އާދަޔާ ހިލާފު ވުޒާރާތައް އުފެއްދުމުގެ ރެކޯޑު އޮންނަ އެކުވެރި އަރަބި އިމާރާތް (ޔޫ.އޭ.އީ)އިން އަނެއްކާވެސް އާ ރެކޯޑެއް ހަދައިފިއެވެ.

ޔޫ.އޭ.އިން މިފަހަރު ގާއިމުކުރީ މިނިސްޓްރީ އޮފް ޕޮޒިބިލިޓީޒްއެވެ. މި ވުޒާރާގެ އެންމެ އާދަޔާ ހިލާފު ކަމަކީ، މިއީ ވާޗުއަލް ނުވަތަ ޓެކްނޮލޮޖީގެ ތެރޭގައި އޮތް މަސްނޫއީ ވުޒާރާއަކަށް ވާ ކަމެވެ.

މިއީ ދުނިޔޭގައިވެސް ފުރަތަމަ ފަހަރަށް އުފެއްދި ވާޗުއަލް ވުޒާރާއެވެ.

މި ވުޒާރާ ބަލަހައްޓަމުންދާނީ ޔޫ.އޭ.އީގެ ވަޒީރުންގެ މަޖިލީހުންނެވެ.

ޔޫ.އޭ.އީގެ ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝައިހު މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމު ވިދާޅުވީ މި ވުޒާރާއަށް ކަނޑައެޅިފައިވާ ހާއްސަ ވަޒީރަކު ނުހުންނަވާނެ ކަމަށެވެ. މި ވުޒާރާއަކީ ސަރުކާރުގެ މަގާމުތަކަށް މީހުން ކަނޑައެޅުވުމާ، ސަރުކާރާ ވެރިކަން ހިނގާ ގޮތް ކަނޑައެޅުމަށް އެހީވެދޭނެ ވުޒާރާއެއް ކަމަށް މައުލޫމާތު ލިބެއެވެ.

ސަރުކާރުގެ ހިދުމަތް ހޯދަން ގިނައިރު މަޑުކުރަންޖެހޭ ޖެހުމަށްވެސް މި ވުޒާރާގެ ސަބަބުން ހައްލު ލިބިގެންދާނެ ކަމަށް ޔޫއޭއިން ވަނީ ބުނެފައެވެ.

2016 ވަނަ އަހަރު ޔޫ.އޭ.އީއިންވަނީ އުފާވެރިކަމާ ވުޒާރާއެއްވެސް އުފައްދާފައެވެ.