އިންޑިއާގައި ކުރިއަށްދާ އެގައުމުގެ އާންމު އިންތިހާބުގައި ވާދަކުރެއްވުމަށް، މިހާރުގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީ ކެންޑިޑަސީ ފޯމު ރަސްމީކޮށް ހުށަހަޅުއްވައިފިއެވެ.

މިފަހަރުގެ އިންތިހާބުގައިވެސް މޯދީ ވާދަކުރައްވަނީ ވަރަނާސީ ދާއިރާއިންނެވެ.

މޯދީ ކެންޑިޑަސީ ފޯމު ހަށަހަޅުއްވާފައިވަނީ މިއަދު މެންދުރެއްހާއިރުއެވެ. މޯދީގެ އަރިހުގައި ވެރިކަން ކުރާ ބީޖޭޕީގެ ރައީސް އަމީތު ޝާހް، ޔޫނިއަން ހޯމް މިނިސްޓާ ރާޖްނާތު ސިންހް އަދި އެކްސްޓާނަލް އެފެއާޒް މިނިސްޓާ ސުޝްމާ ސުވަރާޖުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

މޯދީއާއި އެންމެ ގާތުން ވަރަނާސީއިން ވާދަކުރައްވާ އިދިކޮޅު ކެންޑިޑޭޓުންގެ ތެރޭގައި ކޮންގްރެސްގެ އަޖޭ ރާއީއާއި އެސްޕީ ލީޑަރު ޝާލިނީ ޔާދޭވް ފާހަގަކުރެވެއެވެ.

2014 ވަނަ އަހަރުގެ އާންމު އިންތިހާބުގައި ވަރަނާސީއިން މޯދީ ކުރި ހޯއްދަވާ، މަޖިލީހުގެ ގޮނޑި ކަށަވަރުކުރައްވާފައިވަނީ 3.37 ލައްކަ ވޯޓުގެ ތަފާތުންނެވެ.

7 މަރުހަލާއަކަށް ބަހާލައިގެން ކުރިއަށްގެންދާ އިންޑިއާގެ އާންމު އިންތިހާބުގައި ވަރަނާސީއިން ވޯޓުލާން ނިކުންނާނީ އަންނަ މެއި މަހުގެ 19 ވަނަ ދުވަހުއެވެ. މިއީ އެންމެ ފަހު މަރަހަލާ ކަމަށްވާއިރު، އިންތިހާބުގެ ވޯޓުތައް ގުނަން ފެށުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 23 ވަނަ ދުވަހުއެވެ.