ސްރީލަންކާ ފުލުހުންގެ އެންމެ އިސްވެރިޔާގެ މަގާމުގައި ހުންނެވި އިންސްޕެކްޓާ ޖެނެރަލް ޕުޖީތު ޖަޔާސުންދްރާ، އެ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލީސް ޖަޔާސުންދްރާ އިސްތިއުފާ ދެއްވާފައި މިވަނީ، މިދިޔަ އާދީއްތަ ދުވަހު ސްރީލަންކާގެ އެކި ހިސާބުތަކަށް އަމާޒުވި ބޮމުގެ ހަމަލާތަކުގައި އެގައުމުގެ ސަލާމަތީ ބާރުތައް ފެއިލްވެފައިވާ ކަމަށް ގިނަ ބަޔަކު އިއްތިފާގުވެފައިވާ ދަނޑިވަޅެއްގައެވެ.

ސްރީލަންކާގެ ދިފާއީ ވަޒީރު ހެމާސިރީ ފެނާންޑޯވެސް ވަނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައި، ވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވާފައެވެ.

އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލީސްގެ މަގާމުން ޖަޔާސުންދްރާ އިސްތިއުފާ ދެއްވިކަން، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ސިރިސޭނާ ވިދާޅުވީ، އިންސްޕެކްޓާ ޖެނެރަލް އޮފް ޕޮލީސްގެ މަގާމަށް ވަރަށް އަވަހަށް ބޭފުޅަކު ހަމަޖައްސަވާނެ ކަމަށެވެ.

އާދީއްތަ ދުވަހުގެ ހަމަލާތަކާ ގުޅިގެން ސްރީލަންކާގެ ދިފާއީ އަދި ސަލާމަތީ ބާރުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނާނެ ކަމަށް ސްރީލަންކާ ސަރުކާރުގެ އިސް މެނޭޖުމަންޓުން ވަނީ ބުނެފައެވެ.

ސްރީލަންކާއަށް އަމާޒުކޮށް ހުސްވި ހަފުތާގައި ދިން ބޮމުގެ ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 253 އަށް ދަށްކޮށްފައެވެ. މިއަދަދު 359 އަށް އަރާފައިވާކަމަށް ކުރިން ބުނެވުނީ ހިސާބު ހެދުމުގައި އެރި އޮޅުމެއްގެ ސަބަބުން ކަމަށާ، އޮޅުން އަރާފައިވަނީ ހަމަލާއާއި ގުޅިގެން މަރުވި މީހުންގެ ހަށިގަނޑުގެ ގުނަވަންތައް ވަރަށް ބޮޑަށް ބުރިބުރިވެ، ނެއްޓިފައި އޮތުމުގެ ސަބަބުން ޑަބަލް ކައުންޓް ކުރެވިގެންކަމަށްވެސް ސްރީލަންކާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.