަތިވި ހަގީގަތެއްގެ ގޮތުގައި އެޑަމް ގޭރީ ވަނީ ސިފަކޮށްފައެވެ. އެގޮތުން ދިވެހިރާއްޖެއާއި ސްރީލަންކާގެ ސިޔާސީ މަސްރަހަށް ބަލާއިރު، "ޕްރޯ-އިންޑިއާ" އާއި "ޕްރޯ-ޗައިނާ" ފެކްޝަނަކަށް ގައުމުތައް ބައިބައިވެފައި ވާކަމަށާ މިކަމުގެ ފައިދާވެސް އިންޑިއާއިން ނަގާކަމަށް އެޑަމް ގޭރީ ވަނީ ބުނެފައެވެ.
ޖިއޯޕޮލިޓަކަލް ތަޖުރިބާކާރު އެންޑްރޫ ކްރޮޔޯބްކޯއާއި ހަވާލާދީ އެޑަމް ގޭރީ ތުހުމަތު ކުރި ގޮތުގައި، އިންތިހާބެއްގެ ތެރެއިން ދިވެހިރާއްޖޭގެ ވެރިކަން ބަދަލު ކޮށްލުމުގައިވެސް އިންޑިއާއިންވަނީ ބައިވެރިވެފައެވެ. މިކަމެއް އައީ ބީޖޭޕީގެ އިސް ސަޕޯޓަރެއް ކަމަށްވާ ސުބްރަމާނިއަން ސުވާމީ، ދިވެހިރާއްޖެއާއި ދެކޮޅަށް "ހަނގުރާމަ"އެއް އިއުލާންކުރި ހިސާބުން ކަމަށްވެސް އެޑަމް ގޭރީ ވަނީ ސިފަކޮށްފައެވެ.
އިންޑިއާއާއި ވީ ކޮޅަށް ބާރުތައް ބުރަވަމުން ދަނިކޮށް 2018 ވަނަ އަހަރުގެ ނިމުމަކާ ހިސާބަށް އާދެވުނު އިރު އަނެއްކާވެސް ލަންކާގެ މަސްރަހު ނުތަނަވަސްވިއެވެ. އެއީ ސްރީލަންކާގެ ބޮޑުވަޒީރު ކަމުގައި ހުންނެވި ރަނީލް ވިކްރަމަސިންހަ މަގާމުން ދުރުކުރައްވާ، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އެމަގާމަށް ހަމަޖެއްސެވި ހިސާބުންނެވެ. މީޑިއާގައި އެދުވަސްވަރު ފެންމަތިވި ބައެއް ޚަބަރުތަކަށް ބަލާއިރު ބޮޑުވަޒީރު ކަމުން ވިކްރަމަސިންހަ ދުރުކުރެވުނީ، އިންޑިއާގެ އެއްބާރުލުމާއެކު ސްރީލަންކާގެ ރައީސް މައިތްރީޕާލަ ސިރިސޭނާ އަވަހާރަ ކޮށްލެއްވުމަށް ވިކްރަމަސިންހަ ރާއްވަވަމުން ގެންދެވި ކަމުގެ ތުހުމަތުގައެވެ. ނަމަވެސް އެފަދަ ތުހުމަތެއް އިންޑިއާއަށް ނުކުރައްވާ ކަމަށް ސިރިސޭނާ ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއަށް ދަންނަވާފައެވެ.
ކަންމިހެން އޮތް ނަމަވެސް، ވިކްރަމަސިންހަ މަގާމުން ދުރުކުރުމާ އިންޑިއާއާއި ގުޅުމެއް މުޅިން ނެތްކަމަށް ބުނެވެން ނެތްކަމަށް އެޑަމް ގޭރީ ބުނެއެވެ. އެހެނީ، ރާޖަޕަކްސައަކީ ކުރިން ދެންނެވި "ޕްރޯ ޗައިނާ" ފެކްޝަނުގެ ބޭފުޅެކެވެ. ވިކްރަމަސިންހައަކީ "ޕްރޯ އިންޑިއާ" ފެކްޝަނުގެ ބޭފުޅެކެވެ. ނަމަވެސް މިކަމާ ބެހޭ ކިތާބީ އެއްވެސް ހެއްކެ އަދި މިހާތަނަށް އެއްވެސް ފަރާތަކަށް ހުށަހެޅިފައެއް ނުވެއެވެ. ނަތީޖާއަކަށްވީ ކޯޓު އަމުރުގެ ދަށުން، ސްރީލަންކާގެ ބޮޑުވަޒީރު ކަމުގައި ވިކްރަމަސިންހައަށް ދެމިހުރެވޭ ގޮތްވުމެވެ.
އެޑަމް ގޭރީ ބުނާ ގޮތުގައި، އިންޑިއާގެ ހިތެއް ހަމައެއް ނުޖެހެނެވެ. އުފެދުނީ ބަދަލު ހިފުމުގެ ރޫހެކެވެ. އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާތަކަށް ބަލާއިރު، ތުހުމަތު ކުރެވޭ ކަންތައްތަކެއް އެބަހުރި ކަމަށްވެސް އެޑަމް ގޭރީ ބުނެފައިވެއެވެ. އެގޮތުން ދާދިފަހުން ހިނގާދިޔަ ޕުލްވާމާ ހަމަލާއާއި ގުޅިގެން އިންޑިއާއިން ޕާކިސްތާނުގެ ސަރަހައްދަށް ފޮނުވި އަސްކަރީ 2 މަތިންދާބޯޓެއް ޕާކިސްތާނުން ވައްޓާލި ހާދިސާގައި އިންޑިއާއިން ގަތް ލަދުގެ ހަސަދާގައި، ސަރަހައްދީ އެހެން ހަމަނުޖެހުންގަނޑެއް އުފެއްދުމަށް އިންޑިއާއިން ބޭނުންވީ ކަމަށް އެޑަމް ގޭރީ ތުހުމަތުކުރެއެވެ.
ދާހިލީ ހަނގުރާމައިގެ ހަނދާންތައް މާޒީއާ އެކުވަމުންދިޔަ ސްރީލަންކާ އޮތީ ތަރައްގީގެ ކުރިބޯށީގައެވެ. އާންމު މަސްރަހު އޮތީ ހަމަޖެހިފައެވެ. ފަތުރުވެރިކަން އިންތިހާއަށް ކުރިއަރާފައެވެ. ސަލާމަތީ ގޮތުން އޮތް ބަލިފައެއްގެ ނާޖާއިޒު ފައިދާ ނެގޭނެ ހުރިހާ ކޮޅެއް ފެނުނީއެވެ. އޭޕްރިލް 21 ވަނަ ދުވަހުގެ ހަމަލާގެ ޒިންމާ ވަކި ފަރާތެއްގެ ކޮނޑުގައި ލަންކާއިން އެޅުވުމުގެ މާކުރިން އެ ބެރު ޖަހަންފެށި ބަޔަކީ އިންޑިއާ ކަމަށް އެޑަމް ގޭރީ ތުހުމަތު ކުރެއެވެ. އިންތިހާއަށް މުހިންމު އިންތިހާބެއްގެ ތެރޭގައި އިންޑިއާ އޮތް މި ދުވަސްވަރު، އޮޅުދޫކަރަ މިފަދަ ގޮތަކަށް ގުޑުވާލެވުމަކީ ހުރިހާ ގޮތަކުންވެސް އިންޑިއާއަށް ކުރި ލިބޭނެ ކަމެއް ކަމުގައި އެޑަމް ގޭރީ ވަނީ ސިފަކޮށްފައެވެ.
އެޑަމް ގޭރީ ސިފަކުރާ ގޮތުގައި، މިއީ ބެލްޓް އެންޑް ރޯޑް އިނިޝިއޭޓިވްގެ ދަށުން ޗައިނާއާއި ގާތަށް ސްރީލަންކާ ޖެހެމުންދާތީ އިންޑިއާއިން ދިން އަދަބަކަށްވެސް ވެދާނެއެވެ. ހަމަލާ އަމާޒުވި ހޮޓާތަކުން ހޮޓަލެއްވީ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާގެ އާއިލާގެ މެމްބަރުންތަކެއްވެސް ތިއްބެވި ހޮޓަލަކަށް ވާއިރު، އިތުރު ގައުމެއް މި ޗާޓަށް އިތުރުވީއެވެ. މި ހަމަލާގައި ޝައިހް ހަސީނާގެ ކޮއްކޯފުޅެއް ވަނީ މިދުނިޔެއާއި ވަކިވެގެން ގޮސްފައެވެ. މިކަންވެސް ކޮށްފައިވަނީ ސްރީލަންކާގެ ސަލާމަތީ ކަންކަން ހުރި ގޮތުން ކަމަށް ބުނެ ސްރީލަންކާގެ މައްޗަށް ބަންގްލަދޭޝް ނަފުރަތު ކުރުވުމުގެ ރޫހުގައި ކަމަށް އެޑަމް ގޭރީ ވަނީ ތުހުމަތުކޮށްފައެވެ.
ކަންމިހެން އޮތްއިރު، ހަމަލާ ދިން މީހުން ދެނެގަތުމުގައި، ހަމަލާއިން ސަލާމަތްވި މީހުންގެ ވާހަކަތައް ސްރީލަންކާއިން އަޑުއަހަން ޖެހޭކަމަށް އެޑަމް ގޭރީ ވަނީ ބުނެފައެވެ. އެގޮތުން ހަމަލާ ދިން މީހުން ވާހަކަދެއްކި ބަހުރުވައާއި ރާގު ހުރި ގޮތުން އެމީހުންނަކީ ކޮން ހިސާބެއްގެ ބައެއްކަން ދެނެގަނެވިދާނެ ކަމަށާ، ހަމަލާ ދިން ފިރިހެނުން ތިބީ ހިތާނުކޮށްފައިތޯވެސް ބަލަން ޖެހޭކަމަށް އެޑަމް ގޭރީ ވަނީ ބުނެފައެވެ. މިހެން ބުނަންޖެހުނީ އިސްލާމުންގެ ބޮލުގައި އިންޑިއާއިން މީގެ ކުރިން އެޅުވި ތުހުމަތުގެ އެންމެ އަޑިއަށް ފީނިއިރު، އެ ހަމަލާ ދީފައިވަނީ ހިތާނުވެސް ނުކޮށް ހުރި މީހެއްކަން ތަހުގީގަށް އެނގުމުގެ އިތުރުން އެހެން ހާދިސާއެއްގައި ކުށްވެރިވަނީ ޕާކިސްތާނު މީހެއް ކަމަށް އިންޑިއާއިން ބުނިއިރު އެމީހަކު ވާހަކަ ދައްކަނީ އިންޑިއާގެ ބަހުރުވަތަކުންކަން ތަހުގީގުތަކަށް އެނގިފައި އޮތުމުން ކަމަށް އެޑަމް ގޭރީ ވަނީ ބުނެފައެވެ.
މިހުރިހާ ކަމަކަށް ބަލާއިރު އޭޕްރިލް 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ހަމަލާތަކަކީ ދީނީ ފިކުރެއްގެ ތެރެއިން އުފެދިގެން އައި ހަމަލާތަކެއްކަން ބުނެވެން ނެތްކަމަށާ، މިކަމުގައި ފުރިހަމަ ތަހުގީގެއް ހިންގާނީ ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ކަމަށް އެޑަމް ގޭރީ ވަނީ އޭނާގެ ލިޔުމުގައި ބަޔާންކޮށްފައެވެ.
މިވާހަކައަށް ތާއީދު ކުރެވޭ.
މިއީ ފުރަތަމަ ދުވަހުވެސް މަގޭ ހިތައް އެރިގޮތް...އިންޑިޔާއިން މި ސަރަހައްދުގެ ޤައުމުތަކަށް އަތްގަދަ ނުކުރެވިގެން ކުޅުވާ ޑްރާމާ...ދިހަ އަހަރަށްވުރެ ގިނަދުވަސް ވަންދެއް ލަންކާ ދާހިލީ ހަނގުރާމަކުރި. އޭރު ވެސް އިންޑިޔާ އޮތީ ހީލަ ހީލާ...މިހާރު އެކަން ނިމި ލަންކާ ހަމަޖެހިލައިގެން އުޅޭތީ އިންޑިޔާއަށް ހަޖަމުނުވީ،،،އޭރު އެމެރިކާގެ އެފްބީއައި ކޮބާ؟؟؟މިހާރު ކުއްލިއަކަށް ސިރީލަންކާއަށް ފުންމާލީ...މިއީ އިންޑިއާ އަދި އެމެރިކާގެ ނުބައި ރޭވުން...ޔާ ﷲ މި ނުބައި ރޭވުމުން މުސްލިމު އުންމަތް ސަލާމަތްކުރައްވާފާނދޭވެ...
މިއީ ވަރަށް ހަގީގަތާއި އެއްގޮތަށް ލިޔެފައިވާ އާޓިކަލް އެއް މިކަމާ ރާއްޖެއިން ވަރަށް ވިސްނަންޖެހޭ އަދި އެކަށީގެންވާ ފިޔަވަޅު ދުރާ ލާ އެޅުމަކީ ބުއްދިވެރިކަމެއް.
3ނޮވެމްބަރ ގެ ހާދިސާގެ ފުރިހަމަ ދިރާސާއެއްކޮށްލަބަލަ، ގެނައިސާމާނު ތަކުގެ ތަފްސީލު ރިޕޯޓު ކޮބާ؟ ޜާއްޖޭން ފޭބީ ކިހިނެއް ވެގެން. ބޭރުފުށުން ފެންނަ ގޮތަކަށް ނޫން އަސްލު ކަންކަން ހިގަނީކީ...
ދިވެހިން ތެރެއިން އެމްޑީޕީ ގެ އިސްސަފުގައި ތިބި ކިޔަވައިގެން ތިބި އަދި އެމްޑީޕީއަށް ހިތްވަރު ދެމުންދާ މަދު ބަޔަކު ނޫނީ މި އާޓިކަލް ގައި މިވަނީ ތެދުކަން ގާބޫލުކުރާނެ.. އިންޑިއާ އަކީ އިންޑިއާއަށް މިނިވަންކަން ލިބުނު ދުވަހުން ފެށިގެންވެސް އަވައްޓެރިންނަށް ހަސަދަވެރިކަން ލާއިގެން ފޮރުވިގެން އުޅޭ ދުޝްމަން ގައުމެއް ސަރަހައްދުގެ ހުރިހާ ގައުމަކާވެސް. އިންޑިއާ ދުވަހަކުވެސް ހެޔޮއެދޭ ރަހުމައްތެރި އެއް ނޫން އަވައްޓެރި ގައުމުތަކަށް.. 26 އޮގަސްޓް 1947 ފެށިގެން އިންޑިއާ ދިޔައީ ތަފާތު ގޮތްގޮތުން އަވައްޓެރި ގައުމުތަކުގައި ހަމަ ނުޖެހުން އުފެއްދުމައް މަސައްކަތް ކުރަމުން. އިންޑިއާ ގެ ވެރިކަންކުރާ ބީޖޭޕީ އަދި އާރު އެސްއެސް އަކީ އެމީހުން ބުނާ ބޮޑު އިންޑިއާ ހެދުމައް ހުވަފެންދެކެމުން ދާ ބައެއް. އެމީހުންގެ ބޮޑު އިންޑިއާ ކަމައް ކުރަހާ ޗާޓް ގައި އަފްގާނިނސްތާނުން ފެށިގެން މިޔަންމާ ހަމައާ އަދި އައްޑު އަތޮޅު ގަމުން ފެށިގެން ތަޖަކިސްތާ ހަމައަށް އެއީ އިންޑިއާ ގެ ސަރަހައްދު ކަމައް ހަދަން ބޭނުންވޭ. ސްބަރުމާނިއަމް ސުވާމީއަކީ ބީޖޭޕީ ގެ އިސްމީހެއް.. އިންޑިއާ ސިފައިން ހެލިކޮޕްޓަރ ބެލެހެއްޓުމުގެ ނަމުގައި އަދި ރާޑަރ ބަހައްޓައިގެން ކުރާކަމީ ދިވެހިން އެމީހުންގެ ބާރު ގެ ތެރެއިން ބޭރައް ނުކުތަ ނުދިނުން..
ހަމަ އަސްލުވެސް އިންޑިއާއަކީ ގޯސް ބައެއް. ދިވެހިން ވިސްނަންޖެހޭ
ޙިޔާލީ ފޮލާ
މީ ހިތި ހަގީގަތަކީ، އިންޑިއާ އަބަދުވެސް ބޭނުންވާނެ މިސަރަހައްދު އެމީހުންގެ އަތްދަށުގައި ބާއްވަން
އިންޑިޔާ އަށް ހަޖަމް ނުވެގެން ސަރުކާރު ބަދަލުކުރަން އެވަރަކުން އެއުޅުނީ ޔަގީނޭ މިގަމާރު ދިވެހިން އަޅުވެތިނުވަނީސް މައިތިރި ނުވާނެ މިހާރުވެސް އެޅިހާ ބަތަކަށް ރިހަ އަޅާލަ ހުންނަ ރައީސެއް ކިހާދެރަ
މުޅި އިންޑިއާގެ ދައުލަތް ގޯސްކޮށްލީތަ؟