ޝާހީ އަމީރު ޑިއުކް އޮފް ސަސެކްސް ހެރީއާއި ޑަޗަސް މޭގަން މާކެލް އަލަތު ދަރިފުޅަށް މަރުހަބާ ކިއުމަށް އެންމެ ފަހުގެ ވަގުތުތައް ގުނަމުންދާއިރު، އެ ދަރިފުޅަކީ މިފަހަކަށް އައިސް ޝާހީ އާއިލާއަށް އުފަންވި ކުދިންނާ ތަފާތު ކުއްޖެއްގެ ގޮތުގައި މީޑިއާގެ ސަމާލުކަން ހޯދައިފިއެވެ.

ދުނިޔެއަށް އުފަންވެސް ނުވަނީސް ޑިއުކް ހެރީގެ ދަރިފުޅު މީޑިއާގެ ސަމާލުކަން ހޯދާފައިވާ އެންމެ ބޮޑު އެއް ސަބަބަކީ، އެ ދަރިފުޅުގެ ނަމުގެ ކުރިއަށް "ޕްރިންސް" ނުވަތަ "ޕްރިންސަސް" ޝާހީ ގަވައިދުގެ ތެރެއިން ނުލާނެ ކަމެވެ. ދަރިފުޅުގެ ޖިންސް އަދި މީޑިއާއަށް ހާމަކޮށްފައި ނުވާއިރު، އެއީ ފިރިހެން ކުއްޖެއް ނަމަ އެންމެ ޝާހީވެގެންވެސް ބޭނުން ކުރެވޭނެ ލަގަބަކަށް އޮންނާނީ "އާލް އޮފް ޑަމްބާޓޮން"އެވެ.

ޝާހީ ލަގަބު ހަވާސާކޮށްލުމަށްފަހު އެދަރިފުޅަށް ކިއާނެ ނަމަކާ މެދުވެސް ޑިއުކް ހެރީއާއި މޭގަންގެ ފޭނުންދަނީ ބަހުސް ކުރަމުންނެވެ. ގިނަ ބަޔަކު ބުރަވާ ގޮތުގައި ޑިއުކް ހެރީއަށް ލިބިވަޑައިގަންނަވާނީ އަންހެން ބޭފުޅެކެވެ. އަދި ދަރިފުޅުގެ ނަމަކަށްވާނީ ޑަޔާނާއެވެ.

މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު ޑަޗަސް މޭގަން ވިހާނެ ކަމަށް ބެލެވެނީ މިމަހުގެ ފަހުކޮޅު ނޫނީ އަންނަ މެއި މަހުގެ ކުރީކޮޅުއެވެ.