ސްރީލަންކާގެ ވެރިރަށް ކޮޅުނބުގެ އިރުމަތިން އޮންނަ އަވަށަކުން މިއަދު ހެނދުނު އެއްޗެއް ގޮވި ހާދިސާ ތަހުގީގު ކުރަމުން އަންނަ ކަމަށް ސްރީލަންކާ ފުލުހުންގެ ތަރުޖަމާނު ރުވާން ގުނަސޭކަރު ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު އެއްވެސް ގޮވާފައިވަނީ ޕުގޯޑާގެ މެޖިސްޓްރޭޓް ކޯޓު ސަރަހައްދުގައި އޮންނަ ހުސްބިމެއްގައެވެ. ނަމަވެސް މި ހަމަލާގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކަލެއް ވެފައި ނުވާކަން ގުނަސޭކަރު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

އާދީއްތަ ދުވަހުގެ ޓެރަރިސްޓް ހަމަލާތަކަށްފަހު ދޭތެރެ ދޭތެރެއިން ސްރީލަންކާގެ އެކި ހިސާބުތަކުގައި ކަމާ ބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުން ގޮވުންތައް ގޮއްވާފައި ވީ ނަމަވެސް، މިއަދުގެ ގޮވުމަކީ އެފަދަ ކަމެއް ނޫންކަމަށްވެސް ގުނަސޭކަރު ވަނީ ވިދާޅުވެފައެވެ.

އާދީއްތަ ދުވަހުގެ ބޮމުގެ ހަމަލާތަކާ ގުޅިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 360 އަށްވުރެ މައްޗަށް އަރާފައެވެ.