ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތާ ގުޅުން އޮތް ކަމުގައި ތުހުމަތުގައި 140 މީހަކު އަދިވެސް ހޯދަމުން އަންނަ ކަމަށް ސްރީލަންކާގެ ރައީސް މައިތްރީޕާލަ ސިރިސޭނާ ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ސިރިސޭނާ ވިދާޅުވީ، ސްރީލަންކާގެ ޒުވާނުން އައިސިސްއާއި ގުޅެން ފަށާފައިވަނީ 2013 ވަނަ އަހަރާ ހިސާބުން ކަމަށާ، ޓެރަރިސްޓް ހަމަލާއެއް ސްރީލަންކާއަށް އަމާޒުވެދާނެ ކަމުގެ އިންޒާރެއް، ސްރީލަންކާ ފުލުހުންނާ ދިފާއީ ބާރުގެ އިސްވެރިޔާ ފޯރުކޮށްދެއްވާފައި ނުވާކަމަށެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން ސިރިސޭހާ ވިދާޅުވީ މިދިޔަ އާދީއްތަ ދުވަހުގެ ހަމަލާތަކުގައި އިސްކޮށް ހަރަކާތްތެރިވި ލީޑަރު ކަމަށް ތުހުމަތު ކުރެވޭ މީހާ، އެ ހަމަލާތަކުގައި މަރުވެފައިވާކަމަށެވެ.

ސްރީލަންކާއަށް އަމާޒުވި ޓެރަރިސްޓް ހަމަލާތަކުގައި އިސްކޮށް ހަރަކާތްތެރިވެފައިވަނީ އައިސިސް ޖަމާއަތާ އެ ޖަމާއަތު ލީޑަރަށް ބައިޔަތު ހިފާފައިވާ ޒަހްރާން ހާޝިމް (މުޙައްމަދު ޒަހްރާން) ކަމަށް ސްރީލަންކާއިން ދަނީ ބުނަމުންނެވެ.

ސިރިސޭނާ ވިދާޅުވީ، އާދީއްތަ ދުވަހު ޝަންގްރިއްލާ ހޮޓަލަށް ދިން ހަމަލާގައި ޒަހްރާން މަރުވެފައިވާކަމަށް ޖާސޫސީ އިދާރާތަކުން މައުލޫމާތު ފޯރުކޮށްދީފައިވާކަމަށެވެ.

ކަންމިހެން އޮތްއިރު ބޮމުގެ ހަމަލާތަކުގެ ތުހުމަތު އަމާޒުވާ ބައެއްގެ ފޮޓޯތަކެއް ސްރީލަންކާ ފުލުހުން އާންމުކުރިއިރު، އެމެރިކާގެ މުސްލިމު އެކްޓިވިސްޓެއްގެ ފޮޓޯ "އޮޅުމަކުން" ހިއްސާކުރެވުނު މައްސަލައެއްވެސް މިހާރު ވަނީ ފެންމަތިވެފައެވެ.

އަމާރާ މަޖީދުގެ ނަމުގައި ހަރަކާތްތެރިވަމުންދާ އެމެރިކާގެ މުސްލިމް އެކްޓިވިސްޓްގެ ފޮޓޯ ބޭނުންކޮށްފައިވާކަން ބަޔާންކޮށް އަމާރާ ވަނީ ފޭސްބުކްގައި ޕޯސްޓެއްވެސް ކޮށްފައެވެ. މާ ގިނައިރުތަކެއްނުވެ ސްރީލަންކާ ފުލުހުންވަނީ އަމާރައަކީ ހޯދަން ބޭނުންވާ މީހެއް ނޫންކަމަށް ބުނެފައެވެ.

ހުސްވި ހަފުތާގައި ސްރީލަންކާއަށް އަމާޒުވި ޓެރަރިސްޓް ހަމަލާތަކާ ގުޅިގެން އެ ގައުމުގެ ސަލާމަތީ، ޖާސޫސީ އަދި ދިފާއީ ބާރުގެ ނުކުޅެދުންތެރިކަން ފާހަގަކޮށް، ގިނަ ބަޔަކު ދަނީ ފާޑުކިއަމުންނެވެ.