ދުނިޔޭގެ އެންމެ އުސް އިމާރާތުގެ ރެކޯޑް އޮންނަ ބުރުޖު ޚަލީފާގެ އިތުރުން އަބޫ ދާބީގެ ގިނަ ބިނާތަކެއް ސްރީލަންކާގެ ދިދައިގެ ކުލަތަކުން ދިއްލާލައިފިއެވެ.

މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން ހަމްދަރުދީފާޅުކޮށް، ސްރީލަންކާއާއިއެކު ދެމި އޮތްކަން ބަޔާންކޮށްދިނުމުގެ ގޮތުން އެމިރޭޓްސް ޕެލަސް، ޝައިހް ޒައިދު ބުރިޖު، އެޑްނޮކް ބިލްޑިންގް އަދި ކެޕިޓަލް ގޭޓްވެސް ވަނީ ސްރީލަންކާގެ ދިދައިގެ ކުލަތަކުން ދިއްލާފައެވެ.

ސްރީލަންކާއަށް ދިން ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ދުނިޔޭގެ އެކި ހިސާބުތަކުން ދަނީ އެއްބައިވަންތަކަމުގެ ރޫހާ ޝުއޫރު ފާޅުކުރުމުގެ ގޮތުން މިފަދަ އެކި ހަރަކާތްތައް ހިންގަމުންނެވެ. އެގޮތުން ސްރީލަންކާގެ ހަމަލާތަކުގައި މަރުވި މީހުންގެ ހަނދާނުގައި ފަރަންސޭސިވިލާތުގެ ރަމްޒީ އައިފިލް ޓަވަރު ނިއްވާލިއިރު، ސްރީލަންކާއަށް ލިބިފައިވާ ހިތާމައަށް ދިވެހި ސިފައިންގެ މައިމަރުކަޒުކަމުގައިވާ ބަންޑާރަ ކޮށީގެ ލެޑްބޯޑުވެސް ވަނީ ހާއްސަކޮށްފައެވެ.