ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި އިންސާނުން ހަނދަށް ފޮނުވާ، ހަނދުގައި ދިރާސާ މަރުކަޒެއް ގާއިމުކުރާނެ ކަމަށް ޗައިނާއިން ބުނެފިއެވެ.
ޖައްވުގައިވެސް ސުޕާޕަވާއެއްގެ ގޮތުގައި ދެމި އޮތުމަށް އަމާޒު ހިފާފައިވާ ޗައިނާއިން ހިންގާ ޖައްވީ މިޝަންތައް ވަރުގަދަ ކުރަން ފަށާފައިވާއިރު، ހަނދުގެ "އަނދިރި" ފަރާތަށް ފުރަތަމަ ފަހަރަށް ޖައްވީ އުޅަނދެއް ފޮނުވި ގައުމުގެ ޝަރަފުވެސް ހޯދާފައިވަނީ ޗައިނާއިންނެވެ.
ޗައިނާގެ ނޭޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަންއިން ބުނީ، ސައިންޓިފިކް ދިރާސާކުރުމަށް ހާއްސަކޮށްގެން ޗައިނާގެ ދިރާސާ މަރުކަޒު ތަރައްގީ ކުރާނީ ހަނދުގެ ދެކުނު ތަނޑީގައި ކަމަށެވެ.
އެމެރިކާ، ރަޝިޔާ، ކެނެޑާ، ޖަޕާން އަދި ވިލާތުގެ ގައުމުތައް ގުޅިގެން ޖައްވުގައި އޮޕަރޭޓްކުރަމުންދާ ބައިނަލްއަގުވާމީ ޖައްވީ އިދާރާ (އައި.އެސް.އެސް)ގެ އޮޕަރޭޝަންތައް 2024 ވަނަ އަހަރު ހުއްޓާލާއިރު، އައި.އެސް.އެސްގެ ބަދަލުގައި ބައިނަލްއަގުވާމީ ޖައްވީ މަރުކަޒުގެ ގޮތުގައި ދެން ބޭނުންކުރާނެ ސްޓޭޝަނެއް ޖައްވަށް ފޮނުވަށް ޗައިނާއިން ދަނީ ތައްޔާރުވަމުންނެވެ. "ދަ ހެވަންލީ ޕެލަސް"ގެ ނަން ދީފައިވާ މި ސްޓޭޝަން ދުނިޔޭގެ އޯބިޓަށް ފޮނުވާނީ 2022 ވަނަ އަހަރު ކަމަށް ޗައިނާއިން ވަނީ ބުނެފައެވެ.
މަދަނީ އަދި އަސްކަރީ ޖައްވީ މަޝްރޫއުތަކަށް ޗައިނާއިން މިހާރު ދަނީ ރަޝިޔާއާއި ޖަޕާނަށްވުރެވެސް ބޮޑު ހޭދައެއް ކުރަމުންނެވެ. ނަމަވެސް އަދިވެސް ޖައްވީ މަޝްރޫއުތަކުގައި 1 ވަނަ ގެންދަނީ އެމެރިކާއިންނެވެ.